ފިނޭ ސްކޫލް ރަށުގެ އެހެން ސަރަހައްދަކަށް ބަދަލުކުރުން 2026 ވަނަ އަހަރުގެ ބަޖެޓްގައި ހިމަނަނީ

އަންނަ 2026 އަހަރުގެ ބަޖެޓްގައި ހިމަނައިގެން ފިނޭ ސްކޫލް އެހެން ސަރަހައްދަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްދެއްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ، އެމަނިކުފާނު ހދ.އަތޮޅުގެ މީހުން އުޅޭ 13 ރަށަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އިއްޔެ ހަވީރު ފިނޭ އަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރަށްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ، ރައްޔިތުންގެ އެދުމަކީ ސްކޫލް ރީ-ލޮކޭޓްކުރުން ކަމަށާއި، މިއީ އަދި ސަރުކާރުން ޕްލޭންކޮށްފައި އޮތް މަޝްރޫޢެއް ނޫން ނަމަވެސް، މިއީ ޕްލޭން ކުރަންޖެހޭނެ ކަމެއް ކަމުގައި އެމަނިކުފާނު ގަބޫލުކުރައްވާ ކަމަށެވެ.
"ރައްޔިތުން ބޭނުންވަނީ ސްކޫލު ރީ-ލޮކޭޓްވާން. ޙަޤީޤަތުގައި މިއީ އަދި އަޅުގަނޑުމެން ޕްލޭންކޮށްފައި އޮތް މަޝްރޫޢަކަށް ނުވޭ. މިއީ އަޅުގަނޑުމެން ޕްލޭން ކުރަންޖެހޭނެ ކަމެއް. އެހެންވީމާ، މި އަންނަ އަހަރުގެ ތެރޭގައި އަޅުގަނޑުމެން މި މަސައްކަތް ފަށާނަން. ބަޖެޓުގެ ތެރެއިން ތަރުތީބުކޮށްގެން، ކްލާސްރޫމްތައް އިތުރުކުރުމާއި، ސްކޫލް ބަދަލުކުރުމަށްޓަކައި ރީ-ލޮކޭޓްކުރުމަށް ތިޔަބޭފުޅުން ބޭނުންވާތީ. އެއީ އަޅުގަނޑަށްވެސް ގަބޫލުކުރެވޭ އޭގައި ވަރަށް ދެކޮޅުޖެހޭ ކަމެއް. އެހެންވީމާ، ޕްލޭންކޮށްގެން، ތަރުތީބެއްގެ ތެރެއިން އެ މަސައްކަތްވެސް ފެށޭނެ." ރައީސް ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ފިނޭއަށް އަމާޒުކޮށްފައިވާ އެހެން ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭގޮތުންވެސް މަޢުލޫމާތު ދެއްވާފައެވެ. އެގޮތުން، ރިޔާސީ އިންތިޚާބުގައި ވެފައިވާ ވަޢުދެއްކަމަށްވާ މަގު ހެދުމުގެ މަޝްރޫޢު ޑިޒައިން ބިލްޑް އުސޫލުން ކުރުމަށް އޮގަސްޓު މަހުގެ 7 ވަނަ ދުވަހު އާރް.ޑީ.ސީ.އާ ހަވާލުކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިހާރު ތައްޔާރީތައް ކުރިއަށްދާ މި މަޝްރޫޢު، ވަރަށް މުހިންމު މަޝްރޫޢެއްކަމަށާއި، ފަސޭހަކަމާއެކު ދަތުރުފަތުރުކުރެވޭނެ ރައްކާތެރި މަގުތަކެއް އޮތުން މުހިންމު ކަމުގައި ރައީސް ވިދާޅުވިއެވެ.
ޒުވާނުންނަށް އަމާޒުކޮށް ހިންގާނެ މަޝްރޫޢުތަކަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ، އަންނަ އަހަރުގެ ބަޖެޓްގައި ފިނޭގައި ފުޓްސަލް ދަނޑެއް އަޅައި، އެ މަޝްރޫޢު ކުރިއަށް ގެންދާނެކަމަށެވެ. މިއީވެސް ރިޔާސީ ވަޢުދެއްކަން ފާހަގަކުރައްވައި، މިއަންނަ އަހަރު މިކަން ފުރިހަމަކުރައްވާނެކަމުގެ ޔަގީންކަން ދެއްވިއެވެ.
މީގެއިތުރުން، މި އަހަރު ފެށޭނެ މަޝްރޫޢުތަކުގެ ތެރޭގައި ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރެއް އެޅުމުގެ މަސައްކަތް ފެށޭނެކަމަށާއި، އަންނަ އަހަރު އައުޓްޑޯ ޖިމެއް އެޅުމުގެ މަސައްކަތްވެސް ކުރިއަށްދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ވޮލީކޯޓުގެ މަސައްކަތަކީ މިހާރު ހަވާލުކުރެވިފައިވާ މަޝްރޫޢެއް ކަމަށާއި، އެއްވެސް ހުރަހެއްނެތި ދާދި އަވަހަށް ބާކީ ހުރި މަސައްކަތްތައް ނިންމާލެވޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ފިނޭ ބަނދަރުގެ މަސައްކަތާ ގުޅޭގޮތުން ރައީސް ވިދާޅުވީ، ބަނދަރުގެ މަސައްކަތް ނިންމައިދެއްވާނީ ރައްޔިތުން ބޭނުންވާ ބަދަލުތަކާއެކު ކަމަށެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ