ރަށްރަށުގެ މިސްކިތްތަކުގައި ދާއިމީ އިމާމުން ނެތް މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން އިމާމުކަމުގެ ކޯހެއް ނުވަތަ އެއާ އެއް ފެންވަރުގެ މުގައްރަރެއް ކަނޑައަޅައި، އިމާމުކަން ކުރުމުގެ ހުއްދައެއް ތައާރަފްކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ބުނީ ކީކޭ؟ - ޝަހީމް ފޭސްބުކްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގެ މިސްކިތްތަކުގައި ދާއިމީ އިމާމުން ނެތް ކަމަށެވެ.
"މި މައްސަލަ ރަށްތަކުގައި ދިމާވެފައިވަނީ މިސްކިތްތަކުގެ އަދަދު ގިނަވުމާއި އިމާމުންގެ ވަޒީފާ އަދާކުރެވޭ މިންވަރުގެ ފެންވަރު ހުރި މީހުން ބައެއް ރަށްތަކުގައި މަދުކަމުން،" ޝަހީމް ވިދާޅުވި އެވެ.
ތަފްސީލު - މިނިސްޓަރު ވިދާޅުވީ ދާއިމީ އިމާމުން ނެތުމާއި ވަގުތީ އިމާމުން ތިބުމުގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމުގެ ގޮތުން މިނިސްޓްރީން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
"މި މައްސަލައަށް ހައްލު ހޯދުމަށްޓަކައި އޯ ލެވެލް ނިންމާ ދަރިވަރުންގެ ތެރެއިން ދާއިރާއަށް ޝައުގުވެރިވާ ކުދިންނަށް އިތުރަށް ވަޒީފާގެ ފުރުސަތު ފަހި ކުރުމާއި އިމާމުކަމުގެ ކޯހެއް ނުވަތަ އެއާ ގުޅުންހުރި ކޯހެއް ނެތް ފަރާތްތަކަށް މިނިސްޓްރީން ކަނޑައަޅާ މިންވަރުގެ މުގައްރަރެއް ކަނޑައަޅައި އާންމުކޮށް، އޭގެ ދަށުން ކޮންމެ އަހަރަކު އިމާމުކަމާ ގުޅޭ އާންމު އިމްތިހާނެއް ތައާރަފްކޮށް، އިމާމުކަން ކުރުމުގެ ހުއްދައެއް ތައާރަފްކުރުމަށް މިނިސްޓްރީން މި ދަނީ މަސައްކަތް ކުރަމުން،" މިނިސްޓަރު ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވީ ކަމާ ގުޅުންހުރި އެހެނިހެން އިދާރާތަކާ މަޝްވަރާ ކުރުމަށް ފަހު މިކަމުގައި ކުރިއަށް ދާނެ ގޮތް ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށެވެ.
ދާއިމީ އިމާމުން މަދުވާތީ އެކަމާ ގުޅޭ ކޯހެއް ތައާރަފްކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ