އެއާޕޯޓް ޖީއެމްއާރާ ހަވާލުކުރުމުގައި އިދިކޮޅު ޑީއާރުޕީގެ ބައެއް މީހުން ވެސް ރިޝްވަތު ނަގާފައިވާ ކަމަށް އެ ޕާޓީގެ އެއް ޑެޕިއުޓީ ލީޑަރު އުމަރު ނަސީރު ނުސީދާކޮށް ރޭ ތުހުމަތު ކުރައްވައިފި އެވެ.
މާލޭ ބައިނަލްއަގުވާމީ ވައިގެ ބަނދަރު އިންޑިއާގެ ޖީއެމްއާރު ކުންފުންޏާއި މެލޭޝިއާ އެއާޕޯޓްސް ހޯލްޑިންގްސް ބަރުހާދު ކުންފުނިން ގުޅިގެން އުފައްދާފައިވާ ކޮންސޯޓިއަމްއާ ސަރުކާރުން އިއްޔެ ހަވާލުކުރުމާ ގުޅިގެން އެކަން ކުށްވެރިކޮށް އަޑު އުފުލުމަށް އިދިކޮޅު ފަރާތްތަކުން ބޭއްވި އެއްވުމުގައި ވާހަކަ ދައްކަމުން އުމަރު ވަނީ އެއާޕޯޓު ޖީއެމްއާރަށް ދިނުމުގައި ސަރުކާރުގެ ބައެއް މީހުންނާއި އިދިކޮޅު ބައެއް މީހުން ރިޝްވަތު ނެގި ކަމަށް ތުހުމަތު ކުރައްވައި އެ މީހުންނަށް ހައްގު އަދަބު ދޭނެ ކަމަށް ވިދާޅުވެފަ އެވެ.
"އެއާޕޯޓު ޖީއެމްއާރަށް ވިއްކާލުމުގައި [ހިންގަން ދިނުމުގައި] ރިޝްވަތު ހިފި ސަރުކާރުގެ މީހުންނާއި ރިޝްވަތު ނެގި އަޅުގަނޑުމެން ބައިގެ މީހުންނަށް ހައްގު އަދަބު ދޭނަން،" އުމަރު ވިދާޅުވި އެވެ.
އުމަރު އެހެން ވިދާޅުވިއިރު މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ހިންގުން ސަރުކާރުން ހަވާލުކޮށްފައިވާ އިންޑިޔާގެ ޖީއެމްއާރު ކުންފުނީގެ އިސްވެރިންނާ ދާދި ފަހުން އިދިކޮޅު ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޑީއާރުޕީގެ ކައުންސިލް މެމްބަރު އަބްދުﷲ ޝާހިދު ބައްދަލު ކުރައްވައި އެއިން ކޮންމެ ބޭފުޅަކަށް އެއް މިލިއަން ޑޮލަރު ނަންގަވާފައިވާ ކަމަށް ވެބްސައިޓެއްގައި ތުހުމަތު ކުރި ވާހަކަ މީޑިއާގައި ވަނީ ފެތުރިފަ އެވެ. އެ ގޮތުން ދާދި ފަހުން އެ ދެ ބޭފުޅުން ލަންކާއަށް ކުރެއްވި ދަތުރުފުޅުގައި ލަންކާ މަގުން އިންޑިޔާއަށް ވަޑައިގެން ޖީއެމްއާރުގެ އިސްވެރިންނާ ބައްދަލުކުރެއްވި ކަމަށް މީޑިއާގައި ފެތުރުނެވެ. ނަމަވެސް ތަސްމީނާއި ޝާހިދު ވަނީ އެކަން ދޮގުކުރައްވައިފަ އެވެ. ދެ ބޭފުޅުން ވެސް ވިދާޅުވެފައި ވަނީ މިހާތަނަށް ދުވަހަކު ވެސް ޖީއެމްއާރުގެ އިސްވެރިންނާ ބައްދަލު ކުރައްވާފައި ނުވާނެ ކަމަށެވެ.
ރޭގެ އެއްވުމުގައި ތަސްމީނާއި ޝާހިދު ވެސް ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ.
އާޓިފިޝަލް ބީޗުގައި ރޭ ނުވައެއް ޖަހާ އިރު ބާއްވަން އޮތް އެއްވުން ފެށީ ބައި ގަޑިއެއްހާ އިރު ފަހުންނެވެ. އިދިކޮޅު ފަރާތްތަކުން އާންމުކޮށް ބާއްވާ އެއްވުންތަކަށް ވުރެ މަދުން މީހުން ބައިވެރިވި މި އެއްވުމުގައި ޕީޕަލްސް އެލަޔަންސް (ޕީއޭ)ގެ ރައީސް އަދި މުލަކު ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން ވަނީ މީހުން މަދުވުމުން އެކަމާ ހިތާމަ ފާޅުކުރައްވައިފަ އެވެ.
"އަޅުގަނޑުމެން ހާދަ އުފަވީހޭ ރައްޔިތުންގެ ހައްގުގައި ކުރާ މި މަސައްކަތުގައި އަޅުގަމެންގެ ހުރިހާ ޕާޓީތައް މިއަށް ވުރެ ވަރުގަދަ އަށް މި ތަނުގައި ޝާމިލުވީ ނަމަ. މިއީ އަޅުގަނޑު މިރޭ އެންމެ ހިތާމަކުރާ ކަންތައް،" ޔާމިން ވިދާޅުވި އެވެ.
ކުރީގެ ސަރުކާގައި ވަޒީރުކަން ކުރެއްވި ޔާމީން ވިދާޅުވީ އެއާޕޯޓު ބޭރުގެ ބަޔަކަށް ކުއްޔަށް ދިނުން ހުއްޓުވުމުގައި އިދިކޮޅު ފަރާތްތަކުން ކުރިން ވެސް އެއްބަސްވެފައިވާ ފަދައިން ކުރަންޖެހުނު ކޮންމެ ކަމެއް ކުރާނެ ކަމަށެވެ. ނަމަވެސް އެއާޕޯޓު އަނބުރާ ދިވެހިންނަށް ހޯދައިދިނުމުގައި ގަނޫނީ ހަމަތަކުގެ މަތިން އަމަލުކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގައި ވައިކަރަދޫ ދާއިރާ ތަމްސީލުކުރައްވާ ޑީއާރުޕީގެ މެންބަރު އަލީ އާރިފު ވިދާޅުވީ ޖީއެމްއާރަށް އެއަޕޯޓު ހިންގަން ދިނުމުގެ ސަބަބުން ދިވެހިންނަށް އެއްވެސް ފައިދާއެއް ނުކުރާނެ ކަމަށާއި އޭގެ ސަބަބުން ސަރުކާރަށް ލިބެން އޮތް އާމްދަނީއެއް ގެއްލިގެންދާނެ ކަމަށެވެ. އަދި ދިވެހިންގެ ވަޒީފާތަކެއް ވެސް ގެއްލިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޖީއެމްއާރަށް 25 އަހަރަށް އެއާޕޯޓު ދިނުން ކުށްވެރިކުރެއްވުމުގެ އިތުރުން އާރިފު ވަނީ ރައްޔިތުން މަޖިލީހުން ރުހުން ނުދިން ވަޒީރުން އޮފީސްތަކަށް ވަޑައިގަންނަވާތީ އެކަން ވެސް ވަރަށް ބޮޑަށް ކުށްވެރިކުރައްވައިފަ އެވެ.
ވިލިމާފަންނު ދާއިރާގެ މެމްބަރު އަހުމަދު ނިހާނު ހުސެން މަނިކު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ކުރިން ބުނި ފަދައިން އެއާޕޯޓަށް ގޮސް އެއާޕޯޓު ހިފަން ގެންގުޅުނު ހިޔާލު ދޫކޮށްލީ އޭގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ލިބޭނެ ގެއްލުމާ މެދު ވިސްނުމަށް ފަހުގައި ކަމަށާއި އެ ގޮތަށް ކަންތައް ކޮށްފި ނަމަ ޓޫރިސްޓުންގެ އަތުން ލިބޭ ޑޮލަރުކޮޅު ވެސް ދެން ނުލިބޭނެތީ ކަމަށެވެ.
މި ޖަލްސާގައި ޑީއާރުޕީ އާއި ޕީއޭ އަދި ޖުމްހޫރީ ޕާޓީގެ އިތުރުން ގައުމީ ޕާޓީގެ ބައެއް އިސްވެރިންނާއި ރއްޔިތުން މަޖިލީހުގެ ބައެއް މެންބަރުން ބައިވެރިވަޑައިގެންނެވި އެވެ.
އެއާޕޯޓް ޖީއެމްއާރާ ހަވާލުކުރުމުގައި ރިޝްވަތު ނަގާފައިވާ މީހުންނަށް އަދަބު ދޭނަން: އުމަރު ނަސީރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ