ދިވެހިން މިއިން ދުވަހަކު ފަގީރު ނުވާ މިންވަރަށް މިއަދު ފަގީރުވެއްޖެ: ދުންޔާ

ދިވެހިން މިއިން ދުވަހަކު ފަގީރު ނުވާ މިންވަރަށް ދިވެހިން މިއަދު ފަގީރުވެއްޖެ ކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ނާއިބު ރައީސް / ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެ އެެވެ. އެމްއެންޕީގެ ފުރަތަމަ ކޮންގްރެސް ފެށުމުގެ ގޮތުން މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ދުންޔާ ވިދާޅުވީ އެކަމަނާ އެމްއެންޕީއާ ގުޅުވަޑައިގަތީ ދިވެހިރާއްޖެ މިވަގުތު ވެއްޓިފައިމިވާ ފުން ވަޅުގަނޑުން ނެގުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރަން ކެތްމަދުވެފައި ހުރުމުން ކަމަށެވެ.ދިވެހިރައްޔިތުން މިއަދުގެ ސަރުކާރާ ރާއްޖޭގެ ވެރިކަން ހަވާލުކުރީ މި ގައުމަށް ތަނަވަސްކަމާއި ފާގަތިކަން ގެނަސްދިނުމަށް ކަމަށް ވެސް ދުންޔާ ވިދާޅުވިއެވެ. އަދި ރައްޔިތުންގެ ހައްގުތައް ރައްކާތެރި ކުރާނެ ކަމަށް ވައުދާއި ހުވާ ކުރުމާއެކު ބައިނަލްއަގްވާމީ މަޝްރަހުގައި ރާއްޖެއަށް އޮންނަ އިތުބާރު އަނބުރާ ހޯދާނެ ކަމުގެ ޔަގީންކަން ދިނުމުން ކަމަށް ދުންޔާ ވިދާޅުވިއެވެ.އަދި ވިދާޅުވީ ރާއްޖޭގައި ދިވެއްސެއްގެ ބޮލަކަށް އާމްދަނީ ޖެހޭ ނިސްބަތް މިއަދު ހުރީ 2015ގައި ހުރި ހިސާބުގައި ކަމަށެވެ. ޒުވާނުންނާއި އަންހެނުންގެ ހައްގުތަކަށް ސަރުކާރުން އަރައިގެންފައިވާ ކަމަށްވެސް ތުހުމަތުކުރެއްވި އެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން ވަޒީފާ އަދާކުރާ އަންހެނުންގެ އަދަދު އިތުރަށް ދަށަށް ގޮސްފައިވާ ކަންވެސް ފާހަގަކުރެއްވި އެވެ.ރާއްޖޭގެ ހާލަތު ބަޔާންކުރައްވަމުން ދުންޔާ ވިދާޅުވީ އިގްތިސޯދީ ފުދުންތެރިކަމަށް ބަލާއިރު އަންހެނުންގެ ހާލަތު ރަގަޅު ނޫން ކަމަށާއި އަންހެނުން ތަހައްމަލުކުރަންޖެހޭ އަނިޔާއާ ފުރައްސާރަ ކުޑަ ނުވާ ކަމަށެވެ. އަދި ވާޒީފާތައް ނެތުމާއި ޒުވާނުން ބާކީވުމުގެ އިތުރުން ގައުމު އޮތީ ސަލާންޖަހާ ހިސާބަށް ގޮސްފައި ކަމަށެވެ."ބައިނަލްއަގްވާމީ ދުނިޔޭގައި ދިވެހިރާއްޖޭ ސިފަކުރަނީ ދަސްކުރާ ބޯޑު ޖަހައިގެން އުޅޭ ގައުމެއްގެ ގޮތުގައި. ރާއްޖޭގެ އަބުރާއި ޝަރަފާ އިއްޒަތާ ކަރާމާތް ވަނީ ވެއްޔާ މޮޑެވިފައި. ދިމާވާ ކޮންމެ މީހެއް ކައިރީގައި އެހީއެއް ދެވޭނެތޯ އަހާ ސަލާންޖަހާ ގައުމަކަށް ވެފައި. ރާއްޖޭގެ ޑިޕްލޮމެސީ ވަނީ ނާށިގަނޑެއްގެ ދަށުގައި ތާށިވެފައި،" މިސަރުކާރުގެ ހާރިޖީ ސިޔާސަތު އޮތް ގޮތް ސިފަކޮށްދެއްވާ ވިދާޅުވި އެވެ.އެކަމަކު ދުންޔާ ވިދާޅުވި ގޮތުގައި އެމްއެންޕީގެ ވެރިކަމެއްގެ ހާރިޖީ ސިޔާސަތުގައި އިސްކުރާނީ ދިވެހިންނާއި ދިވެހިރާއްޖެ އެވެ. އެވެރިކަމުގައި ހާރިޖީ ސިޔާސަތުގައި އެންމެ އިސް ވާޖިބަކަށް ވާނީ ރާއްޖޭގެ މިނިވަންކަމާއި އިސްލާމްދީން ހިމާޔަތްކޮށް ރާއްޖޭގެ ސިޔާދަތު ނެގެހެއްޓުމެވެ. ހުރިހާ ގައުމަކާ އެކު ވެސް ގައުމީ މަސްލަހަތު އިސްކޮށްގެން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަންވެސް ދެއްވެވި އެވެ. އަދި ވަޒީފާތައް އުފެއްދުމާއި، ބޭރުގައުމުތަކުގައި ކިޔަވަން ތިބޭ ކުދިންނަށް ވެސް އެ ޕާޓީގެ ސަރުކާރުގައި ފަސޭހަ ގޮތްތައް ހޯދައިދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.“މި ޕާޓީގެ ސަރުކާރުގައި ޑިޕްލޮމެސީ ބިނާކުރާނީ މަޝްވަރާކޮށްގެން ދޫ ދޭންޖެހޭ ތަންތަނުގައި ދޫދީގެން އަދި ވާން ކުރަން ޖެހޭ ތަންތަނުގައި ވާންކޮށްގެން،” ދުންޔާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ