ފަލަސްތީނުގެ ރައްޔިތުން ޣައްޒާއިން ބޭރުކުރުމަށް އެމެރިކާގެ އެހީއަށް އިސްރާއީލުން ވަނީ އެދިފައި: ރިޕޯޓް

އިސްރާއީލްގެ މޮސާޑް ޖާސޫސް އޭޖެންސީގެ ޑިރެކްޓަރު މިހަފްތާ ވޮޝިންގްޓަނަށް ޒިޔާރަތްކޮށް، ޣައްޒާއިން ބޭރުކުރާ އެތައް ސަތޭކަ ހާސް ފަލަސްތީން ރައްޔިތުން ބަލައިގަތުމަށް އެކި ގައުމުތަކަށް ބާރުއެޅުމަށް އެމެރިކާގެ އެހީތެރިކަމަށް އެދިފައިވާކަމަށް ''އެކްސިއޯސް'' ގެ ރިޕޯޓެއްގައި ބުނެފިއެވެ.
އެ ނޫހުން ބުނެފައިވާ ގޮތުގައި މި މައްސަލައާ ގުޅޭ ދެ މަސްދަރަކުން އެ ނޫހަށް ވަނީ މި މައުލޫމާތު ހިއްސާކޮށްފައެވެ. މިގޮތުން ޣައްޒާގެ ރައްޔިތުން ބޭރުކޮށް ވަކިން ޚާއްޞަކޮށް އިތިޔޯޕިއާ، އިންޑޮނޭޝިއާ އަދި ލިބިޔާގައި ވަޒަންވެރިކުރުވުމަށް އެ ޤައުމުތަކާއި އިސްރާއީލުން ވާހަކަދައްކަމުން އަންނަކަމަށް އިސްރާއީލްގެ ޖާސޫސް އޭޖެންސީގެ އިސްވެރިޔާ ޑޭވިޑް ބަރނެއާ، ވައިޓް ހައުސްގެ ޚާއްސަ މަންދޫބު ސްޓީވް ވިޓްކޮފްއާއި އެކު ބޭއްވި ބައްދަލުވުމެއްގައި ބުނެފައިވާކަމަށް އެ ނޫހުން ވަނީ ރިޕޯޓްކޮށްފައެވެ.
މިހަފްތާގެ ކުރީކޮޅު ބޭއްވުނު ބައްދަލުވުމުގައި، ބަރނެއާ ވަނީ ވިޓްކޮފްއަށް އިތިޔޯޕިއާ، އިންޑޮނޭޝިއާ އަދި ލިބިޔާއިން ޣައްޒާއިން ގިނަ އަދަދެއްގެ ފަލަސްތީނުން ބަލައިގަތުމަށް ހުޅުވާލާފައިވާ ކަމަށް ބުނެފައެވެ. ބަރނެއާ ވަނީ އެމެރިކާއިން އެ ގައުމުތަކަށް އިންސެންޓިވްތަކެއް ހުށަހަޅައި، އެ ގައުމުތައް ގަބޫލުކުރުވުމަށް އިސްރާއީލަށް އެހީތެރިވުމަށް ހުށަހަޅާފައެވެ. ނަމަވެސް އެކަމާއި ގުޅިގެން ވިޓްކޮފް އެއްވެސް އެއްޗެއް ނުބުނާކަމަށާއި، އެހެންވެ މި މައްސަލައިގައި އެމެރިކާއިން އެއްވެސް ދައުރެއް އަދާކުރާނެކަން ސާފެއް ނޫން ކަމަށް އެއް މަސްދަރު ބުނެފައިވެއެވެ.
ވައިޓް ހައުސްއިންނާއި، އިސްރާއީލްގެ ބޮޑުވަޒީރުގެ އޮފީހުންނާއި، އިތިޔޯޕިއާ، އިންޑޮނޭޝިއާ އަދި ލިބިޔާގެ ފޮރިން މިނިސްޓްރީތަކުން މި ވާހަކަތަކާ ގުޅޭ ގޮތުން އެ ހޫނުން ކޮމެންޓަކަށް އެދުމުން ޖަވާބެއް ދީފައެއް ނުވާކަމަށް އެ ނޫހުގައި ބުނެފަވެއެވެ.
ޣައްޒާގެ އާބާދީގެ ބޮޑު ބައެއް ނެރުމަށް އިސްރާއީލް ސަރުކާރުން ކުރާ މަސައްކަތަކީ ވަރަށް ބޮޑަށް ޚިލާފު އުފެދިފައިވާ ކަމެކެވެ. ބަދަލުވުމަކީ "އަމިއްލަ އިޚްތިޔާރުގައި" ކުރާ ކަމެއް ކަމަށް ބުނި ނަމަވެސް، އެމެރިކާ އަދި އިސްރާއީލްގެ ޤާނޫނީ މާހިރުން މިއީ ހަނގުރާމައިގެ ކުށެއް ކަމަށް ވަނީ ލޭބަލްކޮށްފައެވެ.
ފެބްރުއަރީ މަހު، ޣައްޒާ އަލުން ބިނާކުރުމަށްޓަކައި ދެ މިލިއަން ފަލަސްތީނުން އެތަނުން ނެރުމަށް ޓްރަމްޕް ވަނީ ހުށަހަޅާފައެވެ. ނަމަވެސް އަރަބި ގައުމުތަކުން އެކަމަށް ވަރަށް ބޮޑަށް އިންކާރު ކުރުމާއިގުޅިގެން ވައިޓް ހައުސްއިން މި ޚިޔާލަށް ފަހަތަށް ޖެހުނު ކަމަށް އެމެރިކާގެ އޮފިޝަލުން ބުނެއެވެ.
އިސްރާއީލްގެ އޮފިޝަލުން ބުނާ ގޮތުގައި ޓްރަމްޕްގެ އިދާރާއިން އެ ގައުމަށް ބުނެފައިވަނީ ނަތަންޔާހޫއަށް މި ޚިޔާލު ކުރިއަށް ގެންދަން ބޭނުންވާނަމަ، ޣައްޒާއިން ފަލަސްތީނުން ބަލައިގަންނާނެ ގައުމުތަކެއް ހޯދަން ޖެހޭނެ ކަމަށެވެ.
ޣައްޒާ ސްޓްރިޕްއިން ބަދަލުކުރެވޭ ގިނަ އަދަދެއްގެ ފަލަސްތީނުން ބަލައިގަންނާނެ ގައުމުތަކެއް ހޯދުމުގެ މަސައްކަތް ނަތަންޔާހޫ ވަނީ އިސްރާއީލްގެ މޮސާޑް ފޮރިން އިންޓެލިޖެންސް އޭޖެންސީއާ ހަވާލުކޮށްފައެވެ.
އިސްރާއީލުން ވަނީ އެންކްލޭވްގެ ދެ މިލިއަން ރައްޔިތުން މިޞްރާ ދެމެދު އޮންނަ ކުޑަ "ހިއުމެނިޓޭރިއަން ޒޯން" އަކަށް ބަދަލުކުރުމުގެ ޕްލޭނެއް އެކުލަވާލަމުންނެވެ. މި ޕްލޭނާ ގުޅިގެން މިޞްރު އަދި ގިނަ ހުޅަނގުގެ ގައުމުތަކުގައި ކަންބޮޑުވުން އުފެދިފައިވަނީ އިސްރާއީލުން ޣައްޒާއިން ފަލަސްތީނުން ގަދަކަމުން ބޭރުކުރުމުގެ މަސައްކަތް ކުރަމުންދާތީއެވެ. މިއީ ނަތަންޔާހޫގެ އަލްޓްރާ ނޭޝަނަލިސްޓް ކޯލިޝަން ޕާޓްނަރުންނާއި އޭނާގެ އަމިއްލަ ޕާޓީގެ ގިނަ މެންބަރުން އެތައް އަހަރެއް ވަންދެން ބާރުއަޅަމުން އައި ކަމެކެވެ. އިސްރާއީލްގެ ސަރުކާރުން ބުނާ ގޮތުގައި ބަދަލުކުރުމަކީ "އަމިއްލަ އިޚްތިޔާރުގައި" ކުރާ ކަމެއް ކަމަށް ވިޔަސް، މި ހާލަތުގައި އެ ބަހުގެ މާނައެއް ނެތެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ