ކައުންސިލްތަކަކީ ސަރުކާރުގެ ފަށަލައެއް: ޑރ. އަބްދުﷲ ހަލީލް

ކައުންސިލްތަކަކީ ސަރުކާރުގެ ފަށަލައެއް ކަމަށާއި، ކައުންސިލްތަކުން ސަރުކާރުގެ ސިޔާސަތުތަކަށް އެއްބާރުލުން ދޭންޖެހޭނެ ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ޕީއެންސީގެ ގަލޮޅު އުތުރު ދާއިރާގެ ޖަގަހަ ހުޅުވުމަށް ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
ޑރ. ހަލީލް ވިދާޅުވީ ކައުންސިލްތަކަކީ ސަރުކާރުގެ ފަށަލައަކަށް ނުވެއްޖެނަމަ، އޭގެ ސަބަބުން ލިބޭނެ ގެއްލުން ބޮޑުވާނީ މުޅި ދައުލަތަށް ކަމަށެވެ. އަދި ދިވެހިރާއްޖެއަކީ ޔުނިޓަރީ ދައުލަތެއްކަން ފާހަގަކުރައްވައި، ޤާނޫނު އަސާސީގައި އެކަން ބަޔާންކޮށްފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިކަމުގެ މިސާލެއްގެ ގޮތުން މިނިސްޓަރު ވަނީ އައްޑޫ ސިޓީގައި ގޫގުލް ކުންފުނިން ކުރިއަށް ގެންދަން ނިންމި ބޮޑު މަޝްރޫއެއްގެ ވާހަކަ ދައްކަވާފައެވެ.
ހަލީލް ވިދާޅުވީ އެ މަޝްރޫއަށް ބޭނުންވާ ބިން ހޯދުމަށް ސަރުކާރުން މަސައްކަތް ފެށުމުން، އައްޑޫ ސިޓީ ކައުންސިލުން އެކަމަށް ހުރަސްއެޅި ކަމަށެވެ. ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމެވީ ޤާނޫނަށް ބަދަލު ގެނެސްގެން ނަމަވެސް އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.
”ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދެއްވަން ބޭނުންވާ ކަންކަމަށް ހުރަސްއަޅާ ކައުންސިލްތަކެއް އައިސްފިނަމަ ރަނގަޅު ނަތީޖާއެއް ނުފެންނާނެ،“ މިނިސްޓަރު ހަލީލް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ކައުންސިލްތަކުން ވިސްނަންވާނީ ސަރުކާރުގެ މައިގަނޑު އެޖެންޑާތައް ތަންފީޒުކުރެވޭނެ ނިޒާމެއްގެ ތެރެއިން ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށް ކަމަށެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި ކައުންސިލްތަކާއި ސަރުކާރާ ދެމެދު އޮންނަންޖެހޭ ގުޅުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި ސަރުކާރުގެ ސިޔާސަތުތައް ހިންގުމުގައި ކައުންސިލްތަކުގެ އެއްބާރުލުން ނުލިބޭނަމަ ތަރައްޤީގެ މަޝްރޫއުތަކަށް މަޑުޖެހުން އަންނާނެކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ