ސޯނަމް ވަންގްޗުކް 26 ދުވަހަށްފަހު ބަނޑުހައިހޫނުކަމުގެ ހަޅުތާލު ނިންމާލައިފި
އިންޑިއާގެ ތައުލީމީ ދާއިރާގެ އިސްލާހަށް ގޮވާލައި، ވެރިރަށް ދިއްލީގައި ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަމުންދިޔަ އެކްޓިވިސްޓް އަދި ތައުލީމީ މާހިރު ސޯނަމް ވަންގްޗުކް 26 ދުވަހަށްފަހު އެ ހަޅުތާލު ނިންމާލައިފިއެވެ. ސޯޝަލް މީޑިއާ މެދުވެރިކޮށް ކުރިޕޯސްޓެއްގައި ސޯނަމް ވަންގްޗުކް ބުނީ، ގައުމުގެ މަސްލަހަތަށްޓަކައި އަދި ކުރިމަތިވެދާނެ ހަމަނުޖެހުންތަކުން ސަލާމަތްވުމަށް، އެކި ޝަރުތުތަކަކާއެކު ކުރެވުނު ދިގު މަޝްވަރާތަކަށްފަހު، ބަނޑުހައިހޫނުކަމުގެ ހަޅުތާލު ހުއްޓާލުމަށް ނިންމާފައިވާ ކަމަށެވެ. އެކްޓިވިސްޓް ސޯނަމް ވަންގްޗުކް ބަނޑުހައިހޫނުކަމުގެ ހަޅުތާލު ނިންމާލީ ގުރުގްރާމްގެ މެދަންތާ ހޮސްޕިޓަލުގައި 26 ދުވަސް ހޭދަކުރުމަށްފަހުއެވެ. އޭނާ މި ހަޅުތާލު ހުއްޓާލީ، ޖަންތަރް މަންތަރުގައި މުޒާހަރާކުރި ފަރާތްތަކާ މެދު ގާނޫނީ އެއްވެސް ފިޔަވަޅެއް ނާޅާނެ ކަމަށް ސަރުކާރުން ދިން ޔަގީންކަމާ ގުޅިގެންނެވެ. ހަޅުތާލު ނިންމާލުމުގެ ގޮތުން، ޔޫނިއަން މިނިސްޓަރުން ކަމަށްވާ ޖޭޕީ ނައްޑާ އާއި ޖިތެންދުރަ ސިންގް ވަނީ ވަންގްޗުކްއަށް ބުއިމެއް ދެއްވާފައެވެ. ސޯނަމް ވަންގްޗުކް އިންޑިއާގެ މެދަންތާ ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ޓީމް އަދި ސަރުކާރުގެ އިސްވެރިންނާ އެކު--ފޮޓޯ/އެންޑީޓީވީ "ޔޫނިއަން މިނިސްޓަރުން ކަމަށްވާ ޖޭޕީ ނައްޑާ އާއި ޑރ. ޖިތެންދުރަ ސިންގް، އަދި އެޕެކްސް ބޮޑީ އޮފް ލޭ ލަޑާކްގެ އިސްވެރިންގެ ހާޒިރުގައި، 26 ދުވަހަށްފަހު އަޅުގަނޑުގެ ހަޅުތާލު މިއަދު ނިންމާލައިފިން،" މެންދަމުން އަލިވިފަހުން ވަންގްޗުކް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ. އޭނާ އިތުރަށް ހާމަކުރި ގޮތުގައި، މި ނިންމުން ނިންމީ އެކި ކަންކަމާ މެދު ކުރެވުނު ދިގު މަޝްވަރާތަކަށްފަހު އަދި ގައުމުގައި ހަމަނުޖެހުން ހިނގައިފާނެ ކަމުގެ ބިރު އޮތުމުންނެވެ. ހަޅުތާލު ހުއްޓާލަން ނިންމި ޝަރުތުތަކުގެ ތަފްސީލު ވީޑިއޯއެއް މެދުވެރިކޮށް ފަހުން ހާމަކުރާނެ ކަމަށް ސޯނަމްގެ ޕޯސްޓުގައި ބުނެފައިވެއެވެ. މީގެ އިތުރުން، އާންމުން ހޭލާ ތިބުމަށާއި އެއްވެސް ހަމަނުޖެހުމަކަށް ފުރުސަތު ނުދިނުމަށް ވެސް އޭނާ ވަނީ އިލްތިމާސްކޮށްފައެވެ. ސޯނަމް ކުރަމުންދިޔަ ބަނޑުހައިހޫނުކަމުގެ ހަޅުތާލު ނިމުމަކަށް ގެނައިއިރު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީވެސް ވަނީ 59 އަހަރުގެ މި އެކްޓިވިސްޓް ޑޮކްޓަރުންގެ އިރުޝާދަށް ތަބާވެ، ވީހާވެސް އަވަހަކަށް ކުރީގެ ސިއްހަތަށް ރުޖޫއަވުމަށް އިލްތިމާސްކުރައްވާފައެވެ. އިންޑިއާގައި ދަރިވަރުން ކުރިއަށްގެންދާ ސުލްހަވެރި މުޒާހަރާތަކުގައި އިސްކޮށް ހަރަކާތްތެރިވާ އެ ޤައުމުގެ ކޮކްރޯޗް ޖަންތާ ޕާޓީ (ސީޖޭޕީ)ގެ ބާނީ އަބީޖީތު ދިޕްކޭ ބުނީ ވަންގްޗުކްގެ ހަޅުތާލު ނިންމާލުމުން ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިއްޖެކަމަށެވެ. އަމިއްލަ ފުރާނަ ނުރައްކަލަށް ހުށަހަޅައިގެން މުޅި ޤައުމުގެ ޟަމީރު ހޭލައްވައިލި ކަމަށްޓަކައި ސޯނަމަށް ޝުކުުރު އަދާކުރަމުން އަބީޖީތު ދިޕްކޭ ބުނީ ސޯނަމްގެ ފުރާނައަކީ މި ގައުމަށް ނުހަނު އަގުބޮޑު އެއްޗެއް ކަމަށެވެ. ސޯނަމް ކުރަމުންދިޔަ ހަޅުތާލި ނިމުމަކަށް ގެނައި ނަމަވެސް، އެޑިއުކޭޝަން މިނިސްޓަރު ދަރުމެންދުރަ ޕްރަދާން އިސްތިއުފާ ދެއްވުމަށް ގޮވާލާ ގޮވާލުމުގައި ސީޖޭޕީ ދެމިއޮންނާނެ ކަމަށް އަބީޖީތު ދިޕްކޭ ވަނީ ބުނެފައެވެ. ތައުލީމީ މާހިރު ސޯނަމްއާ އެކު މިނިސްޓަރު ނައްޑާ ވަނީ ސަރުކާރުން ނިންމި ބައެއް ނިންމުންތައް ހާމަވާ ވީޑިއޯއެއް ވެސް އާއްމުކޮށްފައެވެ. އޭގެ ތެރޭގައި ޖަންތަރް މަންތަރުގައި އަމާންކަމާއެކު މުޒާހަރާކުރި ފަރާތްތަކާއި، މިދިޔަ ހޯމަ ދުވަހު ޕާލަމެންޓަށް ހިނގާލުމެއް ބޭއްވި ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު ނުއެޅުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް މި ވީޑިއޯގައި ބުނެފައިވެއެވެ. އަދި އިމްތިހާނު ކަރުދާސް ލީކުވުމުގެ މައްސަލަތަކާއި ތައުލީމީ އިސްލާހުތަކާ ގުޅޭގޮތުން ޕާލަމެންޓުގައި މަޝްވަރާކޮށް ހައްލު ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށާއި، 'ނީޓް' އިމްތިހާނުގެ މައްސަލައިގައި އަމިއްލައަށް މަރުވި ކުދިންގެ އާއިލާތަކަށް ބަދަލު ދިނުމަށް ވެސް ސަރުކާރުން ވިސްނަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީގެ އިތުރުން، ކަރުދާސް ލީކުވުމުގެ މައްސަލައިގައި ސަރުކާރުން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން އެޑިއުކޭޝަން ސެކްރެޓަރީ މަގާމުން ވަކިކޮށް، މިފަދަ މައްސަލަތައް ބެލުމަށް ފާސްޓް ޓްރެކް ކޯޓެއް މިހާރު ވަނީ އުފައްދާފައެވެ. ސޯނަމް ބަނޑުހައިހޫނުކަމުގެ ހަޅުތާލު ފެށީ މިދިޔަ ޖޫން މަހުގެ 28 ވަނަ ދުވަހުއެވެ. އޭނާގެ މައިގަނޑު ޑިމާންޑަކީ ތައުލީމީ ނިޒާމު އިސްލާހުކުރުމާއި ކަރުދާސް ލީކުވާ މައްސަލައިގައި ޒިންމާދާރުވުމެވެ. ސޯނަމް ވަންގްޗުކް އަކީ މީގެކުރިންވެސް އެކި މައްސަލަތަކުގައި މިފަދަ ހަޅުތާލުތައް ކޮށްފައިވާ ފަރާތެކެވެ. އެގޮތުން މީގެ ދެ އަހަރު ކުރިން އިންޑިއާ ލަޑާކްގެ ރިސޯސްތައް ހިމާޔަތްކުރުމަށް ގޮވާލާ، ފިނިހޫނުމިން ސުމަކަށްވުރެ ދަށުގައި ހުރި ހިސާބެއްގައި 21 ދުވަހު އޭނާ ވަނީ ހަޅުތާލުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ