ބޮޑު ކަންނެލި މަސްވެރިން ބާނާ މަސް ނުކިރޭތީ މަޖިލީހަށް
ބޮޑު ކަންނެލި މަސްވެރިން ބާނާ މަސް ކިރޭނެ ގޮތެއް ނެތި، 120 ޓަނަށްވުރެ ގިނަ މަސް މިހާރު ވެސް ހަލާކުވާތީ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު މިއަދު މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލަ ބަލައިގެންފިއެވެ. މި މައްސަލަ މަޖިލީހުގައި ބަލައިގެންފައި ވަނީ، 40 މެމްބަރުންގެ ވޯޓުންނެވެ. މި ކުއްލި މައްސަލައިގައި ވަނީ، މަސްވެރިން ބާނާ ބޮޑުކަންނެލި މިފްކޯ މެދުވެރިކޮށް ސަރުކާރުން ގަންނަ ގޮތަށް ބަދަލުކުރުމާއި ބޮޑު ކަންނެލި މަސްވެރިންނަށް މިފްކޯގެ ހިއްސާ ލިބޭގޮތް ހެދުމާއި ބޮޑުކަންނެލީގެ އަގު 80 ރުފިޔާއާއި 100 ރުފިޔާއާ ދެމެދުގައި ބެހެއްޓުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެއް ކަމަށެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް މިކަންކަން ކުރައްވާފައި ނުވާކަން މި ކުއްލި މައްސަލައިގައި ވަނީ ފާހަގަކޮށްފައެވެ. އަދި ބޮޑު ކަންނެލި މަސްވެރިން ބާނާ ކަންނެލި ކިރޭނެ ގޮތެއް ނެތުމާއި، ކަންނެލި ކިރުމަށްފަހު ފައިސާ ލިބުން ވެސް އިންތިހާއަށް ލަސްވާކަމުގެ ކަންބޮޑުވުން ބޮޑުވެފައި ވާކަން މި ކުއްލި މައްސަލައިގައި ފާހަގަކޮށްފައި ވެއެވެ. މި ކުއްލި މައްސަލައިގައި ވާގޮތުން މިވަގުތު ވެސް 120 ޓަނަށްވުރެ ގިނަ އަދަދެއްގެ ބޮޑު ކަންނެލި ދޯނިތަކުގައި ނުކިރި ހުރިއިރު، މި ކަންނެލިތައް ހަލާކުވުމުގެ ބިރުވެރިކަން ވަނީ އުފެދިފައެވެ. އަދި ބޮޑު ކަންނެލި ބާނައިގެން ކިރުމަށް އެތައް ދުވަހެއް ކިޔުގައި މަޑުކުރަން ޖެހުމަކީ މިހާރު އާންމު ކަމަކަށް ވަނީ ވެފައެވެ. "މަސްވެރިކަން ރަނގަޅުވާ ކޮންމެ ފަހަރަކު، އެކަށީގެންވާ މިންވަރަށް މަސް ކިރޭނެ ގޮތް ހަމަޖެހިފައި ނެތުމުގެ ސަބަބުން މަސްވެރިންނަށް އެތަކެއް ތަކުލީފެއް އުފުލަންޖެހިފައިވާ ހިނދު، ދުނިޔޭގެ އިގުތިޞާދު ކުރިއަރަމުންދާ ދިއުމުގައި، މަހުގެ ޑިމާންޑް މަތިވަމުންދާ ދަނޑިވަޅުތަކުގައި ވެސް، ރަނގަޅު އަގުގައި މަސް ނުވިއްކޭކަމުގެ ކަންބޮޑުވުން މަސްވެރިން ފާޅުކުރަމުން [ދެއެވެ]" އެ ކުއްލި މައްސަލައިގައި ވެއެވެ. ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކީ މަސްވެރިންނާ މަސްވެރި އާއިލާތައް ކަމަށްވާއިރު، މިފަދައިން ކަންކަން ދާނަމަ މަސްވެރިންގެ މާލީ ހާލަތު ދަށްވެ އެކަމުގެ ސަބަބުން މުޅި މުޖުތަމައުގެ ދުޅަހެޔޮކަމަށް އަސަރު ކުރާނެކަމަށް މި ކުއްލި މައްސަލައިގައި ވެއެވެ. މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ މިއީ މުޖުތަމައުގެ އާންމު މަސްލަހަތާ ސީދާ ގުޅިފައިވާ ކަމަކަށްވާތީ މިކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށްކަމަށް މެމްބަރު ލިޔުއްވާފައި ވެއެވެ. މި މައްސަލައާ ގުޅިގެން ބަހުސްކުރައްވަމުން މެމްބަރު ޒިޔާދު ވިދާޅުވީ، މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ އޭނާއަކީ ރައީސްގެ ވައުދު ފުއްދުމަށް ފުރިހަމައަށް އެއްބާރުލުންދޭ މެމްބަރަކަށް ވެފައި އެކަން ރައީސާއި ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ކަމަށެވެ. "އަޅުގަނޑު އުންމީދުކުރަނީ ހުރިހާ މެމްބަރުން ވެސް މި ބޮޑުކަންނެލީގެ މަސްވެރިންނަށް ކުރިމަތިވެފައިވާ ދަތިތަކާމެދު ރަނގަޅުގޮތުގައި ބަހުސްކޮށް މިކަން ވީހާ އަވަހަކަށް ހައްލުކޮށްދިނުމަށް ބާރު އަޅުއްވާނެކަމަށް،" އޭނާ ވިދާޅުވިއެވެ. މަސް ކިރުމަށް އެކަށީގެންވާ ޖާގަ ނެތުމަކީ މަސްވެރިންގެ ޒަމާންވީ ކަންބޮޑުވުމެކެވެ. މީގެ ކުރިން މަސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މަސްވެރިންނަށް ލިބެންޖެހޭ ފައިސާ ނުލިބި ލަސްވުމެވެ. މި މައްސަލަ ހައްލުކޮށްދިނުމަށް، 24 ގަޑިއިރުތެރޭ މަސްވެރިންނަށް ފައިސާ ދޭން މިދިޔަ މަސްވެރިންގެ ދުވަހު ވަނީ ފަށައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ