ބަޖެޓް ފާސްވިއިރު އެމްޑަބްލިއުއެސްއީގެ ހިއްސާ ގަތުމަށް 256 މިލިއަން ރުފިޔާ ވަނީ ބޭރުގެ ކުންފުނިތަކާ ހަވާލުކޮށްފައި: ޔާމީން

މިދިޔަ ބުރާސްފަތި ދުވަހު ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހުން ފާސްކުރިއިރު ފެން ކުންފުނި، އެމްޑަބްލިއުއެސްއީގެ ހިއްސާ ގަތުމަށްޓަކައި 256 މިލިއަން ރުފިޔާ ބޭރުގެ ކުންފުނިތަކާ ދިވެހި ސަރުކާރުން ހަވާލުކޮށްފައިވާ ކަމަށް ޕީއޭގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނ. މެމްބަރު އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.
ސަރުކާރުން މަޖިލީހަށް ބަޖެޓް ހުށަހެޅިއިރު އޭގައި އޮތީ އެމްޑަބްލިއުއެސްއީގެ ބޭރުގެ ހިއްސާ ގަތުމަށް 256 މިލިއަން ރުފިޔާ ހިމަނައިފަ އެވެ. އެހެން ނަމަވެސްއެ ފައިސާ ސުނާމީގައި ގެދޮރު ގެއްލިފައިވާ ތ. މަޑިފުއްޓާއި މ. ކޮޅުފުށީގެ ރައްޔިތުންނަށް ގެދޮރު އެޅުމަށް ޚަރަދުކުރުމަށް މަޖިލީހުން ބަޖެޓް ފާސްކުރިއިރު ވަނީ ނިންމައިފަ އެވެ. މ. މެންބަރު އަހްމަދު ނާޒިމު ހުށަހަޅުއްވައި ވ. މެންބަރު އަބްދުﷲ ޝާހިދު ތާއީދުކުރެއްވި އެ ހުށަހެޅުމާ ދެކޮޅަށް 17 މެންބަރަކު ވޯޓު ދެއްވި އިރު އޭގެ ތެރޭގައި ރައީސްގެ މެމްބަރުން ވެސް ހިމެނެ އެވެ.
އާޓިފިޝަލް ބީޗު ސަރަހައްދުގައި ރޭ ބޭއްވި ޑީއާރުޕީ އާއި ޕީއޭގެ ޖަލްސާގައި ޔާމީން ވިދާޅުވީ ބަޖެޓް ފާސްކުރިއިރު، އެމްޑަބްލިއުއެސްއީގެ ބޭރުގެ ހިއްސާ ދިވެހި ސަރުކާރުން ގަތުމަށްޓަކައި 256 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާތީ ސުނާމީގެ ހާލުގައި ޖެހިފައިވާ މަޑިފުއްޓާއި ކޮޅުފުށީގެ ރައްޔިތުންނަށް އެ ފައިސާ ހޯއްދަވާނެ ގޮތެއް ދެން ވިސްނި ވަޑައިނުގަންނަވާ ކަމަށެވެ.
"މިއީ ދެން ގާނޫނަށް އިހުތިރާމް ކުރާ ވަރު. ބަޖެޓް އޮތް ގޮތަށް ފާސްވާނެ ކަމަށް ގަބޫލު ކުރައްވައިގެން އެ ފައިސާ އެ އޮތީ ބޭރުގެ ފަރާތްތަކުގެ ހިއްސާ ގަތުމަށްޓަކައި އެ އޮތީ ބޭރުގެ ކުންފުނިތަކާ ހަވާލު ކުރައްވާފައި. ދެން އަޅުގަނޑަކަށް ނުވިސްނޭ އެ ފައިސާ އަނބުރާ ސަރުކާރަށް ލިބޭނެ ގޮތެއް. މަޖިލީހުން އެ ފައިސާ ފާސްކޮށްފައި އެ އޮތީ ސުނާމީގައި ގެއްލުން ލިބުނު ރަށްރަށް އާރާސްތު ކުރުމަށް. އެކަމަކު އެ ފައިސާ މިހާރު ނެތޭ ބަޖެޓަކު. އެ ފައިސާ އެ އޮތީ ބަޖެޓް ]މަޖިލީހަށް[ ގެންނެވުމުގެ ކުރިން ބޭރުގެ ފަރާތްތަކާ ހަވާލު ކުރައްވާފައި،" ސަރުކާރަށް ފާޅުގައި އެންމެ ބޮޑަށް ފާޅު ކިޔަމުން ގެންދަވާ ޔާމީން ވިދާޅުވި އެވެ.
ޔާމީންގެ މި ވާހަކައާ ގުޅިގެން ސްޓޭޓް މިނިސްޓަ ފޯ ފައިނޭންސް އަހުމަދު އަސްއަދު ވެސް މިއަދު ވިދާޅުވީ މީގެ މަހެއްހާ ދުވަސް ކުރިން، އެމްޑަބްލިއުއެސްއީގެ ބޭރުގެ ހިއްސާ ދިވެހި ސަރުކާރުން ވަނީ ގަނެފައި ކަމަށާއި މި އަހަރުގެ ފުރަތަމަ ބަޖެޓް ހުށަހެޅިއިރު ވެސް އެ ބަޖެޓުގައި އެ ފައިސާ ހިމަނާފައި އޮންނާނެ ކަމަށެވެ. ސްޓޭޓް މިނިސްޓަރު ވިދާޅުވީ އެމްޑަބްލިއުއެސްއީގެ ބޭރުގެ ހިއްސާ އޮންނަ ޑެންމާކުގެ ދެ ކުންފުނީގެ ހިއްސާ ގަނެފައި ވަނީ މީގެ މަހެއްހާ ދުވަސްކުރިން ކަމަށެވެ.
ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ ޑެންމާކުގެ ކުންފުނިތަކުގެ ހިއްސާ ދިވެހި ސަރުކާރަށް ގަންނަން އެއްބަސްވީ މިދިޔަ އޭޕްރީލް އެއްވަނަ ދުވަހު ކަމަށެވެ.
"އަޅުގަނޑުމެން ބަޖެޓް ހުށަހެޅިއިރު އޮންނާނެ އެމްޑަބްލިއުއެސްއީގެ ބޭރުގެ ހިއްސާ ގަންނަން ބުނެފައި. އެކަމަކު އެ ހިއްސާ ގަތުމަށް މަޖިލީހުން ހުއްދަ ދޭށޭ ބުނެފައި މަޖިލީހުގައި އެދިފައެއް ނޯންނާނެ،" އޮފިޝަލް ވިދާޅުވި އެވެ.
ސްޓޭޓް މިނިސްޓަ ފޯ ފައިނޭންސް ވިދާޅުވީ އެމްޑަބްލިއުއެސްއީގެ ބޭރުގެ ހިއްސާ ވަކި މުއްދަތެއްގެ ތެރޭގައި ގަތުމަށް ދެ ފަރާތުން އެއްބަސްވެފައިވާ ކަމަށާއި އެ މުއްދަތުގެ ތެރޭގައި އިންޓަރެސްޓް އަރާނެ ކަމަށެވެ.
"ހިއްސާ ނުގަންނަ ކަމަށް ވަނީ ނަމަ ބައި މިލިއަން ޑޮލަރު ސަރުކާރަށް ގެއްލުންވާނެ. މިކަން ކުރަން އެބަޖެހޭ. މަޖިލީހަށް ފުރަތަމަ ބަޖެޓް ހުށަހެޅިއިރު ވެސް އޮންނާނެ އެމްޑަބްލިއުއެސްއީގެ ބޭރުގެ ހިއްސާ ގަންނަން ބުނެފައި،" އަސްއަދު ވިދާޅުވި އެވެ.
ތ. މަޑިފުއްޓާއި މ. ކޮޅުފުށީގެ ރައްޔިތުންނަށް ގެދޮރު އެޅުމަށް ޚަރަދުކުރުމަށް މަޖިލީހުން އެ ފައިސާ ހަރަދުކުރުމަށް ފާސްކޮށްފައިވާއިރު ދެން އަމަލުކުރާނީ ކިހިނެއްތޯ ދެންނެވުމުން އަސްއަދު ވިދާޅުވީ ބަޖެޓަށް އެޑްޖެސްޓްމަންޓެއް ގެނެސްގެން ނަމަވެސް އެ ދެ ރަށަށް ހަރަދު ކުރައްވާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބަޖެޓް ފާސްކުރެއްވި އިރު، އެ ފައިސާ ކުރިން ހަރަދުކޮށްފައިވާ ކަމެއް، ބަޖެޓަށް ޖަވާބު ދެއްވި ސަރުކާރުގެ އިސްވެރިން ވިދާޅެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ