ފައިސާ ދައްކަން އަޅުގަނޑަކަށް ނާންގާ، ދައްކަންޖެހޭ ފައިސާއެއް ނޯންނާނެ: ހުސައިން ރަޝީދު
ސަރުކާރަށް ފައިސާ ދެއްކެވުމަށް އޭނާ އަށް ފިނޭންސް މިނިސްޓްރީން އަންގާފައިނުވާ ކަމަށް އެމްޑީޕީ ސަރުކާރުގައި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވާފައިވާ އައްޝައިޚް ހުސައިން ރަޝީދު އަހުމަދު ވިދާޅުވެއްޖެއެވެ. ހުސައިން ރަޝީދު މިއަދު ސަން އަށް ވިދާޅުވީ ފައިސާ ދެއްކެވުމަށް އެއްވެސް ސިޓީއެއް ފިނޭންސް މިނިސްޓްރީން އޭނާ އަށް ފޮނުވާފައިނުވާ ކަމަށާއި ސަރުކާރަށް އޭނާ ދައްކަވަންޖެހޭ އެއްވެސް ފައިސާއެއް ނޯންނާނެ ކަމަށެވެ. އެމްޑީޕީ ސަރުކާރުގައި އޭނާ އަދާކުރެއްވި އެއްވެސް މަގާމެއްގައި ސަރުކާރަށް ފައިސާ ދައްކަވަންޖެހޭނެ ފަދަ ކަމެއް ކުރައްވާފައިނުވާނެ ކަމަށް ވެސް ހުސައިން ރަޝީދު ވިދާޅުވިއެވެ. "އަޅުގަނޑަކީ އެއްވެސް ލާރިއަކާ ބެހުނު މީހެއް ނޫން. އެއްވެސް އިރެއްގައި. ސަރުކާރުގެ އެއްވެސް ދާއިރާއެއްގައި އެއްވެސް އިރެއްގައި ލާރިއަކާ ބެހުނު މީހެއް ނޫން. އަޅުގަނޑަކީ ސަރުކާރުން ފޯނެއް ދީފަ ހުރި މީހެއް ނޫން. އެހެންނަމަތާ މިސާލަކަށް ބައެއް މީހުންގެ ފޯނު ބިލް ބޮޑުވާތީ އަޅުގަނޑުގެ ފޯނު ބިލް ބޮޑުވާނީ ވެސް. އެހެންވީމަ ޔާމީނަށް އެއޮތީ ހަމަ މޫނު މައްޗަށް ތަފާލެއް ޖެހިފަ. ޝުކުރިއްޔާ އޭ އަޅުގަނޑު ދަންނަވާނީ ޔާމީނަށް،" ހުސައިން ރަޝީދު ވިދާޅުވިއެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދާ އެކު ހަތް ބޭފުޅަކަށް ދައުލަތަށް ފައިސާ ދެއްކެވުމަށް އަންގާފައިވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުރާސްފަތި ދުވަހުގެ ރޭ ބުނެފައެވެ. ނަމަވެސް އެބޭފުޅުން ދައްކަވަންޖެހޭ ފައިސާގެ އަދަދެއް އެ މިނިސްޓްރީން މީޑިއާއާ ހިއްސާކޮށްފައެއް ނުވެއެވެ. ފިނޭންސް މިނިސްޓްރީން ބުނީ އެ ބޭފުޅުން ދައުލަތަށް ފައިސާ ދައްކަވަންޖެހޭ ކަމަށް އޮޑިޓް ރިޕޯޓުތަކުން އެނގޭ ކަމަށެވެ. ހުސައިން ރަޝީދާއި ރައީސް ނަޝީދުގެ އިތުރުން ފައިސާ ދައްކަވަން ޖެހިވަޑައިގަންނަވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނި ބޭފުޅުންނަކީ ކުރީގެ ހޯމް މިނިސްޓަރު އަދި މިހާރު މާލޭ ސިޓީގެ މޭޔަރު މުހައްމަދު ޝިހާބާއި ކުރީގެ ފޮރިން މިނިސްޓަރު އަހުމަދު ނަސީމާއި ޑރ. އަހުމަދު ޝަހީދު އާއި ކުރީގެ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް މުހައްމަދު އަސްވާނެވެ. އެ މިނިސްޓްރީން އެންގި އެންގުމާ އެއްގޮތަށް ހަތް ދުވަހުގެ ތެރޭގައި އެ ފައިސާ ނުދައްކަވައިފިނަމަ އެޓާނީ ޖެނެރަލް މެދުވެރިކޮށް އެބޭފުޅުންގެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާނެ ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ