ނިއުޔޯކް، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 11) - މި ފަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ކުޅޭ ގައުމުތަކުގެ ތެެރެއިން، މި ވަގުތު އެމެރިކާގައި ކޭމްޕްކޮށްގެން ތިބި ޓީމުތަކުން އެކި އެކި ކަންތައްތަކުގައި ޝާމިލުވެ އުޅޭއިރު، ސެކިއުރިޓީ ޗެކް ކުރުމުގައި ވަކި ގައުމުތަކަކާ މެދު ތަފާތު ގޮތްގޮތަށް ކަންކަން ކުރަމުން އަންނާތީވެ، އުޒްބެކިސްތާންގެ ކޯޗު އިޓަލީގެ ފަަބިއޯ ކަނަވާރޯ ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.
އެ ގޮތުން، އިޓަލީއާ އެކު، 2006 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދި ކަނަވާރޯ މި ފަހަރު ވޯލްޑް ކަޕްގައި އިރުޝާދު މި ދެނީ މުޅިން އަލަށް ވޯލްޑް ކަޕެއްގައި ކުޅުމުގެ ފުރުސަތު ހޯދި، އޭޝިއާގެ ފުޓްބޯޅައިގައި ހަލުވި ދުވެއްޔެއްގައި ކުރިއަރަމުން އަންނަ އުޒްބެކިސްތާން އެވެ. އެ ގޮތުން، އުޒްބެކިސްތާނުން ވޯލްޑް ކަޕްގައި ކުޅެން އެމެރިކާ އަށް އައިއިރު، އެ ޓީމުގެ ސެކިއުރިޓީ ޗެކްގައި، ސްނިފާ ޑޯގް އާއި މެޓަލް ވޭންޑްސް ވަނީ ބޭނުންކޮށްފަ އެވެ. އޭޝިއާ އާއި އެފްރިކާގެ ގިނަ ގައުމުތައް ތަފާތު އެކި ގޮތްގޮތަށް ސެކިއުރިޓީ ޗެކް ކުރި ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރުވި އެވެ.
"އެ މީހުން އަހަރެން ގާތުގައި ބުނީ (މި ސެކިއުރިޓީ ޗެކް) މި ކަންކަން މި އޮތީ ގަވާއިދު އޮތްގޮތަށޭ. އެކަމަކު، އަހަރެން ހުރިހާ ކަމެއް ހޯދައި ބެލިއިރު، މި ކަން މި ގޮތަށް ދިމާވީ އަހަރެމެންނަށް އެކަނި. މިއީ، ވެގެންވާނެ ގޮތެއް ނޫން،" ކަނަވާރޯ ބުންޏެވެ.
އެކި ގައުމުތަކަށް ސެކިއުރިޓީ ޗެކްގައި ދިމާވާ މައްސަލަތަކާ ބެހޭގޮތުން ސީދާ ވާހަކަ ދައްކަން ފީފާ އިން ބޭނުމެއް ނުވި އެވެ. އެކަމަކު، މެކްސިކޯ ސިޓީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވަނީ އެއްވެސް ސަރުކާރެއްގެ ގާނޫނާއި ގަވާއިދުގައި ހުންނަ ކަންތައްތަކަށް ނުފޫޒު ފޯރުވައި ބަދަލުކުރުމުގެ ބާރެއް ފީފާގެ ނެތް ކަމަށް ވިދާޅުވެފަ އެވެ.
ކަނަވާރޯ ބުނީ، މީގެ 30 އަހަރު ކުރިއަށް ވިސްނާއިރު، އުޒްބެކިސްތާނަކީ ވޯލްޑް ކަޕްގައި ކުޅޭނެ ގައުމެއްގެ ގޮތުގައި ނުބެލެވޭނެ ކަމަށާއި އެކަމަކު، އަމިއްލަ މަސައްކަތުން މިހާރު އެ ގައުމުން ފުޓްބޯޅައިގައި އައިސްފައި މި އޮތީ ހައްގު މަގާމަކަށް ކަމަށެވެ. މި އަަހަރުގެ ކުރީކޮޅުގައި އުޒްބެކިސްތާންގެ ކޯޗުކަމާ ހަވާލުވެ، 40 ދުވަސް ވަންދެން އެ ގައުމުގެ އެކި ދިމަދިމާލުގައި ދަތުރުކޮށް، ވޯލްޑް ކަޕަށް ރަނގަޅު ޓީމެއް ތައްޔާރުކުރުމުގެ މަސައްކަތް ކުރި ކަމަށް ކަނަވާރޯ ވަނީ ބުނެފަ އެެވެ.
އުޒްބެކިސްތާނުން ފުރަތަމަ މެޗުގައި މި މަހު 18 ވަނަ ދުވަހު ކުޅޭނީ ކޮލަމްބިއާއާ އެވެ. އަދި، ދެ ވަނަ މެޗުގައި، 23 ވަނަ ދުވަހު ޕޯޗުގަލްއާ ބައްދަލުކޮށް، ގްރޫޕް ފަހު މެޗުގައި، މި މަހު 28 ވަނަ ދުވަހު ކޮންގޯއާ ކުޅޭނެ އެވެ.
ސެކިއުރިޓީ ޗެކް ކުރުމުގައި ގައުމުތައް ތަފާތު ކުރާތީ ކަނަވާރޯގެ ނުރުހުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ