ގޭސްވަނީތަ؟ މި އޮތީ ހޯދިދާނެ ގުދުރަތީ ފަރުވާތަކެއް

ކެއުންބުއިމުގެ ނުރަނގަޅު އާދަތަކާއި، ނަފުސާނީ ބުރަބޮޑުވުމާއި އަދި ސިއްހަތަށް ނުރަނގަޅު ދިރިއުޅުމުގެ ވައްޓަފާޅީގެ ސަބަބުން ބަނޑުން ގޭސް އެރުމުގެ މައްސަލަ ނުވަތަ 'އެސިޑް ރިފްލަކްސް'ގެ މައްސަލަ ދިމާވާ މީހުން މަދެއް ނޫނެވެ. ގަޑިއަށް ނުކެއުމާއި، ރޭގަނޑު ދަންވަރު ކެއުމާއި، އަދި "ފާސްޓް ފުޑް"އަށް ބަރޯސާވުމަކީ ބަނޑުގެ ސިއްހަތު ސީދާ ގޮތުން ދަށަށްދާ ކަންކަމެވެ. މީގެ އިތުރުން، ހޫނުގަދަވުމުގެ ސަބަބުން ހަށިގަނޑުން ފެން މަދުވުމާއި ކާނާ އަވަހަށް ހަލާކުވުމަކީ ވެސް ހަޖަމުކުރުމަށް ދިމާވާ ގޮންޖެހުންތަކެކެވެ. އަދި، ސްޓްރެސްވުމާއި ގިނަ ވަގުތު ސްކްރީންތަކަށް ބަލަން ތިބުމުގެ ސަބަބުން ހަޖަމުކުރުމުގެ ނިޒާމުގެ މަސައްކަތަށް ބުރޫއަރައި، ބަނޑުގައި އެސިޑް އުފެދޭ މިންވަރު އިތުރުވެއެވެ. މި ކަމާ ގުޅޭ ގޮތުން، ގޮހޮރުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރަކު ވަނީ ހަޖަމުކުރުމަށް އެހީތެރިވެދީ، އެސިޑިޓީގެ އުނދަގޫތައް ކުޑަކޮށްދިނުމަށް ބޭނުންކުރެވިދާނެ ފަސް ބާވަތެއްގެ މައުލޫމާތު ހިއްސާކުރައްވާފައެވެ. ކުދި އަދި މެދު މިންވަރަކަށް ގޭސް އެރުމުގެ މައްސަލަ ހުންނަ ނަމަ އެކަމަށް ބޭނުންކުރެވިދާނެ ގުދުރަތީ ނުވަތަ 'ހާބްސް'ތަކެއް ހުރޭ--ފޮޓޯ/އިންޑިއާޓުޑޭ ސީކޭ ބިރްލާ ހޮސްޕިޓަލްގެ ކޮންސަލްޓަންޓް ޑރ. ވިކާސް ޖިންދާލް ލަފާދެއްވާ ގޮތުގައި، ކުދި އަދި މެދު މިންވަރަކަށް ގޭސް އެރުމުގެ މައްސަލަ ހުންނަ ނަމަ ދިރި އަދި ދަވިއްގަނދު ބޭނުންކުރުމުން ގުދުރަތީ ގޮތުން އެކަމަށް އެހީތެރިކަން ލިބެއެވެ. މިއީ އާންމުކޮށް ބަދިގޭގައި ބޭނުންކުރާ ތަކެތި ކަމަށްވާއިރު، މިއީ ފަސޭހައިން ލިބިދާނެ ބާވަތެކެވެ. ޑރ. ވިކާސް ވިދާޅުވި ގޮތުގައި ދަވިއްގަނދުގައި އެކުލެވޭ ބާވަތްތަކުގެ ސަބަބުން ހަޖަމުކުރުމުގެ ނިޒާމުގެ މަސްތައް ރިލެކްސްކޮށްދީ، ބަނޑުގައި ގޭސް އުފެދުން މަދުކޮށްދެއެވެ. އަދި، ދިރިއަކީ ހަޖަމުކުރުމަށް ބޭނުންވާ އެންޒައިމްތައް އުފެއްދުމަށް ބާރުއަޅާ އެއްޗަކަށް ވާތީ، ކާނާ ފަސޭހައިން ހަޖަމުކުރުމަށް އެހީތެރިވެދެއެވެ. ނަމަވެސް، ގޭސް އެރުމުގެ މައްސަލަ ބޮޑުވެ، ނުވަތަ ގިނައިން ތަކުރާރުވާ ނަމަ އަމިއްލައަށް ފަރުވާކުރުމުގެ ބަދަލުގައި ޑޮކްޓަރެއްގެ އެހީތެރިކަން ހޯދުމަށް މާހިރުން އިރުޝާދު ދެއްވައެވެ. ހަޖަމުކުރުމުގެ މައްސަލަތަކުން ސަލާމަތްވުމަށްޓަކައި ކިރާ އެކު ބައެއް ބާވަތްތައް އެއްކޮށްގެން ބޭނުން ނުކުރުމަށް އާޔުރުވޭދާ މާހިރުން ލަފާދެއްވައެވެ. އޭގެ ތެރޭގައި، ހުތް މޭވާ، މަސް، ކުޅިކަން ގަދަ ކާނާ އަދި ދޮންކެޔޮ ހިމެނެއެވެ. ގުދުރަތީ ގޮތުން އެހީތެރިވެދޭ ފަސް ބާވަތް 1- ދަވިއްގަނދު: މިއީ ބަނޑު ފުއްޕުމާއި ގޭސްވުން ކުޑަކޮށްދޭ އެއްޗެކެވެ. ކެއުމަށް ފަހު މަދު މިންވަރެއް ހަފާލުމުން އަނގަ ތާޒާކޮށްދީ، ހަޖަމުކުރުމަށް އެހީވެދެއެވެ. ދަވިއްގަނދު ފެނަށް އަޅައިގެން ބުއިމަކީ ވެސް ވަރަށް ފައިދާހުރި ކަމެކެވެ. 2- ދިރި ދިރިއަކީ ހަޖަމުކުރާ އެންޒައިމްތައް ހީވާގިކޮށްދީ، ކާނާ ފަސޭހައިން މުގުރާލުމަށް އެހީތެރިވާ އެއްޗެކެވެ. "ޖީރާ ވޯޓާ" ނުވަތަ ދިރި ފެނަކީ ބަނޑަށް ލުއިކަން ގެނެސްދޭ ބުއިމެކެވެ. 3- އިނގުރު އިނގުރަކީ ދުޅަތަކަށް ލުއިދޭ އަދި ކާނާ ބަނޑުން އަވަހަށް ހުސްކޮށްދޭ އެއްޗެކެވެ. ނަމަވެސް، މާ ގިނައިން ބޭނުންކުރުމުން އެސިޑިޓީ އިތުރުވެދާނެތީ، މިންވަރު މަދުން ބޭނުންކުރުން މުހިންމެވެ. 4- ކާފޫރުތޮޅި ކާފޫރުތޮޅިއަކީ ބަނޑުގެ ފަށަލައަށް ލުއިކަން ގެނެސްދީ، ދިލަނެގުމާއި އެސިޑިޓީ ކުޑަކޮށްދޭ އެއްޗެކެވެ. މިއީ ސައި ނުވަތަ ކިރަށް އަޅައިގެން ނުވަތަ ކެއުމަށް ފަހު ހަފާލައިގެން ވެސް ބޭނުންކުރެވިދާނެ އެއްޗެކެވެ. 5- ހޮލީ ބޭސިލް މިއީ އެސިޑް އުފެދުން މަދުކޮށްދީ ބަނޑުގެ ސިއްހަތު ރަނގަޅުކޮށްދޭ ފަތެކެވެ. މީގެ އިތުރުން ސްޓްރެސް ކުޑަކޮށްދިނުމަށް ވެސް މިއީ ވަރަށް ފައިދާހުރި އެއްޗެކެވެ. ގުދުރަތީ ބާވަތްތައް ބޭނުންކޮށްގެންވެސް އެސިޑިޓީ މައްސަލައަށް ހައްލެއް ނުލިބޭނަމަ ސިއްހީ އެހީތެރިއެއްގެ ލަފާ އާއި އިރުޝާދު ހޯދުމަށް އަވަސްވުން މުހިއްމު--ފޮޓޯ/ހެލްތުލައިން ސަމާލުކަން ދޭންޖެހޭ ކަންކަން: މިއީ ގުދުރަތީ ފަރުވާތަކެއް ނަމަވެސް، ދާއިމީ ގޮތެއްގައި ގޭސް އެރުމުގެ މައްސަލަ ހުންނަ ނަމަ މިއީ ހަމައެކަނި ފަރުވާއެއް ނޫނެވެ. ތިރީގައިވާ އަލާމާތްތައް ފެންނަ ނަމަ ލަސް ނުކޮށް ޑޮކްޓަރަށް ދެއްކުން މުހިންމެވެ. - މާ ގިނައިން މޭ އެންދުން ނުވަތަ ހޮޑުލެވުން - މޭގައި ރިއްސުން - ކާނާ ދިރުވަން އުނދަގޫވުން - ދާއިމީ ގޮތެއްގައި ކެއްސުން - ސަބަބެއް ނޭނގި ބަރުދަން ލުއިވުން ދިގު މުއްދަތުގެ ހައްލަކަށް ދިރިއުޅުމުގެ އާދަތަކަށް ގެންނަންޖެހޭ ބަދަލުތައް: - މާ ގިނައިން ނުކެއުން - ގަޑިއަށް ކެއުން - ތެޔޮ އަދި ކުޅި ކާނާ މަދުކުރުން - ސައި، ކޮފީ، އަދި ގޭސްވާނެ ފަދަ ބުއިންތައް މަދުކުރުން - ކެއުމަށް ފަހު ވަގުތުން ނުއޮށޯތުން - ބަރުދަން އެއްވަރެއްގައި ހިފެހެއްޓުން - ފުރިހަމަ ނިދި ހޯދުމާއި ހާސްކަން ކުޑަކުރުން ކެއުމުގެ އާދަތަކަށް ގެންނަ ކުދިކުދި ބަދަލުތަކުން ބަނޑުގެ ސިއްހަތު ރަނގަޅުކޮށް، ގޭސް އެރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދިދާނެއެވެ. ނަމަވެސް، އެ މައްސަލަ ތަކުރާރުކޮށް ދިމާވާނަމަ ސިއްހީ ފަރުވާ ހޯދަން އަވަސްވެގަތުމަކީ އެންމެ ރަނގަޅުގޮތް ކަމަށް ޑރ. ވިކާސް ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ