އިސްދޫން ކަރަންޓު ކެނޑި ދަތިތަކާ ކުރިމަތިވެއްޖެ

ލ. އިސްދޫ އިން ކަރަންޓް ކެނޑި ގިނަ އިރުތަކެއްވާތީ އެ ރަށު ރައްޔިތުންނަށް ދަތިތަކާ ކުރިމަތިވެފައިވާ ކަމަށް އިސްދޫ ކައުންސިލުން ބުނެފި އެވެ. އިސްދޫ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ލުތުފީ މިއަދު ސަން އަށް ވިދާޅުވީ، މިއަދު ހެނދުނު 11:00 އިން ފެށިގެން އެ ރަށުން ކަރަންޓު ކެނޑިފައިވާ ކަމަށެވެ. ލުތުފީ ވިދާޅުވީ އޭގެ ސަބަބުން ރަށުގެ ރައްޔިތުންނާއި ކިޔަވާ ކުދިންނަށް ހުރިހާ ކަމެއްގައިހެން ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ. "އަޅުގަނޑުމެން ރަށުގެ ރައްޔިތުން ވަރަށް ހާލުގައި ތިބީ. އަނެއްކާ މިއީ ނުލާހިކު ބާރަށް ޑެންގީ ފެތުރޭ ދުވަސްކޮޅެއް. ގޭތެރެއަށް ހޫނުވާތީ ކުޑަކުދިން ގޮވައިގެން އެ ތިބެން ޖެހެނީ މަގުމަތީ. ފާހާނާ ކޮށްލެވޭކަށް ނެތް،" ލުތުފީ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ކަރަންޓު ލިބޭނެ ސީދާ ގަޑިއެއް އަދި ފެނަކައިގެ ފަރާތުން ސާފުކޮށް ނުދެއްވާ ކަމަށެވެ. އިސްދޫ ފެނަކަ ބްރާންޗްގައި މަސައްކަތް ކުރާ އޮފިޝަލަކު ސަން އަށް ވިދާޅުވީ، ކަރަންޓު ކެނޑެން މެދުވެރިވީ ޖަނަރޭޓަރެއް އޯވަހޯލް ކުރުމުގެ މަސައްކަތް ކުރިއަށްދާތީ ކަމަށެވެ. އޮފިޝަލް ވިދާޅުވީ އިސްދޫއަށް ކަރަންޓު ފޯރުކޮށްދިނުމަށް ތިން ޖަނަރޭޓަރު ބޭނުންކުރާ ކަމަށެވެ. އެތަނުން އެކަތި ހަލާކުވެގެން މަރާމާތު ކުރަމުން އަންނަ ކަމަށާއި އަނެއް ދެ ޖަނަރޭޓަރު އޯވަހޯލް ކުރުމުގެ ތެރެއިން މިއަދު ކަރަންޓު ކަނޑާލަން ޖެހުނީ ކަމަށެވެ. އޭނާ ވިދާޅުވީ ކުރިއަށް އޮތް ގަޑިއެއްގާ އިރުގެ ތެރޭގައި އިސްދޫއަށް ކަރަންޓު ފޯރުކޮށްދެވޭވަރު ވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ