މިދިޔަ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން ގުޅީފަޅުން ގޯތި ލިބުނު މީހުންގެ އެއްބަސްވުންތަކަށް އިސްލާހު ނުގެނެސް، ހަމައެކަނި އެ މީހަކަށް ލިބޭ އާ ގޯތީގެ މައުލޫމާތު ބަދަލު ކުރުމަށްފަހު ސޮއިކުރަން ހައުސިން މިނިސްޓްރީން ނިންމައިފި އެވެ.
އެ މިނިސްޓްރީން މިރޭ ކުރި އިއުލާނެއްގައި ބުނީ ބިންވެެރިޔާ ސްކީމުގެ ދަށުން ގޯތި ދޫކުރުމަށް މިދިޔަ ސަރުކާރުން ހަދާފައިވާ އެއްބަސްވުންތައް ބިމާބެހޭ ގާނޫނުގެ މާއްދާއަކާ ހިލާފު ކަމަށެވެ. ނަމަވެސް ހަމައެކަނި ގުޅީފަޅުން ގޯތި ލިބުނު މީހުންގެ އެއްބަސްވުންތައް އިސްލާހު ގެނެސްގެން އެ މައްސަލަ ހައްލުވާނެ ކަމަށް ގަބޫލު ނުކުރާ ކަމަށް ހައުސިން މިނިސްޓްރީގެ އިއުލާނުގައި ބުންޏެވެ.
"ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލުގެ ދަށުން ހުޅުމާލެއިން ލިބުނު ގިނަ ގޯތިތައް ހަވާލު ކުރެވި އިމާރާތްކުރުމުގެ މަސައްކަތް ފެށިފައި ވުމާއެކު، ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކާއެކު ސޮއިކޮށްފައިވާ އެއްބަސްވުން އެކަނި އިސްލާހުކޮށްގެން މުޅި މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށް މި މިނިސްޓްރީން ނުދެކެމެވެ،" ހައުސިން މިނިސްޓްރީގެ އިއުލާނުގައި ބުންޏެވެ.
އެހެންކަމުން މިހާރު ނިންމާފައި ވަނީ މެއި 30، 2025 ގައި ނެގި ގުރުއަތާ އެއްގޮތަށް ގޯތިތައް ހަވާލު ކުރުމުގެ ގޮތުން، ހަމައެކަނި ގޯތީގެ އާ ރެޖިސްޓްރީ ނަންބަރާއި، ގޯތި އޮތް ތަން ބަޔާން ކޮށްދިނުމަށް ހިމަނާ ކޯޑިނޭޓްސްގެ އިތުރުން ގޯތީގެ ނަންބަރު ބަދަލުކޮށް، ކުރީ ސަރުކާރުން ވެފައިވާ އެއްބަސްވުމުގައި ސޮއި ކުރުމަށް ކަމަށް އެ އިއުލާނުގައި ބުންޏެވެ.
އެ މިނިސްޓްރީން ބުނީ ބިންވެރިޔާ ސްކީމުގެ ދަށުން ހަދާފައިވާ އެއްބަސްވުންތަކާއި ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނުގައި ހުރި ފުށުއެރުންތައް ހައްލު ކުރުމަށް ބަންޑާރަނައިބާ މަޝްވަރާ ކޮށްގެން ޖުމުލަ ހައްލެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މިގޮތަށް ހައުސިން މިނިސްޓްރީން ނިންމާފައި މިވަނީ ބިންވެރިޔާ ސްކީމުގެ ދަށުން ގުޅީފަޅުން ގޯތި ލިބުނު މީހުންގެ އެއްބަސްވުމަށް ބަދަލުތަކެއް ގެންނަން ސަރުކާރުން ނިންމުމުން، އެކަމާ ގިނަ ބަޔަކު ނުރުހުން ފާޅުކޮށް ހިޔާލުފާޅު ކުރަން ފެށުމުންނެވެ.
ބިންވެރިޔާ ސްކީމަށް ކުރީ ސަރުކާރުން ހެދި އުސޫލުގެ ދަށުން އެކުލަވާލި އެއްބަސްވުމަށް ބަދަލު ގެނެސް، މި ސަރުކާރުން އެކުލަވާލި އެއްބަސްވުމުގައި ރާއްޖޭގެ އެއްވެސް ސަރަހައްދަކުން ގޯތި ލިބޭ ފަރާތުގެ އަމިއްލަ ނަމުގައި 600 އަކަފޫޓަށް ވުރެ ކުޑަ ބަންޑާރަ ގޯއްޗެއް، އަމިއްލަ ގޯއްޗެއް، އެއްމެދު އިމާރާތެއް، ފްލެޓެއް، ސަރުކާރުން ދީފައިވާ ސޯޝަލް ހައުސިން އެއް ރަޖިސްޓަރީ ކޮށްފައިވާނަމަ އެ ގޯއްޗެއް ރަޖިސްޓަރީ ކުރެވިފައިވާ އެއްމެދު މިލްކުވެރިންނަށް ބަދަލަކާއި ނުލައި ދޫކޮށްލުން ވަނީ ހިމަނައިފަ އެވެ.
މީގެއިތުރުން ގޯތީގެ އިތުރުން އެއްމެދު މިލްކުވެރިޔަކު ނެތް ނަމަ ދައުލަތަށް ދޫކޮށްލުމަށް ގޯތި ލިބޭ ފަރާތުން އެއްބަސްވާ ކަމަށް ވަނީ ބަދަލު ގެނެސްފަ އެވެ.
އެމްޑީޕީ ސަރުކާރުން ހެދި އެއްބަސްވުމުގައި އޮންނަނީ މާލެ ސަރަހައްދުން އަމިއްލަ ނަމުގައި 600 އަކަފޫޓަށް ވުރެ ބޮޑު ބިމެއް ނުވަތަ ބޯހިޔާވެހިކަމެއް ރަޖިސްޓްރީވެފައި ނެތުމުގެ އިތުރުން މާލެ ސަރަހައްދުން ތިމާގެ އަމިއްލަ ނަމުގައި 600 އަކަފޫޓަށްވުރެ ކުޑަ ބަންޑާރަ ބިމެއް ރަޖިސްޓްރީވެފައިވާނަމަ އެތަނެއް އުސޫލާ އެއްގޮތަށް ދޫކޮށްލަން އެއްބަސްވުމެވެ.
ގޮތް ދޫކޮށް، ގުޅީފަޅުން ގޯތި ލިބުނު މީހުންގެ އެއްބަސްވުންތައް އިސްލާހުނުކޮށް ސޮއިކުރަން މިނިސްޓްރީން ނިންމައިފި ގޮތް ދޫކޮށް، ގުޅީފަޅުން ގޯތި ލިބުނު މީހުންގެ އެއްބަސްވުންތައް އިސްލާހުނުކޮށް ސޮއިކުރަން މިނިސްޓްރީން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ