ޔާމީން ވޯޓުލެއްވުމަށް ރަޖިސްޓަރީއެއް ނުކުރައްވާ!

ވ. އާރަށް ޓޫރިޒަމަށް ދޫކުރުމުގެ ތެރެއިން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ނަގައި އެ ފައިސާ ލޯންޑާކުރި ކަމުގެ ކުށުގައި 11 އަހަރަށް ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބުދުﷲ ޔާމީން މިހާރު ކުރިއަށްދާ ރިޔާސީ އިންތިހާބުގައި ވޯޓުލެއްވުމަށް ރީ ރެޖިސްޓާ ނުކުރައްވާ ކަމަށް "ވަން"އަށް ކަށަވަރުވެއްޖެއެވެ.
ޔާމީން މިފަހަރު އިންތިހާބަށް ރީ ރަޖިސްޓާ ކުރައްވާފައި ނުވާތީވެ، އެމަނިކުފާނަށް މިއަދުގެ އިންތިހާބުގައި ވޯޓު ނުލެއްވޭނެއެވެ. ޖަލުގައި ތިއްބަވާ ފަރާތްތައް މާފުއްޓަށް ވޯޓުލާން ޖެހޭ އިރު، އެ ފޮށްޓަށް ރައީސް ޔާމީން ރަޖިސްޓާ ކުރައްވާފައި ނުވާކަން "ވަން"އަށް ވަނީ އެނގިފައެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ރައީސް ޔާމީން ވަނީ މަސައްކަތްތަކެއް ކުރައްވައިފައެވެ. އެގޮތުން މިދިޔަ މަހުގެ ތެރޭގައި އެމަނިކުފާނު ކެނޑިޑެސީ ފޯމު ހުށަހެޅުއްވި ނަމަވެސް، އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ ޝަރުތު ހަމަނުވާ ކަމަށެވެ. ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާތީ، އީސީން ޔާމީންގެ ޝަރުތު ހަމަނުވާ ކަމަށް ކަނޑައެޅުމާއެކު ޔާމީންގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓަށްވެސް ވައްދާފައިވެއެވެ.
މައްސަލަ ބެއްލެވުމަށްފަހު ސުޕްރީމް ކޯޓުން ހުކުމް ކުރީވެސް ރައީސް ޔާމީނާ ދެކޮޅަށެވެ. އެއީ އިންތިހާބުގައި ވާދަކުރައްވަން ޝަރުތު ފުރިހަމަނުވާ ކަމަށެވެ. ޔާމީނަށް ވާދަނުކުރެވޭނެކަން ޔަގީންވުމާއެކު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ޑރ. މުހައްމަދު މުއިއްޒު އިންތިހާބަށް ނެރެފައިވާ އިރު، މިފަހަރުގެ އިންތިހާބު ބޮއިކޮޓް ކުރައްވަން ރައީސް ޔާމީން މަސައްކަތް ކުރައްވާފައިވެއެވެ. އެހެން ނަމަވެސް، ޕީޕީއެމް ޕީއެންސީ ސެނެޓުން ނިންމާފައިވަނީ އިންތިހާބު ބޮއިކޮޓް ނުކޮށް، މުއިއްޒާއެކު ކުރިއަށް ދިއުމަށެވެ.
ރައީސް ޔާމީންވެސް ވަނީ ފަހުން ސެނެޓުގެ ނިންމުމަށް ތާއީދުކުރައްވައި، މުއިއްޒަށް އެންޑޯސްވެސް ކުރައްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ