ވެލިގަނޑުހުރާ މައްސަލައިގައި ހައި ކޯޓުން ކުރި ހުކުމަށް ސުޕްރީމް ކޯޓުން ތާއީދުކޮށްފި

ކ. ވެލިގަނޑުހުރާ ރިސޯޓު މައްސަލައިގައި ހައި ކޯޓުން ކުރި ހުކުމަށް ތާއީދުކޮށް މިއަދު ސުޕްރީމް ކޯޓުން ވެސް ހުކުމްކޮށްފި އެވެ.
ވެލިގަނޑުހުރައަކީ އޮގަރު އަލީ މުހައްމަދު (އޮގަރު އަލިފުޅު) އަށް ސަރުކާރުން ވަރުވާ އަށް ލިޔެދީފައިވާ ރަށެކެވެ. އެ ރަށުގައި ޓޫރިސްޓް ރިސޯޓެއް ހެދުމަށް އަލީ މުހައްމަދާއި ޑރ. އިބްރާހިމް އުމަރު މަނިކާ ދެމެދު ޖެނުއަރީ ،15 1986 ގައި އެގްރިމެންޓް ހެދިތާ އެއް އަހަރު ފަހުން އަލިފުޅު ވަނީ ނިޔާވެފަ އެވެ. އެހެންކަމުން އޭނާގެ ވާރިސުންނަށް ބަދަލު ދިނުމަށްފަހު ސަރުކާރުން އެ ރަށް ނެގި އެވެ. އަދި ވެލިގަނޑު ހުރާގައި ޓޫރިސްޓް ރިސޯޓެއް ހެދުމާއި އެ ރަށް ކުއްޔަށް ދިމުނާ ގުޅޭ ގޮތުން ނޮވެމްބަރު ،10 1991 ގައި ސަރުކާރާއި ޑރ. އިބްރާހިމް އުމަރު މަނިކާ ވަނީ އެގްރިމެންޓް ހަދައިފަ އެވެ.
މި މައްސަލައިގައި ދައުވާކޮށްފައި ވަނީ އޮގަރު އަލިފުޅުގެ ދަރިއެއް ކަމަށްވާ މުހައްމަދު ރަމީޒު (އޮގަރު ރަމީޒް) އެވެ.
އެ މައްސަލައިގައި މަދަނީ ކޯޓާއި ހައި ކޯޓުން ވެސް ހުކުމްކޮށްފައި ވަނީ ސަރުކާރާއި ޑރ. އިބްރާހިމް އުމަރު މަނިކާ ދެމެދުކޮށްފައިވާ އެގްރިމެންޓް ބާތިލުކުރެވެން ނެތް ކަމަށެވެ.
މިއަދު އެ މައްސަލައިގައި ސުޕްރީމް ކޯޓުން ހުކުމް އިއްވެވުމުގެ ކުރިން ފަނޑިޔާރު އަބްދުﷲ އަރީފް ވިދާޅުވީ ވެލިގަނޑުހުރައަކީ އޮގަރު އަލިފުޅަށް ވަރުވާ އަށް ދީފައިވާ ރަށެއްކަން އެނގޭ ކަމަށެވެ. އަދި ވަރުވާ އަށް ދޫކުރާ ރަށްތަކަކީ ޓޫރިސްޓް ރިސޯޓު ހެދުމަށް ދޫކުރާ ރަށްތަކާ ހިލާފަށް ބަދަލެއް ދިނުމަށްފަހު ސަރުކާރަށް ނެގޭނެ ރަށްތަކެއް ކަމަށް ވެސް ފަނޑިޔާރު ވިދާޅުވި އެވެ.
ވަރުވާ އަށް ދޫކުރާ ރަށްތަކަކީ، ސަރުކާރުން އެ ރަށެއް ދޫކޮށްފައިވާ މީހަކު މަރުވުމުން އޭނާގެ ވާރިސުންގެ މައްޗަށް ބަދަލު ކުރެވިދާނެ ރަށްތަކެއް ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ. ނަމަވެސް އަލިފުޅު މަރުވުމުން އޭނާގެ ވާރިސުން ވެލިގަނޑުހުރާ (މިހާރު އަނަންތަރާއިން ހިންގާ ނަލަދޫ ރިސޯޓް) އެ މީހުންގެ ނަމުގެ މައްޗަށް ބަދަލު ކުރުމަށް އެދިފައިނުވާ ކަމަށް ވެސް ފަނޑިޔާރު ވިދާޅުވި އެވެ.
ފަނޑިޔާރު ވިދާޅުވީ ވެލިގަނޑުހުރާ ނެގުމަށް ކުރީގެ ކޯޓު ނަންބަރު ހަތަރަކަށް ދައުލަތުން މައްސަލަ ހުށަހަޅައި އެ ރަށް ނަގާފައިވާ ކަމަށެވެ. އެ ޝަރީއަތުގައި އަލިފުޅުގެ ވާރިސުން އެކަމަށް އިންކާރުކޮށްފައި ނުވާ ކަމަށް ވެސް ފަނޑިޔާރު ވިދާޅުވި އެވެ.
އެ މައްސަލައިގައި ހުކުމް އިއްވަވަމުން ފަނޑިޔާރު އަރީފް ވިދާޅުވީ ވެލިގަނޑު ހުރާ މައްސަލައިގައި ހައި ކޯޓުން ހުކުމް ކޮށްފައި ވަނީ ޝަރުއީ އަދި ގާނޫނީ ހަމަތަކާ ހިލާފަށް ކަމަށް ކަނޑައެޅެން ނެތް ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ހައި ކޯޓުގެ ހުކުމަށް ތާއީދުކޮށް ހުކުމް ކުރެއްވީ ކަމަށް ވެސް ފަނޑިޔާރު ވިދާޅުވި އެވެ.
ފަނޑިޔާރު އަރީފްގެ އިތުރުން ދެން އެ މައްސަލަ ބެއްލެވީ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ