އެމްޑީޕީ ވެރިކަމަށްއައި ކޮންމެ ފަހަރަކު ދިވެހިރާއްޖޭގެ އެތައްބައެއްގެ ވަޒީފާ ގެއްލުވާލާފައިވާ ކަމަށް ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ. ފަލާހު މިހެން ވިދާޅުވީ ސަރުކާރުގެ ފަރާތުން ވަޒީފާއާއި ބެހޭ ގާނޫނަށް އިސްލާހު ހުށަހެޅުމުގެ ބިލަށް ބަހުސް ކުރައްވަމުންނެވެ.
މަޖިލީހުގައި ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ، ވަޒީފާދޭ ފަރާތަކުން ގަސްތުގައި ވަޒީފާއިން ވަކިކުރުމުގެ އިތުރުން، ސަރުކާރަކުން ގެންގުޅޭ ނުބައި ސިޔާސަތުތަކެއްގެ ސަބަބުން އޭގެ ޒާތުގައި ގެއްލޭ ބައިވަރު ވަޒީފާތައްވެސް ހުންނާނެ ކަމަށެވެ. އެގޮތުން ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި މަސްވެރިކަމުގެ ސިނާއަތު ފުނޑާލީ އެމްޑީޕީން ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
ފަލާހު ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި ފެނަކަ އަދި އާރްޑީސީ ކުރިމަތީގައި ބޯޑުތައް ހިފައިގެން ވިޔަފާރިވެރިން މުޒާހަރާކުރި މަންޒަރު ރައްޔިތުންނަށް ފެނިފައިވާ ކަމަށެވެ. އެއީ އެމީހުން ކުރި މަސައްކަތަށް ލިބެންޖެހޭ ހައްގު އުޖޫރަ ނުލިބިގެން ކުރި މުޒާހަރާތަކެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
”އެމްޑީޕީގެ ވެރިކަން ބަދަލުވެ މިސަރުކާރު ހަވާލުވިއިރު ފެނަކައިން 4 ބިލިއަން ރުފިޔާ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށް ނުދީ އޮތް. މީގެންވެސް އެނގެނީ ރާއްޖޭގެ މެދުފަންތީގެ ވިޔަފާރިވެރިން ފުނޑާލީ އެމްޑީޕީންކަން،“ ފަލާހު ވިދާޅުވިއެވެ.
އެމްޑީޕީން ދެ ފަހަރަށް ވެރިކަން ކޮށްފައިވާކަން ފާހަގަކުރައްވައި ފަލާހު ވިދާޅުވީ، އެ ޕާޓީގެ ވެރިކަމުގައި ނުހައްގުން 800 މިލިއަން ރުފިޔާ އެކިއެކި މީހުންނަށް ބަހާފައިވާ ކަމަށެވެ. އަދި ވެރިކަމުން ފޭބިއިރު ސަރުކާރަށާއި ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ނިންމަވާލައްވަމުން ފަލާހު ވިދާޅުވީ، ވަޒީފާއާއި ބެހޭ ގާނޫނަށާއި އެހެނިހެން ގާނޫނުތަކަށް މި ސަރުކާރުން ގެންނަމުންދަނީ ވަރަށް މުހިންމު ހެޔޮ އިސްލާހުތަކެއް ކަމަށެވެ. ވައުދު ފުއްދާނީވެސް އަދި ވައުދަށް ހުރުމަތްތެރިކޮށް ހިތާނީވެސް މި ސަރުކާރުން ކަމަށާއި، ރައްޔިތުންގެ ތާއީދު އޮތީ މި ސަރުކާރަށް ކަމަށް އޭނާ ވިދާޅުވިއެވެ.
އެމްޑީޕީ ވެރިކަމަށްއައި ކޮންމެ ފަހަރަކު ރާއްޖޭގެ އެތައްބައެއްގެ ވަޒީފާ ގެއްލުވާލި: މެމްބަރު ފަލާހު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ