ސިފައިންގެ ކުރިމައްޗަށް އެއްވި މައްސަލައިގައި ޑީއާރްޕީގެ ނައިބު ލީޑަރު އުމަރު ނަސީރު ފުލުސް އޮފީހަށް

ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ)ގެ ނައިބު ލީޑަރު ކަމަށް އިންތިޚާބުވެފައިވާ، އައިޑީޕީގެ ކުރީގެ ރައީސް އުމަރު ނަސީރު މިއަދު މެންދުރު ފަހު ފުލުސް އޮފީހަށް ހާޒިރުކޮށްފި އެވެ.
މިއަދު މެންދުރު ފަހު ތިނެއް ޖެހިއިރު އުމަރު ފުލުސް އޮފީހަށް ހާޒިރުކުރީ، މިދިޔަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހުގެ ރޭ އިދިކޮޅު ޑީއާރްޕީން ބޭއްވި މުޒާހަރާ އަށް ފަހު، ސިފައިންގެ އާއި ފުލުހުންގެ މައި މަރުކަޒާއި މުލީއާގޭ ދޮށަށް ބައެއް މީހުން އެއްވި މައްސަލައިގަ އެވެ.
"އޭނާ މި ކޮޅަށް ގެންނަނީ ކުރީރޭ އެއްވި މައްސަލައިގައި. އެ ރޭ ސިފައިންގެ މައި ގޭޓު ކުރިމައްޗަށް އެއްވި މައްސަލައާ ގުޅިގެން އެ ކަމާ ސުވާލުކުރުމަށް އޭނާ މި ކޮޅަށް ގެންނަނީ." ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ފުލުސް އޮފީހަށް ވަޑައިގަންނަވަމުން އުމަރު ވިދާޅުވީ ފުލުސް އޮފީހުން ފޮނުވި ޗިޓްގައި ވަކި ސަބަބެއް ބުނެފައިނުވާ ކަމަށެވެ: "އޭގައި އޮތީ މައްސަލައަކާ ގުޅިގެންނޭ. ކޮން މައްސަލައެއް ކަމެއް ނޭނގޭ."
ފުލުސް އޮފީހުން ނުކުމެވަޑައިގެން އުމަރު ވިދާޅުވި ގޮތުގައި ފުލުހުން އޭނާއާ ސުވާލުކުރީ ސިފައިންގެ ކުރިމައްޗަށް އެއްވި މައްސަލައިގަ އެވެ.
"އެ މީހުން އެހީ ކޮން ބައެއްހޭ އެއްވީ. އަޅުގަނޑު ބުނިން އެއްވީ ކޮން ބައެއް ކަމެއް ނޭނގެޔޭ. އެކަމަކު އެ ތަނުގައި އިސްކޮށް ހުރީ އަޅުގަނޑޭ. މީހުން އެއްކުރީ ވެސް އަޅުގަނޑޭ. އަދިވެސް އެއްވާނަމޭ. މީހުން އެއްވާން ގޮވީ ވެސް އަޅުގަނޑޭ. ދެން އެހީ ކީއްކުރަންހޭ އެއްވީ. އަޅުގަނޑު ބުނީ ރައީސްގެ އިސްތިއުފާ ހޯދާށޭ އެއްވީ. އިސްތިއުފާ ނުދިނިއްޔާ ގަދަކަމުން ވެސް އިސްތިއުފާ ހޯދާށޭ އެއްވީ،" އުމަރު ވިދާޅުވި އެވެ.
"އެ މީހުން ބުނީ ކީއްވެހޭ ސިފައިންގެ މައި ގޭޓު ތެޅުވީ. އަޅުގަނޑު ބުނިން ގޭޓުގައި އަތް ލައިގެންނޭ އެ ރޭ ހުރީ. ތެޅުވޭ ވަރަށް ވުރެ މާ ވަރުގަދައޭ. އެކަމަކު ދެން ފަހަރަކުން ހުންނާނީ ގޭޓަށް އަރައޭ."
އެ ރޭ އެމްއެންޑީއެފުގެ މައި މަރުކަޒު ކުރިމައްޗަށް އިދިކޮޅު ފަރާތްތަކުން އެއްވެ ބޭއްވި މުޒާހަރާގެ މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ސިފައިންގެ ފަރާތުން ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފައިވެ އެވެ.
ޖެނުއަރީ 31 ވަނަ ދުވަހު ޑިފެންސް މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ އެ ރޭ މެންދަމުގެ ވަގުތެއްގައި ގިނަ އަދަދެއްގެ ބަޔަކު ބަންޑާރަ ކޮށްޓާއި ރައީސުލްޖުމްހޫރިއްޔާ ހުންނަވާ ގެކޮޅު މުލީއާގެ ކައިރި އަށް އެއްވެ ގަވާއިދާ ހިލާފު އަމަލުތަކެއް ހިންގާފައިވާ ކަމަށެވެ. އެ ގޮތުން ބަންޑާރަކޮށީގެ މައި ގޭޓުގައި ތަޅައި، އެ ތަނަށް އެއްވި މީހުންނާ އެކު ސިފައިން ވެސް ބައިވެރިވުމަށް އެއްވި މީހުން ގޮވާފައިވާ ކަމަށެވެ. އަދި މި ކަންތައް ޑިފެންސް މިނިސްޓްރީން "ހަރުކަށި އިބާރާތުން" ކުށްވެރިކުރާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އެ ރޭގެ އެއްވުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި މީހުންގެ ތެރޭގައި އުމަރު ނަސީރުގެ އިތުރުން، ޑީއާރްޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ބައެއް މެންބަރުންނާއި ސަރުކާރާ އިދިކޮޅު ބައެއް އާންމުން ބައިވެރިވި އެވެ.
އުމަރު ނަސީރު މިއަދު ފުލުސް އޮފީހަށް މި ހާޒިރުކުރީ އޭނާއަކީ ވާދަވެރި ސިޔާސީ ޕާޓީއެއްގެ ނާއިބު ލީޑަރު ކަމަށްވާތީ އެފަދަ ބޭފުޅަކާ ދެކޮޅަށް ކޯޓަށް ދިއުމަށް ބޭނުންނުވާ ކަމަށް ބުނެ، އެމްޑީޕީ ސަރުކާރުގެ ހާރިޖީ ވަޒީރު ޑރ. އަހްމަދު ޝަހީދު މިދިޔަ އަހަރު އުމަރާ ދެކޮޅަށް ކުރައްވާފައިވާ އަބުރުގެ ދައުވާ މިދިޔަ ހަފުތާގައި އަނބުރާ ގެންދަވާފައި ވަނިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ