ހިތަދޫ ބައި-އިލެކްޝަނުގެ ވޯޓު ފޮށިތައް ބުދަ ދުވަހު ފޮނުވަނީ

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި ވޯޓުލުމަށް ބޭނުންވާ ފޮށިތައް އަންނަ ބުދަ ދުވަހު ފޮނުވަން ފަށާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.
ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަނުން ބުނީ އަންނަ މަހުގެ ތިން ވަނަ ދުވަހުން ފެށިގެން ވޯޓު ފޮށިތައް ފޮނުވުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ.
މި ބައި-އިލެކްޝަންގައި ވާދަކުރައްވަނީ ދެ ކެންޑިޑޭޓުންނެވެ. އެއީ ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓު އަޙްމަދު ސަޢީދު އާއި އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް ޢަބްދުﷲ ޞާދިޤުއެވެ.
ލެކްޝަންސް ކޮމިޝަނުން ތާވަލުކޮށްފައިވާ ގޮތުން ވޯޓުލުން އޮންނާނީ އަންނަ މަހުގެ ހަ ވަނަ ދުވަހުއެވެ. އެ ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށް ވޯޓުލުމުގެ ފުރުޞަތު ހުޅުވާލާނެއެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، ކުރިން އެ ދާއިރާގެ މެންބަރަކަށް ހުންނެވި މުޙައްމަދު ސިނާންގެ މައްޗަށް ސާބިތު ދަރަންޏެއް އޮތްކަން ކޯޓަށް ސާބިތުވެ، އެ ދަރަނި ޙުކުމާ އެއްގޮތަށް ދައްކާފައިނުވާތީ ސުޕްރީމް ކޯޓުން ކުރި ޙުކުމަކާ ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ