ގާނޫނު އަސާސީ އިސްލާހުކުރުމުގެ މަސައްކަތަށް އަމަލީ ސިފަ ނުގެނެވޭ ނަމަ، އެހެން ކަމަކާ މެދު މަޝްވަރާކުރުމުގެ ބޭނުމެއް ނެތް ކަމަށް ޑީއާރުޕ

ގާނޫނު އަސާސީ އިސްލާހުކުރުމުގެ މަސައްކަތަށް އަމަލީ ސިފައެއް ނުގެނެވޭނަ މިހާރު ކުރިއަށްދާ އެމްޑީޕީ އާއި ޑީއާރުޕީގެ ވާހަކަތަކުގައި، އެހެން ކަމަކާ މެދު މަޝްވަރާކުރުމުގެ ބޭނުމެއް ނެތް ކަމަށް ދެކޭ ކަމަށް ޑީއާރުޕީން އެމްޑީޕީއަށް އަންގައިފި އެވެ.
ޑީއާރުޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ފަރާތުން އަނީސާ އަހުމަދު ސޮއިކުރައްވައި، އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ރައީސް ހަސަން އަފީފަށް އިއްޔެ ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ، ގާނޫނު އަސާސީ އިސްލާހުކުރުމުގެ މަސައްކަތް އަވަސްކުރުމުގެ ވާހަކަތަކުގެ އިތުރުން، އެމްޑީޕީން އެދުނު އެހެން ކަންތައްތަކަށް އެއްބަސްވި ނަމަވެސް، "ގާނޫނާއި ގަވާއިދާ ހިލާފު އަމަލުކުރާ މީހުން ކުށުން ބަރީއަކުރުން ފަދަ ކަންތައްތަކަކަށް އަޅުގަނޑުމެން އެއްބަސްވެފައެއް ނުވާނެ" ކަމަށެވެ.
"އަދި ގާނޫނު އަސާސީ އިސްލާހުކުރުމުގެ މައި މަސައްކަތް އެއްކިބާކޮށް، އެމްޑީޕީން އެކި ފަހަރު މަތިން ބޭނުން ކަމަށް އެދެމުންދާ ކަންކަން ސަރުކާރު މެދުވެރިކޮށް ކުރުވުމަށް ބާރު އެޅުވުމުގެ ފުރުސަތަކަށް، މި ވާހަކަތައް ހެދުމާއި އެހެން އެފަދަ ކަންތައްތައް މި ވާހަކަތަކުގެ ތެރޭގައި ކުރިއަށް ގެންދިއުމަކީ، ނުވަތަ އެފަދަ ކަންތައްތައް ސަރުކާރުން ކުރެއްވުން އެއީ ގާނޫނު އަސާސީ އިސްލާހުކުރުމުގެ މަސައްކަތުގެ އަގު ނުވަތަ މުގާބިލުކަމުގައި ހެދުމަކީ ޑީއާރުޕީއަށް ގަބޫލުކުރެވޭނެ ކަމެއް ވެސް ނޫނެވެ،" އަނީސާ އަހުމަދު އެމްޑީޕީއަށް ފޮނުއްވި ސިޓީގައި ވެ އެވެ.
ޑީއާރުޕީގެ ޒައީމް އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމްގެ ދައުވަތަކަށް ބާއްވާ އެންމެ ބޮޑު ދެ ޕާޓީގެ ވާހަކަތަކާ ގުޅިގެން، ޑީއާރުޕީގެ ފަރާތުން އެމްޑީޕީއަށް ފޮނުވި މި ސިޓީގައި ބުނެފައި ވަނީ ދެ ޕާޓީގެ މެދުގައި ވާހަކަ ދައްކަން އެމްޑީޕީން ތައްޔާރަށް އޮތް ނަމަ، އެކަމަށް އަދިވެސް މަރުހަބާ ކިޔާނެ ކަމަށެވެ.
"ވީމާ އެކަން ވީ އެންމެ އަވަސް ފުރުސަތެއްގައި އަޅުގަނޑަށް އަންގަވައިދެއްވުން އެދެމެވެ،" އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ރައީސް ހަސަން އަފީފަށް ޑީއާރުޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ރައީސާ އަނީސާ އަހުމަދު ފޮނުއްވި ސިޓީގައި ވެ އެވެ.
ޑީއާރުޕީގެ މި ސިޓީއާ ގުޅޭ ގޮތުން އަފީފު މިއަދު ވިދާޅުވީ "ގާނޫނު އަސާސީ އިސްލާހުކުރުން ލަސްކުރުމަށް މަސައްކަތްކުރާ މީހުން" އަނީސާގެ ސިޓީން ވަރަށް ބޮޑަށް އެނގިގެން ހިނގައްޖެ ކަމަށެވެ. އަދި ގާނޫނު އަސާސީ އިސްލާހުކުރުން ހުއްޓާލުމަކީ އެމްޑީޕީން ބޭނުންވާ ކަމެއް ނޫން ކަމަށް ވެސް އަފީފު ވިދާޅުވި އެވެ.
"ޑިމޮކްރެސީއާ ބެހޭ ގޮތުން ވާހަކަ ނުދައްކާ ކަމަށް ވަނީ ނަމަ މި ގައުމަކަށް ޑިމޮކްރެސީއެއް ނާންނާނެ. އިއްޔެ ވެސް (ގާނޫނު އަސާސީގެ ޑްރާފްޓް އެކުލަވާލުމުގެ ފަންނީ ކޮމެޓީގެ މަސައްކަތް ފެށުމަށް) އަޅުގަނޑުމެން ތިބީ ތައްޔާރަށް. ޑީއާރުޕީގެ ފަރާތުން އިއްޔެ ވެސް ތައްޔާރުނުވެވުނީ. ވާހަކަތަކުގައި ބައިވެރިކުރާނެ ތިން ވަނަ ފަރާތެއް ހޯދަން ވެސް ހަވާލުވީ ޑީއާރުޕީން. އެ މީހުންނަށް އެކަމެއް ވެސް ނުވި. އެހެންވެ އެއީ ގާނޫނު އަސާސީ އިސްލާހުކުރަން އުޅޭ ބައެއް ކަމަށް ވެސް ގަބޫލެއްނުކުރެވޭ،" އަފީފު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެއްވެސް ކަމަކަށް އެމްޑީޕީން ސަރުކާރަށް ޝަރުތުތަކެއް ކަނޑަނާޅާ ކަމަށާއި ދެ ޕާޓީން ވެސް އެއްބަސްވީ މަޝްވަރާކުރުމަށް ކަމަށެވެ.
"ވާހަކަތައް ފެށީ ވެސް ކަންކަމަށް އޮތީ ކޮން ހައްލެއްތޯ ބަލަން. މިސާލަކަށް އަޅުގަނޑުމެން މި ބުނަނީ ސަރުކާރުން ހައްޔަރުކޮށްފައިވާ އެމްޑީޕީއަށް ނިސްބަތްވާ މީހުންގެ ތެރޭގައި ދޫކޮށްލެވޭނެ މީހުންނާއި ދޫކޮށްނުލެވޭނެ މީހުން ވެސް ތިބޭނެއޭ. އެ ވެސް ކަނޑައެޅޭނީ ލިސްޓް ވެސް ބަލައިގެން ދެ ފަރާތުން ވާހަކަ ދައްކާފައި. ގާނޫނު އަސާސީ އިސްލާހުކޮށްގައި މީހުން ހައްޔަރުކޮށްފައި، މީހުންނަށް އަނިޔާކޮށްފައި، މީހުންގެ ލާރިގަނޑު ވަގަށް ފޭރިގަންނަ ކަމުގައި ވަނީ ނަމަ ގާނޫނު އަސާސީ އިސްލާހުކުރުމުގެ ބޭނުމަކީ ކޮބާ؟" އަފީފު ސުވާލު ކުރެއްވި އެވެ.
މިދިޔަ މަހުގެ 15 ވަނަ ދުވަހު އެމްޑީޕީ އާއި ޑީއާރުޕީން ފެށި ވާހަކަތަކުގައި މިހާތަނަށް ނުވަ ބައްދަލުވުން ބާއްވައި، މިއަދު ހަވީރު 10 ވަނަ ބައްދަލުވުން ބާއްވާއިރު އެ ވާހަކަތަކުން މާ ބޮޑު ކުރިއެރުންތަކެއް ލިބިފައެއް ނެތެވެ. އެންމެ ފަހުން ގާނޫނު އަސާސީގެ ޑްރާފްޓެއް އެކުލަވާލުމުގެ ފަންނީ ކޮމެޓީގެ މަސައްކަތް އިއްޔެ ފެށުމަށް ދެ ޕާޓީން އެއްބަސްވެފައިވީ ނަމަވެސް އެކަމެއް ވެސް އިއްޔެ ވެފައެއް ނެތެވެ. އަދި އިސްލާހުކުރުމަށް ދެ ޕާޓީން އެއްބަސްވި ބައެއް ގަވާއިދުތައް އެކުލަވާލުމުގެ މަސައްކަތް ނިންމަންޖެހޭ ތާރީހު ވެސް ވަނީ ފަހަނަޅައިގެން ގޮސްފަ އެވެ. ހާއްސަކޮށް، ގާނޫނު އަސާސީ އިސްލާހުކުރުން އަވަސްކުރުމަށްޓަކައި ވާހަކަތަކަށް މަހެއް ވީއިރު ކުރިއެރުމެއް ފެންނާކަށް ނެތެވެ. ހަމައެކަނި އެއްބަސްވީ ގާނޫނު އަސާސީގެ ޑްރާފްޓެއް އެކުލަވާލުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ