ފަރިދޫ ރައްޔިތުން ހަނިމާދު އަށް ބަދަލުކޮށްދިނުމަށް އެދި ސަރުކާރަށް ޕެޓިޝަނެއް ހުށަހަޅައިފި

ހދ. ފަރިދޫ ރައްޔިތުން އެ އަތޮޅު ހަނިމާދު އަށް ބަދަލުކޮށްދިނުމަށް އެދި އެ ރަށު ގިނަ ބަޔަކު ސޮއިކޮށް ސަރުކާރުގެ ތިން އިދާރާއަކަށް ބުރާސްފަތި ދުވަހު ޕެޓިޝަނެއް ހުށަހަޅައިފި އެވެ.
އެ ފެޓިޝަން ތައްޔާރު ކުރުމުގައި އިސްކޮށް އުޅުނު އެ ރަށު ޒުވާނަކު ބުރާސްފަތި ދުވަހު ބުނިގޮތުގައި "ވީ އެންމެ އަވަސް ފުރުސަތެއްގައި" އެ ރަށު މީހުން އެ އަތޮޅު ހަނިމާދު އަށް ބަދަލުކޮށްދިނުމަށް އެދި ޕެޓިޝަނެއް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ އިތުރުން ޕްލޭނިން މިނިސްޓްރީ އާއި އެޓޯލްސް މިނިސްޓްރީއަށް ވެސް ވަނީ ހުށަހަޅައިފަ އެވެ.
ރާއްޖޭގެ އެންމެ އާބާދީ މަދު ރަށްތަކުގެ ތެރޭގައި ހިމެނޭ ފަރިދޫގެ ޖުމްލަ އާބާދީ އަކީ 243 އެވެ. އެހެން ނަމަވެސް އަސާސީ ހިދުމަތްތަކާއި ވަޒީފާގެ ފުރުސަތުތައް ތަނަވަސްވެފައި ނެތުމުން ގިނަ ބަޔަކު ރަށުން ބޭރުގައި އުޅެން ޖެހިފައިވާތީ، އެ ރަށުގައި ދިރިއުޅެމުން އަންނަނީ 19 މީހުންނެވެ.
ފަރިދޫ ޒުވާނުންގެ ފަރާތުން ވާހަކަ ދެއްކި މީހާ ބުނިގޮތުގައި އެ ރަށު އާބާދީގެ 98 ޕަސެންޓް މީހުން ބޭނުން ވަނީ އެ އަތޮޅު ހަނިމާދު އަށް ބަދަލުވުމަށެވެ. އެހެން ނަމަވެސް ރަށުގެ ނުފޫޒުގަދަ މަދު ބަޔަކު ވަކި މަގުސަދެއް ހާސިލް ކުރުމަށް އެ އަތޮޅު ނޮޅިވަރަމްފަރަށް ބަދަލުވުމަށް ބޭނުންވާ ކަމަށް ވެސް އޭނާ ބުންޏެވެ.
"އާބާދީގެ ބޮޑު ބައެއް މި ބޭނުން ވަނީ ހަނިމާދު އަށް ބަދަލުވާން. އެހެން ނަމަވެސް އިސްކޮށް އުޅޭ ނުފޫޒުގަދަ ބަޔަކު ބޭނުންވަނީ ނޮޅިވަރަމްފަރަށް ދާން. އެއީ ރައްޔިތުން ބޭނުންވާ ގޮތެއް ނޫން،" އޭނާ ބުންޏެވެ.
ނަމަވެސް އެ ރަށު އޮފީސް ހިންގެވުމާ ހަވާލުވެ ހުންނެވި ކަތީބު ހާލިދު މުހަންމަދު ބުރާސްފަތި ދުވަހު ވިދާޅުވި ގޮތުގައި އެ ރަށު ރައްޔިތުން ހަނިމާދު އަށް ބަދަލުވުމަށް އެދި ޕެޓިޝަނެއް ތައްޔާރު ކުރި ކަމެއް އެނގިވަޑައިގެންފައެއް ނުވެ އެވެ.
ފަރިދޫގެ ގިނަ ބަޔަކު ސޮއިކޮށް ސަރުކާރުގެ ތިން އިދާރާއަކަށް ފޮނުވި ޕެޓިޝަނުގައިވާ ގޮތުގައި އެ ރަށު ރައްޔިތުންނަކީ މީގެ އެތައް އަހަރެއް ކުރީއްސުރެން ފެށިގެން ވެސް ހަނިމާދު އަށް ބަދަލުވުމަށް މަސައްކަތް ކުރަމުން އަންނަ ބައެކެވެ.
"އެހެން ނަމަވެސް ހަނިމާދު އަކީ މީހުން ބަދަލުކުރަން ހަމަޖެހިފައިވާ ރަށެއް ނޫން ކަމަށް ވިދާޅުވެ އަޅުގަނޑުމެންނަށް ވަނީ އެ ފުރުސަތު ނުލިބިފަ އެވެ. ނަމަވެސް 2007 ވަނަ އަހަރު ސަރުކާރުން ވަނީ ހއ. ހަތިފުށީ މީހުން ހަނިމާދު އަށް ބަދަލުކުރައްވާފަ އެވެ. އަދި ހަނިމާދު އަށް ބަދަލުކުރުމަށް ފަހު ހަތިފުށީ ރައްޔިތުން (ސަރުކާރުން) ވަނީ އެ އާއިލާއެއް ބޭނުން ރަށަކަށް ދިއުމުގެ ފުރުސަތު ދެއްވާފަ އެވެ،" އެ ޕެޓިޝަނުގައި ވެ އެވެ.
ޕެޓިޝަނުގައިވާ ގޮތުގައި ފަރިދޫ ރައްޔިތުން މީގެ އެތައް އަހަރެއް ކުރިން ހަނިމާދު އަށް ބަދަލުކޮށްފައިވާ ބަޔަކަށް ވުމާއެކު އެ ރަށުގައި ފަރިދޫގެ ގިނަ އާއިލާތަކެއް ދިރިއުޅެމުން އެބަދެ އެވެ.
"ވީމާ އަޅުގަނޑުމެންގެ އެދުމަކީ ފަރިދޫ ރައްޔިތުން ވީ އެންމެ އަވަހަކަށް ވަގުތީ ހިޔާވަހިކަމަށް ނަމަވެސް ހދ. ހަނިމާދު އަށް ބަދަލުކޮށްދިނުމެވެ،" ޕެޓިޝަނުގައިވެ އެވެ. "އެއީ މިހާރު ވެސް ހަނިމާދު އަކީ އަސާސީ ހިދުމަތްތައް ލިބޭ ރަށަކަށް ވުމާއި ވަޒީފާގެ ފުރުސަތުތައްލިބި، އެކަށީގެންވާ ރަނގަޅު ތައުލީމެއް ލިބެމުންދާ ރަށެކެވެ. އަދި އާމްދަނީ ހޯދުމަށް ކުރާނެ ގިނަ ގުނަ މަސައްކަތްތަކެއް ހުރި ރަށަކަށް ވާތީ އެވެ."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ