ބިލިއަނަރު ޖެފް ބެޒޯސްގެ 76 މިލިއަން ޑޮލަރުގެ ކައިވެނީގެ ރަސްމިއްޔާތުތައް ފެށިއްޖެ
ދުނިޔޭގެ އެންމެ މުއްސަނދި އެއް ބިލިއަނަރު އަދި އެމެޒޯންގެ ބާނީ ޖެފް ބެޒޯސްގެ ކައިވެނީގެ ރަސްމިއްޔާތުތައް އިޓަލީގެ ވެނިސްގައި ފަށައިފިއެވެ. އެ ރަސްމިއްޔާތަށް ދުނިޔޭގެ މަޝްހޫރު ފަންނާނުންނަށް ވަނީ ދައުވަތު ދީފައެވެ. އޭގެތެރޭގައި ސޯޝަލް މީޑިއާ އިންފްލުއެންޒަރުން ކަމަށްވާ ކާޑޭޝިއަން އާއިލާއާއި، ޓީވީ ޕްރެޒެންޓާ އޮޕެރާ ވިންފްރޭ، ހޮލީވުޑް ތަރި ލިއެނާޑޯ ޑިކެޕްރިއޯ، މައިކްރޯސޮފްޓްގެ ބާނީ ބިލް ގޭޓްސް އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދަރިފުޅު އިވާންކާ ޓްރަމްޕް ހިމެނެއެވެ. ޝޯބިޒްނަސް އާއި ސިޔާސީ ބައެއް ފަރާތްތައްވެސް ހިމެނޭހެން 200-250 އެއްހާ މީހުން އެ ކައިވެނީގެ ރަސްމިއްޔާތުތަކުގައި ބައިވެރިވާނެ ކަމަށް ބެލެވޭ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. އެ ކައިވެންޏަށް 64 މިލިއަން ޑޮލަރާއި 76 މިލިއަން ޑޮލަރާ ދެމެދު ހޭދަކުރަން ނިންމާފައިވާ ކަމަށްވެސް މީޑިއާތަކުން ބުނެއެވެ. އެހެންވެ، އެ ސަރަހައްދުގެ އިގްތިސާދަށް ގިނަ އަދަދެއްގެ ފައިސާ ވަންނާނެތީ އެ ކައިވެންޏަށް ވަނީ ސަރަހައްދީ ސަރުކާރުގެ ސަމާލުކަން ލިބިފައެވެ. ބެޒޯސް އާއި ގިނަ ދުވަސްތަކެއް ވަންދެން ރައްޓެހިވެގެން އުޅުނު ލޯބިވެރިޔާ ލޯރެން ސަންޗޭޒްގެ ކައިވެންޏަކީ ވެނިސްގެ ވަށައިގެންވާ ސަރަހައްދުތަކުގައި ތިން ދުވަހުގެ މުއްދަތަށް ބާއްވާ ކައިވެންޏެކެވެ. ކައިވެނީގެ ތަފްސީލުތައް ވަނީ ވަރަށް ބޮޑަށް ސިއްރުކޮށްފައެވެ. ނަމަވެސް، ޕާޓީ ބާއްވަން ހަމަޖެހިފައިވަނީ މާދަމާ ވެނިސްގެ އިރުމަތީގައިވާ ތާރީހީ ސަރަހައްދެއް ކަމަށްވާ އާސެނަލްގައެވެ. ވަރުގަދަ ފާރުތަކުން ވަށާލާފައިވާ އެ ސަރަހައްދަކީ 15 ވަނަ ގަރުނުގައި ވެނިސް ރިޕަބްލިކުން ކަނޑުގެ އުޅަނދުފަހަރު ބަނުމަށް ބޭނުންކުރި އާސާރީ ތަނެކެވެ. ކައިވެނީގެ ހަފްލާގައި ބައިވެރިވުމަށް ޓީވީ ޕްރެޒެންޓާ އޮޕެރާ ވިންފްރޭ ވެނިސްގައި. ފޮޓޯ/ރޮއިޓާސް އެ ކައިވެނީގެ ހަފްލާ ބާއްވާނީ ވެނިސްގެ ރަށެއް ކަމަށްވާ ސެން ޖިއޯޖިއޯ މެގްޔޯގައި ހުންނަ ކްރިސްޓިއަން ފައްޅިއެއްގައި ކަމަށް ބެލެވޭ ކަމަށް ސީއެންއެންއިން ރިޕޯޓުކޮށްފައިވެއެވެ. ބެޒޯސް އާއި ސަންޗޭޒް ތިބީ ވެނިސްގެ ލަގްޒަރީ، އަމާން ހޮޓަލުގައެވެ. އެ ހޮޓަލުގެ ކޮޓަރިއެއްގެ އަގަކީ ރެއަކަށް 4000 ޔޫރޯއެވެ. ކައިވެނީ ހަފްލާތަކުގައި ބައިވެރިވުމަށް އަންނަ މެހްމާނުން އުފުލުމަށް 90 ޖެޓް ވަނީ ހަމަޖައްސާފައެވެ. އޭގެތެރެއިން ފުރަތަމަ ޖެޓް ވެނިސްއަށް ދަތުރުކޮށްފައި ވަނީ އަންގާރަ ދުވަހުއެވެ. ކައިވެނީގެ އިންތިޒާމްތައް ކުރާ ފަރާތްތަކުން ވަނީ ވެނިސްގެ އެކި ކުންފުނިތަކުން ގާތްގަޑަކަށް 30 ވޯޓާ ޓެކްސީ ވެސް މެހެމާނުންނަށް ބުކްކޮށްފައެވެ. ކައިވެންޏަށް ދައުވަތު ލިބިފައިވާ 200-250 މެހެމާނުންނަށް މެހްމާންދާރީ އަދާކުރުމަށް ވެނިސްގެ އެންމެ ރީތި އަދި ބޮޑު ފަސް ހޮޓާ ވަނީ ބުކްކޮށްފައެވެ. ބެޒޯސްގެ ލޯބިވެރިޔާ ސަންޗޭޒްއަކީ އެމެރިކާގެ ކުރީގެ ނޫސްވެރިއެކެވެ. އޭނާ އަކީ ލައިސަންސް ލިބިފައިވާ ޕައިލެޓެއްގެ އިތުރުން ބްލެކް އޮޕްސް އޭވިއޭޝަންގެ ފައުންޑަރެކެވެ. އުމުރުން 61 އަހަރުގެ ބެޒޯސްއާއި 55 އަހަރުގެ ސަންޗޭޒް އެންގޭޖް ވީ 2023 ވަނަ އަހަރުއެވެ. މިއީ އެ ދެ މީހުންގެ ވެސް ދެ ވަނަ ކައިވެންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ