ފަލަސްތީނަށް ސަޕޯޓުކޮށްގެން ސްކްރީމްގެ ކާސްޓުން ބޭރުކޮށްލި ތަރި އަލުން ގެންނަނީ
ސޯޝަލް މީޑިއާގައި ފަލަސްތީނަށް ސަޕޯޓުކުރުމުގެ ސަބަބުން މަޝްހޫރު ފްރެންޗައިޒް "ސްކްރީމް"ގެ ކުރިއަށް އޮތް ފިލްމުގެ ލީޑުން ބޭރުކޮށްލި ޒުވާން ތަރި މެލިއްސާ ބެރޭރާ އަލުން އެ ފިލްމަށް ގެންނަން އުޅޭކަމުގެ ވާހަކަތަކެއް ދެކެވެން ފަށައިފިއެވެ. ގާތްގަނޑަކަށް 30 އަހަރު ވާން ގާތްވެފައިވާ ސްކްރީމް ފްރެންޗައިޒްގެ ހަވަނަ ބައެއް ރިލީޒްކޮށްފައިވަނީ 2023 ވަނަ އަހަރުގެ ކުރީކޮޅުގައެވެ. ފްރެންޗައިޒްގެ ހަވަނަ ފިލްމާ އެކު ފްރެންޗައިޒްގެ ލީޑް އެކްޓަރުން ވަނީ ބަދަލުކޮށްލައިފައެވެ. އެގޮތުން، ހަވަނަ ފިލްމުގައި ލީޑުން ފެނިގެން ގޮސްފައިވަނީ ޖެނާ އޯޓޭގާއާއި މެލިސާ ބެރޭރާއެވެ. ޖެނާއާއި މެލިސާ ވަނީ ފްރެންޗައިޒްގެ ހަތްވަނަ ބައިގެ ވެސް ލީޑަށް ހަމަ ޖައްސާފައެވެ. އަދި، އެ ފިލްމުގެ މަސައްކަތް ވަނީ އެ އަހަރުގެ އޯގަސްޓުގައި ފަށާފައެވެ. ނަމަވެސް، އޮކްޓޫބަރަށް ފަހު ފިލްމުގެ ލީޑް އެކްޓަރު މެލިއްސާ ފަލަސްތީނުގެ ހައްގުގައި ވާހަކަދެއްކުން އިތުރު ކުރި ހިސާބުން އޭނާ ކާސްޓުން ބޭރުކޮށްލިއެވެ. މާ ގިނަ ދުވަސްތަކެއް ނުވެ ޖެނާ އަމިއްލައަށް ކާސްޓުން ވަކިވިއެވެ. އެހާ ހިސާބުން މުޅި ޓީމު ރޫޅި ފިލްމު އަލުން އަތުރަން މަސައްކަތް ކުރިއެވެ. ނަމަވެސް އެ މަސައްކަތް ކާމިޔާބު ވާ ގޮތެއް ނުވިއެވެ. އެންމެެ ފަހުން މިހާރު މަސައްކަތް ކުރަމުން އަންނަނީ މެލިއްސާ އަލުން ކާސްޓަށް ގެނައުމަށެވެ. ފިލްމުގެ ކެމެރާ ފަހަތުގައި މަސައްކަތް ކުރާ އެންމެންހެން ބަދަލުވުމުން ގިނަ ބަޔަކު ބޭނުންވަނީ މެލިއްސާ އަލުން ކާސްޓުގައި ހިމަނާށެވެ. ނަމަވެސް، މިއިން އެއްވެސް މައުލޫމާތެއް އަދި ހާމަކޮށްފައެއް ނުވެއެވެ. މައުލޫމާތު ލިބޭގޮތުގައި ހުރިހާ މައްސަލައެއް ޖެހުނީ ޕްރޮޑަކްޝަން ކުންފުނި "ސްޕައިވެއާ ގްލާސް" އާ ގުޅިގެންނެވެ. ނަމަވެސް، މިހާރު އެމީހުން ހިޔާލު ބަދަލުވީ ކަމެއް ނުވަތަ ނުވާ ކަމެއް އަދި ނޭނގެއެވެ. ކޮންމެގޮތެއްވި ނަމަވެސް މެލިއްސާ ބޭރު ކޮށްލި ހިސާބުން ސްކްރީމް ފްރެންޗައިޒްގެ ބޮޑު ފޭން ބޭސް އެއް ގެއްލިގެން ދިޔައެވެ. އެއާއެކު މިހާރު ޕްރޮޑަކްޝަނުން އުޅޭނީ އަލުން އެ ފޭނުން ގެނެވޭތޯ މަސައްކަތް ކުރާށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ