މުއިއްޒުގެ މޭޔަރުކަމުގައި ސިޓީ ކައުންސިލުގެ ވަކީލަކަށް ހުރި އަލީ ނަސީރު ޖޭއެސްސީއަށް އައްޔަންކޮށްފި

ފަނޑިޔާރުންގެ މައްސަލަތައް ބަލާ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި އިންނަވާ ރައީސްގެ މެންބަރުގެ ހައިސިއްޔަތުން، ގާނޫނީ ވަކީލު އަލީ ނަސީރު ގާސިމް އެ މަގާމަށް މިއަދު އައްޔަންކޮށްފި އެވެ. 
ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އަލީ ނަސީރު ގާސިމާ ވަނީ މަގާމުގެ ލިޔުން ހަވާލުކޮށްފަ އެވެ. އޭނާ މި މަގާމަށް އައްޔަންކުރީ ކުރީ ޖޭއެސްސީގައި ރައީސްގެ މެންބަރެއްގެ ގޮތުގައި ހުންނެވި ޔަޒްމީދު މުހައްމަދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ޔަޒްމީދުގެ ބަދަލުގައި ރައީސްގެ މެންބަރެއްގެ ހައިސިއްޔަތުން ޖޭއެސްސީއަށް އައްޔަންކުރި އަލީ ނަސީރު ގާސިމަކީ ރައީސް މުަހައްމަދު މުއިއްޒު މާލެ ސިޓީގެ މޭޔަރަކަށް ހުންނެވި ދުވަސްވަރު މާލެ ސިޓީ ކައުންސިލުގެ ގާނޫނީ ވަކީލެވެ. މިހާރު މައްސަލަ ބޮޑުވެގެން އުޅޭ މަސް މާރުކޭޓު ބިން ބަޔަކަށް ދެވަނަ ބަޔަކަށް ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރި މީހަކީ ވެސް އަލީ ނަސީރު ގާސިމެވެ.
ޖޭއެސްސީގައި މުއިއްޒުގެ ފުރިހަމަ ކޮންޓްރޯލް ހިފަހައްޓަމުން އަންނައިރު، މިއީ މި ސަރުކާރުގެ ދައުރުގެ ތެރޭގައި ރައީސްގެ މެންބަރެއްގެ ގޮތުގައި އެ ކޮމިޝަނަށް އައްޔަންކުރި ތިން ވަނަ މީހާ އެވެ.
މި ސަރުކާރުގައި ރައީސްގެ މެންބަރެއްގެ ގޮތުގައި ޖޭއެސްސީއަށް އައްޔަންކުރީ މުހައްމަދު ސަމީރެވެ. އޭނާ އެ މަގާމުން ވަކިކުރުމަށް ފަހު ޔަޒްމީދު ޖޭއެސްސީގެ މެންބަރުކަމަށް އައްޔަންކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ 23، ގައި އެވެ. ޔަޒްމީދު އިސްތިއުފާ ދިންއިރު އޭނާ ހުރީ އެ ކޮމިޝަންގެ ނައިބު ރައީސްގެ މަގާމުގަ އެވެ. 
ޔަޒްމީދު އިސްތިއުފާ ދިން އިރު، އޭނާގެ މައްޗަށް ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމުގެ ސީރިއަސް ތުހުމަތުތަކެއް ކުރެވެ އެވެ. އަދަދު އަށް މައުލޫމާތު ދިން މީހުން ބުނެފައިވާ ގޮތުގައި ޔަޒްމީދު ވަނީ ކޯޓުތަކުގައި ހިނގަމުންދާ މައްސަލަތަކަށް ނުފޫޒު ފޯރުވުމަށް ފަނޑިޔާރުންނަށް ގުޅައި، ވަކި ގޮތަކަށް އަމަލުކުރުމަށް އެދިފަ އެވެ.
އޭގެ އިތުރުން، ޔަޒްމީދު ކަމަށް ބެލެވޭ މީހަކު ސަރުކާރަށް ފާޑުކިޔައި ވާހަކަ ދައްކާފައިވާ އޯޑިއޯއެއް ވެސް މީގެ ކުރިން ލީކުވި އެވެ. ނަމަވެސް އޭނާގެ އިސްތިއުފާއާ މިއިން ކަމަކާ ގުޅުމެއް ހުރި ކަމެއް ކަށަވަރެއް ނޫނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ