ބައްސާމް ގަތް ދެ އެޕާޓްމެންޓާ ގުޅޭ އެއްވެސް މުއާމަލާތެއް ނުހިންގަން ހައި ކޯޓުން އަމުރުކޮށްފި

ފީފާއިން ދިން ފައިސާއަށް އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ހިޔާނާތްތެރިވި މައްސަލައިގައި، އެ ފައިސާ ލޯންޑާކުރުމުގައި އެހީތެރިވި ކަމަށް އަމީން ކޮންސްޓްރަކްޝަންގެ މައްޗަށް ސާބިތުނުވުމުން ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފު މައްސަލަ ނިމެންދެން ބައްސާމް ގަތް ދެ އެޕާޓްމެންޓުގެ އިތުރު މުއާމަލާތެއް ނުކުރުމަށް ހައި ކޯޓުން މިއަދު އަމުރުކޮށްފިއެވެ.
މި މައްސަލައިގައި އަމީން ކޮންސްޓްރަކްޝަންގެ މައްޗަށް ދައުލަތުން އުފުލި މަނީ ލޯންޑަރިންގައި ބައިރިވުމުގެ ކުށުގެ ދައުވާ ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ އޭޕްރިލް މަހުގެ ހަ ވަނަ ދުވަހުއެވެ. އެ ހުކުމް ދައުލަތުން މިހާރު ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާއިރު، އެ ކޯޓުން ވަނީ މައްސަލަ ބަލައިގެންފައެވެ.
ހައިކޯޓުގައި ބަލަމުންދާ މައްސަލަ ނިމެންދެން އެ އެޕާޓްމެންޓުތަކުން އިތުރު މުއާމަލާތެއް ނުކުރުމުގެ އަމުރަކަށް ވެސް ދައުލަތުން އޮތީ އެދިފައެވެ. ދަށު ކޯޓުގައި ވެސް އަމީން ކޮންސްޓްރަކްޝަންގެ މައްސަލަ ބެލި އިރު މައްސަލަ ނިމެންދެން އެ އެޕާޓްމެންޓުތަކުގެ އިތުރު މުއާމަލާތެއް ނުކުރުމުގެ ވަގުތީ އަމުރެއް ނެރުނެވެ.
އެ މައްސަލައިގައި ހައިކޯޓުން މިއަދު ނެރުނު ވަގުތީ އަމުރުގައި އަންގާފައި ވަނީ މައްސަލަ ބަލައި ނިމުމުގެ ކުރިން އެ މުދަލަތުގެ އަސްލު ގެއްލޭފަދަ މުއާމަލާތެއް ކޮށްފިނަމަ އެ މައްސަލައިގައި ދައުލަތުން އެދިފައިވާ ފަރުވާ ހޯދައިދިނުމުގެ ފުރުސަތު ބަންދުވެދާނެތީ، އެ އެޕާޓްމެންޓުތަކުގެ މިލްކުވެރިކަމަށް ބަދަލު އަންނާނެ ފަދަ ކަމެއް ހިމެނޭގޮތުން އެ ދެ އެޕާޓްމެންޓާ ގުޅޭ އެއްވެސް މުއާމަލާތެއް ނުކުރުމަަށެވެ.
މިއަދު ހައިކޯޓުން އެ އަމުރު ނެރުނީ، އަމުރުގެ ބާވަތާއި އެދޭ ފަރުވާއަށް ރިއާއަތްކޮށް، އިސްތިއުނާފު ރައްދުވާ އަމީން ކޮންސްޓްރަކްޝަންގެ ބަހެއް ނެތި ”އެކްސް ޕާޓީ“ މައްސަލައެއްގެ ގޮތުގައެވެ.
މި މައްސަލަ ބައްލަވާ ހައިކޯޓުގެ ބެންޗުގައި ތިއްބަވަނީ ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ، ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް އަދި ފަނޑިޔާރު ފާތިމަތު ފަރުހީޒާއެވެ.
ދައުލަތުން ތުހުމަތުކުރާ ގޮތުގައި އެފްއޭއެމްގެ ފައިސާއިން އެއް މިލިއަން ޑޮލަރު ބައްސާމް އެ އަމީން ކޮންސްޓްރަކްޝަނަށް ދެއްކީ އެ ކުންފުނިން ތަރައްގީކުރި ދެ އެޕާޓްމެންޓެއް ގަތުމަށެވެ. އެއީ ޑޮލަރު ގަތުމުގެ މުއާމަލާތެއް ކަމަށް ދައްކަން އުޅުނު ނަމަވެސް، ދައުލަތުން ބުނާ ގޮތުގައި އެއް މިލިއަން ޑޮލަރަށް ވާ ދިވެހި ފައިސާ އަމީން ކޮންސްޓްރަކްޝަނުން އެފްއޭއެމްއަށް ދީފައި ނުވެއެވެ. ނަމަވެސް، ކްރިމިނަލް ކޯޓުން މައްސަލަ ބަލައި ނިންމީ، އެ އެއް މިލިއަން ޑޮލަރަށް ވާ ފައިސާ އެ ކުންފުނިން ދައްކާފައިވާކަމަށް ބާރުދޭ ހެކިތަކެއް ހުރިކަމަށެވެ.
އެފްއޭއެމްގެ ފައިސާއަށް ހިޔާނާތްތެރިވި މައްސަލައިގައި ބައްސާމްގެ މައްޗަށް ކުރި ދައުވާތައް ސާބިތުވެ، އޭނާ 23 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ