ހދ. މަކުނުދޫ ބީޗް ސާފުކުރުމުގެ ހަރަކާތެއް މިއަދު ހަވީރު ބޭއްވުމަށް ނިންމައިފިއެވެ.
މި ހަރަކާތާއި ގުޅިގެން އެރަށު ކައުންސިލުގެ ރައީސް އައުޒަމް އާދަމް 'ތިލަދުން' އަށް ވިދާޅުވީ މިއީ މިއަހަރު ބާއްވާ މިފަދަ ފުރަތަމަ ހަރަކާތް ކަމަށާއި ކުރިއަށްވެސް މިފަދަ ކަންކަން ރޭވިފައިވާ ކަމަށެވެ.
މިއަދުގެ ސާފުކުރުމުގެ ހަރަކާތް ބޮޑަށް އަމާޒު ހިފާފައިވަނީ ބީޗު ސަރަހައްދު ސާފުކުރުމަށް ކަމަށެވެ. އެއީ އެ ސަރަހައްދަކީ ގިނަބަޔަކު ހިތްހަމަ ޖައްސާލައި، އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމަށް ދާ ތަނަަކަށްވާތީ، އެތަން ވީހާވެސް ސާފުކޮށް ބޭއްވުމަށް ކަމަށް ވެސް ވިދާޅުވިއެވެ.
"މިހާރުވެސް އެތަނަކީ ސާފުކޮށް އޮންނަތަނެއް. އެކަމަކު ބޭނުންވަނީ މިހާރަށް ވުރެވެސް ސާފުކޮށް ބޭއްވުމަަށް. އެއީ ވަރަށް ގިނަ ބަޔަކު ބޭނުންކުރާ ތަނެއް. އެހެންވެ، އަޅުގަނޑުމެން މި މަސައްކަތް ފެށީ." އައުޒަމް ވިދާޅުވިއެވެ.
މިއަދުގެ ހަރަކާތް ފެށުމަށް ނިންމާފައިވަނީ ހަވީރު 4 ޖަހާއިރު، ޔޫތް ސެންޓަރު ކުރިމަތިން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ތަންތަން ސާފުކޮށް ބޭއްވުމަކީ ފަރުދީ ޒިންމާއެއްކަން ފާހަގަކޮށް އޭނާ ވިދާޅުވީ ބީޗުތަކުގައި ކުނި ގިނަވުމުގެ ސަބަބުން އޭގެ ނޭދެވޭ އަސަރު މޫދުގެ ދިރުންތަކަަށް ކުރާކަން ދިރާސާތަކުންވެސް ހާމަވާ ކަމަށެވެ. އަދި ސާފުތާހިރުކަމުގެ ސަބަބުން އެ މާހައުލެއްގެ ހުރިހައި ދިރުންތަކަށް އޭގެ މަންފާ ކުރާ ކަމަށް ވެސް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ 'ސޮނެވާ ނަމޫނާ' ގެ ޒީރޯ ވޭސްޓް އާއެކު އެމްއޯޔޫ އެއް ހަދައި، އެރަށުން ކުނި މަދުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށާއި އެރަށުން ކުނި ބޭރުކުރުމަށް ވަކި ޖެޓީއެއް ވެސް ހަދާފައިވާ ކަމަށެވެ. މިއީ ސޮނެވާ އިން ހަރަދުކޮށްގެން ހަދާފައިވާ ޖެޓީއެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މަކުނުދޫ ގޮނޑުދޮށް ސާފުކުރުން މިއަދު ހަވީރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ