ލީޑާސް ޑައިލޮގް ހަވީރު ފަށަނީ
ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކުގައި ބައިވެރިވާ ޕާޓީތަކުގެ ފޯމޭޝަނަށް ބަދަލު ގެނެސް ބާއްވާ ފުރަތަމަ މަޝްވަރާ ބައްދަލުވުން މިއަދު ހަވީރު ބާއްވަން ނިންމައިފި އެވެ. ހަވީރު 4- 6 އަށް ވެލާނާގޭ ދެ ވަނަ ބުރީގައި ފަށާ މި މަޝްވަރާތަކުގައި ފުރަތަމަ އޮންނާނީ އެޖެންޑާއެއް ކަނޑައެޅުން ކަމަށް އެނގިފައިވެ އެވެ. ބައްދަލުވުމަށް ޕާޓީތަކުގެ މަންދޫބުން ވަޑައިގަންނަވާއިރު އަދި އަމަލުކުރަން އޮތީ ކުރީގެ މަޝްވަރާތަކުގެ އެޖެންޑާ އެވެ. އެ އެޖެންޑާގައި ހަ ކަމެއް ހިމެނެ އެވެ. "ލީޑާސް ޑައިލޮގް" ގެ ނަމުގައި އާ މަޝްވަރާތަކެއް ފަށަން މި ނިންމީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު އިންތިޒާމުކުރައްވައިގެން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބަނޑޮހުގައި ބޭއްވި ސިޔާސީ ޕާޓީތަކުގެ މަޝްވަރާ ބައްދަލުވުމުގެ ނަތީޖާއެއްގެ ގޮތުންނެވެ. އެ ރޭ ނިންމާފައި ވަނީ ރައްޔިތުންގެ މަޖިލީހުގައި މެމްބަރުން ހިމެނޭ ޕާޓީތަކުން މަޖިލީހުގައި އެ ޕާޓީއެއްގެ ލީޑަރު ހިމެނޭ ނަމަ އެ ލީޑަރު އަދި ލީޑަރު މަޖިލީހުގައި ނުހިމެނޭ ނަމަ އެ ޕާޓީއެއްގެ ޕާލަންޓްރީ ގުރޫޕުގެ ލިޑަރާއި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ މަންދޫބަކު ހިމެނޭ ގޮތަށް ލީޑާސް ޑައިލޮގް ކުރިއަށް ގެންދިއުމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ތެރެއިން މަޝްވަރާކުރަން ނިންމީ ގިނަ ގާނޫނުތަކެއް ނިންމަން ޖެހިފައިވަނީ މަޖިލީހުން ކަމަށްވާތީ އެވެ. ރައީސުލްޖުމްހޫރިއްޔާގެ މަންދޫބެއްގެ ގޮތުގައި މި މަޝްވަރާތަކުގައި ބައިވެރިވެ ވަޑައިގަންނަވަނީ އެ މަނިކުފާނުގެ ޕޮލިޓިކަލް އެޑްވައިޒަރު އަހުމަދު ތައުފީގު (ޓޯޕީ) އެވެ. އާ މަޝްވަރާތަކުގައި ބައިވެރިވާ ޕާޓީތަކުގެ ފޯމޭޝަނަށް ބަދަލު ގެނައުމުން ކުރީގެ މަޝްވަރާތަކުގައި ބައިވެރިވި ތިން ޕާޓީއެއް ބާކީވެ އެވެ. އެއީ އަދާލަތު ޕާޓީ، ގައުމީ އިއްތިހާދު އަދި އެމްއާރުއެމް އެވެ. އެހެންވެ ލީޑާސް ޑައިލޮގްގައި ބައިވެރިވާނީ ރައްޔިތުންގެ މަޖިލީހުގައި ތަމްސީލުކުރާ އެމްޑީޕީ އާއި ޑީއާރުޕީ އާއި ޕީޕީއެމް އާއި ޖުމްހޫރީ ޕާޓީ އަދި ގައުމީ ޕާޓީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ