ގާސިމް ވެސް ބަރުލަމާނީއާ ދެކޮޅު ހައްދަވައިފި

ރިޔާސީ ނިޒާމަށް ތާއީދު ކުރައްވާކަން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް ހާމަކުރައްވައިފި އެވެ.
ގާސިމް މިހެން ވިދާޅުވެފައިމިވަނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ރާއްޖޭގެ ވެރިކަމުގެ ނިޒާމް ރިޔާސީން ބަރުލަމާނީއަށް ބަދަލުކުރަން އެމްޑީޕީގެ ކޮންގްރެސް އަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުމެއް ހުށަހަޅާފައިވާ ދަނޑިވަޅެއްގަ އެވެ.
ނަމަވެސް އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމްް މުހައްމަދު ސޯލިހް ވަނީ އެ ގަރާރު އަނބުރާ ގެންދެވުމަށް ނަޝީދުގެ އަރިހުން މިއަދު އެދިވަޑައިގަންނަވާފަ އެވެ.
ގާސިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ އަތުގައި އޮތް ވެރިކަމުގެ ބާރު އެގޮތުގައި ދެމެހެއްޓޭނީ، ރިޔާސީ ނިޒާމެއް އޮވެގެން ކަމަށާއި ރައީސާއި، މަޖިލިސް މެންބަރުންނަކީ ސީދާ ރައްޔިތުންގެ ވޯޓުން ހޮވާ މަގާމުތައް ކަމަށެވެ.
"ބަރުލަމާނީގައި ޤައުމު ހިންގަން ހަވާލުވާ ބޮޑުވަޒީރަކީ ރައްޔިތުން ސީދާ އިންތިޚާބު ކުރާ ފަރާތެއް ނޫނެވެ." ގާސިމް ވިދާޅުވި އެވެ.
ނަޝީދަކީ ބަރުލަމާނީ ނިޒާމަށް ވަރަށް ބޮޑަށް ތާއީދުކުރައްވާ ބޭފުޅެއް ކަމަށްވާއިރު، އެމަނިކުފާނު މީގެކުރިން ވަނީ ރައީސް ސޯލިހަށް ވެރިކަމުގެ ދެވަނަ ދައުރެއް ލިބުމުގެ އެންމެ ކަށަވަރު މަގަކީ ބަރުލަމާނީ ނިޒާމު ކަމަށްވެސް ވިދާޅުވެފަ އެވެ.
ނަޝީދުގެ ބަރުލަމާނީ ގަރާރު އަނބުރާ ގެންދަން ރައީސް އެދިވަޑައިގެންފައިވާއިރު، ދައުލަތުގެ ވަޒީރުންނާއި ކޯލިޝަން ޕާޓީތަކުގެ ލީޑަރުން ވެސް ވަނީ ބަރުލަމާނީ ނިޒާމު ރާއްޖެ އަށް ގެންނަން ދެކޮޅުކަން ހާމަކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ