މުދަލުގެ އަގުތައް އުފުލި، ހުރިހާ ސިނާއަތެއްގެ ވިޔަފާރިތައް މާލީ ދަތިކަމާ ދިމާލަށް
އަހަރުގެ ދެވަނަ ކުއާޓަރު މިހާރު ހިނގަމުންދާއިރު، މި މުއްދަތުގެ ތެރޭގައި ހުރިހާ ސިނާއަތެއްގެ ވިޔަފާރިތަކުގެ ވެސް މާލީ ހާލަތު ދަށްވާނެ ކަމަށް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ސާވޭއަކުން ދައްކައިފިއެވެ. އެމްއެމްއޭއިން އާންމުކޮށްފައިވާ ކުއާޓާލީ ބިޒްނަސް ސާވޭ ކުރިއަށްގެންގޮސްފައި ވަނީ މިދިޔަ މާރިޗް މަހުގެ 29އިން އޭޕްރިލް މަހުގެ 18އަށެވެ. އެ ސާވޭގައި ފަތުރުވެރިކަމާއި، އިމާރާތްކުރުމާއި ހޯލްސޭލާއި ރީޓެއިލްއާއި ދަތުރުފަތުރާއި މުވާސަލާތީ ސިނާއަތުގެ 97 ވިޔަފާރިއަކުން ބައިވެރިވެފައިވެއެވެ. އެ ސާވޭއިން ދެއްކި ގޮތުގައި ފުރަތަމަ ކުއާޓަރު ކަމަށްވާ، ޖަނަވަރީން މާރިޗް މަހަށް، އިމާރާތްކުރުމުގެ ދާއިރާ ފިޔަވައި ހުރިހާ ސިނާއަތެއްގެ ވިޔަފާރި ވަނީ ފުޅާވެފައެވެ. އަދި ހުރިހާ ވިޔަފާރީއަކަށް ވެސް މުވައްޒަފުން ނެގި އަދަދު އިތުރުވެފައިވާ ކަމަށް ތަފާސްހިސާބުން ދައްކައެވެ. އެހެންނަމަވެސް ހުރިހާ ސިނާއަތެއްގައި ވެސް ޚަރަދުތައް އިތުރުވެ، އެ ވިޔަފާރިތަކުން ވިއްކާ މުދަލާއި ޚިދުމަތްތަކުގެ އަގުތައް ވަނީ އިތުރުވެފައެވެ. އޭގެ ސަބަބުތަކުގެ ތެރޭގައި އީރާން ހަނގުރާމައިގެ ސަބަބުން ސަޕްލައި ޗެއިންއަށް ބުރޫ އެރުމާއި، ތެލުގެ އަގު އުފުލުމާއި، ބޭރުން މުދާ ގެނައުމުގެ އަގު ބޮޑުވުމުގެ އިތުރުން، ޑޮލަރުގެ އަގު އުފުލުމުގެ މައްސަލަ ވެސް ފާހަގަކޮށްފައިވެއެވެ. ވަކިވަކި ސިނާއަތްތަކަށް ބަލާއިރު، ފަތުރުވެރިކަމުގެ ދާއިރާއިން ވަނީ، ކުރިއަށްވުރެ ދަށްކޮށް ނަމަވެސް، ވިޔަފާރި ކުރިއަރަމުން އަންނަ ކަމަށެވެ. ނަމަވެސް މި ހިނގާ ދެވަނަ ކުއާޓަރު ތެރޭގައި ރިސޯޓް ބުކިންސްއާއި އޮކިއުޕެންސީ ރޭޓް ދަށްވާނެ ކަމަށް ލަފާކޮށްފައިވާއިރު، ޚަރަދުތައް އިތުރުވާނެ ކަމަށް ފަތުރުވެރިކަމުގެ ސިނާއަތުން ވަނީ އަންދާޒާކޮށްފައެވެ. ފުރަތަމަ ކުއާޓަރުގައި އިމާރާތް ކުރުމުގެ ދާއިރާގެ މަސައްކަތްތައް މަޑުޖެހުނުއިރު، ޚަރަދުތައް އިތުރުވި ކަމަށް އެ ވިޔަފާރިތަކުން ފާހަގަކޮށްފައިވެއެވެ. އެގޮތުން ޚަރަދުތައް އިތުރުވި މައިގަނޑު ސަބަބުތަކުގެ ގޮތުގައި ފާހަގަކޮށްފައިވަނީ ތެލާއި މުދަލުގެ އިތުރުން، ޝިޕިން އަގުތައް އުފުލުމެވެ. ފަތުރުވެރިންތަކެއް ރާއްޖޭގައި: ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކުން ވަނީ މި ކުއާޓަރުގައި އޮކިއުޕެންސީ ރޭޓު ދަށްވާނެ ކަމަށް ލަފާކޮށްފައި -- ފޮޓޯ/ ވިޒިޓް މޯލްޑިވްސް ސާވޭގައި ބައިވެރިވި ގިނަ ވިޔަފާރިތަކުން ވަނީ، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ތެރެއިން ހޮރްމުޒް ކަނޑުއޮޅި ބަންދުކުރުމުން ވިޔަފާރިއަށް ވަރަށް ބޮޑަށް ނޭދެވޭ އަސަރުކޮށްފައިވާ ކަމަށް ބުނެފައެވެ. މުދާ ހޯލްސޭލްކޮށާއި ރީޓެއިލްކޮށް ވިއްކާ ވިޔަފާރިތަކުން ވެސް ވަނީ، ވިއްކާ ތަކެތީގެ އަގުތައް އެވަރެޖުކޮށް އުފުލޭނެ ކަމަށް ބުނެފައެވެ. އެއާއެކުވެސް، މި ހިނގަމުންދާ ކުއާޓަރުގައި މާލީ ހާލަތު ދަށްވާނެ ކަމަށް އެ ވިޔަފާރިތަކުން ވަނީ ލަފާކޮށްފައެވެ. އެ ސިނާއަތުގައި އަގުތައް އުފުލުމުގެ މައިގަނޑު ސަބަބުތަކުގެ ގޮތުގައި ފާހަގަކޮށްފައި ޝިޕިންއާއި ތެލުގެ އަގުގެ އިތުރުން، ޑޮލަރުގެ އަގަށް އަންނަ ބަދަލުތަކެވެ. އެހެން ދާއިރާތަކެކޭ އެއްގޮތަށް، ދަތުރުފަތުރާއި މުވާސަލާތީ ޚިދުމަތްތައް ދޭ ވިޔަފާރިތަކުން ވެސް ވަނީ މި ކުއާޓަރު ތެރޭގައި އާމްދަނީ ދަށްވާނެ ކަމަށް އަންދާޒާކޮށްފައެވެ. ނަމަވެސް ޚިދުމަތުގެ އަގު އުފުލޭނެ ކަމާއި، އެ ދާއިރާއަށް ވެސް ސަޕްލައި ޗެއިންއަށް ބުރޫ އެރުމުން ދަތިތައް ކުރިމަތިވާ ކަމަށް ވިޔަފާރިތަކުން ފާހަގަކޮށްފައިވެއެވެ. ރާއްޖޭގައި ޑޮލަރު ވިއްކާ ރަސްމީ އަގަކީ 15.42 ކަމަށްވީ ނަމަވެސް، އެ އަގުގައި ޑޮލަރު ލިބުމުގައި ދަތިތައް އަންނަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ. އަދި ކަޅު ބާޒާރުގައި އަގު އުފުލެމުން ގޮސް، ޑޮލަރެއްގެ އަގު ވަނީ 20 ރުފިޔާއިން މަތީގައި ހިފެހެއްޓިފައެވެ. https://sun.mv/222974 ރާއްޖެއަކީ އިމްޕޯޓަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ގައުމަކަށްވާއިރު، ޑޮލަރުގެ އަގު އުފުލުމާއެކު ތަކެތީގެ އަގު ވެސް ވަރަށް ބޮޑަށް އުފުލެއެވެ. އީރާން ހަނގުރާމައާ ގުޅިގެން ފަތުރުވެރިކަން ދަށްވެ، އެ ސިނާއަތުން ލިބޭ އާމްދަނީ ދަށްވުމުން ވެސް ގިނަ ބަޔެއްގެ ކަންބޮޑުވުން ވަނީ އިތުރުވެފައެވެ. ސްޓެޓިސްޓިކްސް ބިއުރޯގެ އެންމެ ފަހުގެ ތަފާސްހިސާބުން ވަނީ، މިދިޔަ އަހަރާ އަޅައިބަލާއިރު، އަސާސީ ތަކެތީގެ އަގު މާލޭގައި އެންމެ ބޮޑަށް އުފުލިފައިވަނީ މިދިޔަ މެއި މަހު ކަމަށް ދައްކައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ