މާލެއާ ހިލާފަށް އަތޮޅުތަކުގެ ރަށްރަށުގައި ގޭބީސީތަކަށް މަސްދަޅު ކޭސް ބެހީ އެކަމުގެ ފުރިހަމަ މައުލޫމާތު އެނގޭތީ ކަމަށް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސްގެ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ވަޒީރު ވިދާޅުވީ މާލޭގައި ކަރަންޓު މީޓަރަށް މަސްދަޅު ކޭސް ބަހަން ޖެހުނީ މާލޭގެ ގޭބީސީތަކުގައި އުޅޭ އާއިލާތަކުގެ ޖުމުލަ އަދަދު ސާފުކޮށް އެނގެން ނެތުމުން ކަމަށެވެ. އަދި މާލޭގައި މީޓަރަށް ތަކެތި ބެހުމަކީ ޒަމާނުއްސުރެ ކުރަމުން އަންނަ ކަމެއްކަން ވެސް އާދަމް ޝަރީފް ފާހަގަކުރެއްވިއެވެ.
ރަށްރަށުގެ ހާލަތަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ރަށްތަކުގެ ހާލަތު އެންމެ ރަނގަޅަށް އެނގޭނީ އެ ރަށެއްގެ ކައުންސިލްތަކަށް ކަމަށެވެ. އެގޮތުން ރަށްރަށުގައި މަސްދަޅު ކޭސް ބެހުމަށްޓަކައި ކައުންސިލްތަކުން އެ ރަށްރަށުގެ ގޭބީސީތަކުގެ ނަންތައް އެ ވުޒާރާއަށް ފޮނުވާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ކައުންސިލްތަކާއި މިނިސްޓްރީއާ ދެމެދު އޮތް ގުޅުން ވަރުގަދަވުމުގެ ސަބަބުން ރަށްރަށުގައި މަސްދަޅު ބެހުމުގެ މަސައްކަތް ވަރަށް ފަސޭހަކަމާއެކު ކުރިއަށް ގެންދެވުނު ކަމަށް ވަޒީރު ވިދާޅުވިއެވެ. މިއީ ރަމަޟާން މަހާ ދިމާކޮށް ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދިން ހަދިޔާއެއްކަން ފާހަގަކުރެވެއެވެ.
ރަށްރަށުގައި ގޭބީސީތަކަށް މަސްދަޅު ކޭސް ބެހީ އެ ކަމުގެ މައުލޫމާތު ރަނގަޅަށް އެނގޭތީ: އާދަމް ޝަރީފް އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ