ބްރެޒިލް ކެޓުމުން 2022 ގައި ޖެހުނު ސްޓްރޯކުން ސަލާމަތްވުމަށް އަކްޝޭއަށް އުންމީދެއް

އިންޑިއާގެ ކެރެލާ އަކީ އަބަދުވެސް ބްރެޒިލް ފުޓްބޯޅަ ޓީމަށް މަރުދޭ، ފޯރިގަދަ ސަޕޯޓަރުން އުޅޭ ސަރަހައްދެކެވެ. ނަމަވެސް، ކޮޗިންގެ ކައްކަނާޑަށް ނިސްބަތްވާ އާއިލާއަކަށާއި އެމީހުންގެ ގާތް ރައްޓެހިންނަށް މި ފަހަރުގެ ވޯލްޑް ކަޕަކީ ހަމައެކަނި ފުޓްބޯޅަ މުބާރާތެއް ނޫނެވެ. މިއީ އެމީހުންގެ މުޅި ދިރިއުޅުމާ ގުޅިފައިވާ ވަރަށް އަސަރުގަދަ ކަމެކެވެ. އެމީހުން ކުރާ އުންމީދަކީ ބްރެޒިލްގެ މި ފަހަރުގެ ކެމްޕޭނާއެކު 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ބްރެޒިލް ކެޓި މެޗަށްފަހު ސްޓްރޯކެއް ޖެހި، އެއްވެސް ހަރަކާތެއް ނެތި އެނދުމަތިވެފައިވާ އުމުރުން 26 އަހަރުގެ އަކްޝޭއަށް އަލުން ހިނގޭނެ މަގު ފަހިވުމެވެ. އަމިއްލައަށްވެސް މޮޅު ފުޓްބޯޅަ ކުޅުންތެރިއަކަށް ވުމުގެ ހުވަފެން ދެކެމުންއައި އަކްޝޭއަކީ ބްރެޒިލްގެ ރީނދޫ ޖާޒީއަށް އިންތިހާއަށް ލޯބިކުރި ޒުވާނެކެވެ. ނަމަވެސް 2022 ގެ ވޯލްޑް ކަޕުން ބްރެޒިލް ކެޓި ރޭ އޭނާގެ ދިރިއުޅުން މުޅިން ބަދަލުވެގެންދިޔައެވެ. އަކްޝޭގެ ބައްޕަ ޕުރުޝޯތަމަން އެ ހިތާމަވެރި ރޭ ހަނދާންކުރަމުން ބުނީ، ބްރެޒިލް ބަލިވި މެޗު ނިމުނުތާ ދެ ގަޑިއިރު ވީއިރުވެސް އަކްޝޭ ގެއަށް ނުދެއެވެ. އެހެންވެ ހޯދަމުން ދަނިކޮށް އޭނާ ފެނުނީ މެޗު ބަލަން ބޮޑު ސްކްރީން ބަހައްޓާފައި ހުރި ސަރަހައްދުގައި އެއްވެސް ހަރަކާތެއް ނެތި ގާވެފައި އޮއްވައެވެ. ރައްޓެހިން ބުނި ގޮތުގައި މެޗު ނިމުމާއެކު އަކްޝޭ އެއްވެސް ބަހެއް ނުބުނެ ހިމޭނުން އިނީއެވެ. އެހެންކަމުން ރައްޓެހިން ހީކުރީ ބްރެޒިލް ބަލިވުމުން ލިބުނު ދެރައިގައި އެކަނިވެލަން ބޭނުންވީ ކަމަށެވެ. އެހެންވެ އޭނާ ބަހައްޓާފައި ރައްޓެހިން ދިޔައީއެވެ. ނަމަވެސް، އެމީހުންނަށް އެ ހީކުރެވުނީ ކުށްހީއެކެވެ. އެއީ ހިތާމައިގެ ސަބަބުން ސިކުނޑީގެ ލޭހޮޅިއެއް ބެދި، އޭނާއަށް ޖެހުނު ބޮޑު ސްޓްރޯކެކެވެ. ވޭތުވެދިޔަ ހަތަރު އަހަރު ދުވަހު އަކްޝޭ އޮތީ އެނދުން ނުގުޑިފައެވެ. އޭނާއަށް ބަދަލުކުރެވެނީ ހަމައެކަނި ލޮލުގެ ހަރަކާތްތަކެވެ. ގޭގެއަށް މީހުން އައުމުން ލޯ މަރާލާ ކަމަށާއި، އެމީހުން ދިއުމުން ނޫނީ ލޯ ނުހުޅުވާ ކަމަށް އޭނާގެ މަންމަ ޖަޔާ ބުންޏެވެ. އެހެންކަމުން ވަށައިގެން ހިނގާ ކަންކަން އަކްޝޭއަށް ސާފުވާކަމެއް ނުވަތަ ނޫންކަމެއްވެސް އާއިލާއަކަށް ޔަގީނެއް ނުވެއެވެ. ނަމަވެސް، މިދިޔަ ހަފުތާ ބަންދުގައި އަކްޝޭގެ ރައްޓެހިން އޭނާއަށް ޒިޔާރަތްކޮށް، ބްރެޒިލް މިއަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވި ވާހަކަ ބުނުމާއެކު، ހަތަރު އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް އޭނާގެ މޫނުމަތިން ކޮންމެވެސް ވަރެއްގެ ދިރުމެއް ފެނި ހިނިތުންވެލިއެވެ. މި އުންމީދީ ބަދަލާއެކު، އަކްޝޭއަށް އެހީތެރިވަމުންދާ ކަނީވު ޕެލިއޭޓިވް ކެއާގެ ރީޖަނަލް ސެކްރެޓަރީ ޕްރަދީޕް އެންކޭ ގަބޫލުކުރާ ގޮތުގައި ފުޓްބޯޅައަކީ އަކްޝޭގެ ބައްޔަށް އޮތް އެންމެ ބޮޑު ޝިފާއެވެ. އޭނާ ބަލިން ފަސޭހަކުރުމަށް އެހީތެރިވުމުގެ ގޮތުން ގޭގައި ހުރެގެން މެޗުތައް ބެލޭނެހެން ޓީވީއެއް ހަމަޖެއްސުމުގެ މަސައްކަތް އެ ޖަމްއިއްޔާއިން ދަނީ ކުރަމުންނެވެ. މިހާރު ދުނިޔޭގެ ރޭންކިންގެ 6 ވަނައިގައި އޮތް ބްރެޒިލް، މުބާރާތުގެ ފުރަތަމަ މެޗުގައި މޮރޮކޯއާ ވާދަކޮށް 1-1 އިން ވެފައިވަނީ އެއްވަރެވެ. އަދި ދެވަނަ މެޗުގައި ހެއިޓީ އަތުް ވަނީ 3-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ. ބްރެޒިލްއަކީ މުބާރާތް ކާމިޔާބުކުރާނެ ފޭވަރިޓެއްގެ ގޮތުގައި ގިނަ ބަޔަކު ނުދެކުނަސް، އަކްޝޭގެ އާއިލާއަށް ބްރެޒިލް މޮޅުވުން މުހިންމީ ހަމައެކަނި ފުޓްބޯޅަ މުބާރާތެއްގެ ތަށި ހޯދުމަކަށް ނޫނެވެ. އެއީ އެމީހުންގެ ދަރިފުޅުގެ ފުރާނައަށް ދިރުން ލިބި އަލުން ފައިމައްޗަށް ތެދުވުމުގެ އުންމީދާ ގުޅިފައިވާތީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ