ގާތިލް ނަބީލް މެރުމަށް ކުރި ހުކުމް ކަށަވަރުކުރަން ޕީޖީން ސުޕްރީމް ކޯޓަށް ހުށަހަޅައިފި
މީހަކު މަރާލި މައްސަލައެއްގައި ގ. ރީފް މުހައްމަދު ނަބީލް މަރަން ކޮށްފައިވާ ހުކުމް އޭނާގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ނުކުރުމުން، އެ ހުކުމުގެ ސައްހަކަން ކަށަވަރުކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ. މާޗް، 2008 ގައި ސ. ހުޅުދޫ ލިލީމާގޭ އަބްދުﷲ ފަރުހަދުގެ ބުރަކަށްޓަށް ކަޓަރެއް ހަރައި، މަރާލި މައްސަލާގައި ނަބީލް މެރުމަށް އޭރުގެ ޖިނާއީ ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ވަނީ ތާއީދުކޮށްފަ އެވެ. އެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން ނަބީލަށް ލިބުނު 30 ދުވަހުގެ މުއްދަތު މިދިޔަ ހަފުތާގައި ހަމަވިއިރު ވެސް އެ މައްސަލަ އިސްތިއުނާފެއް ނުކުރެ އެވެ. ސުޕްރީމް ކޯޓުން ހަމަޖައްސާފައިވާ އުސޫލު ބުނާގޮތުން، މަރުގެ ހުކުމްތައް އިސްތިއުނާފް ކުރަން ކުށްވެރިޔާގެ ފަރާތުން 30 ދުވަހުގެ ތެރޭގައި ހުށަނާޅައިފި ނަމަ، އެ ހުކުމެއްގެ ސައްހަކަން ކަށަވަރުކުރަން ޕީޖީން ހުށަހަޅަންޖެހެ އެވެ. އެހެންވެ އުސޫލުގެ ދަށުން ނަބީލްގެ ހުކުމް ކަށަވަރުކުރަން މިއަދު ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ކަން ޕީޖީ އޮފީހުން ވަނީ ކަށަވަރުކޮށްދީފަ އެވެ. މަރުގެ ހުކުމްތައް ތަންފީޒު ކުރެވޭނީ ސުޕްރީމް ކޯޓުން އެ ހުކުމެއް ކަށަވަރުކޮށްގެން ކަމަށްވާއިރު މީގެ ކުރިން ވެސް މަރުގެ ދެ ހުކުމެއްގެ ސައްހަކަން ކަށަވަރުކުރަން ޕީޖީ އޮފީހުން ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ. އެއީ ޑރ. އަފްރާޝީމް އަލީގެ ގާތިލް ހުސައިން ހުމާމް މެރުމަށް ކުރި ހުކުމާއި ގާނޫނީ ވަކީލް އަހުމަދު ނަޖީބްގެ ގާތިލް އަހުމަދު މުއްރަތު މަރަން ކުރި ހުކުމެވެ. އެކަމަކު ހުމާމާއި މުއްރަތުގެ މައްސަލާގައި ސުޕްރީމް ކޯޓުން އަޑުއެހުމެއް ބާއްވައި، އެއްވެސް ނިންމުމެއް މިހާތަނަށް ނިންމާފައެއް ނުވެ އެވެ. ހައި ކޯޓުން ނިންމާފައިވާ ގޮތުން ގަސްދުގައި މީހުން މަރާ މައްސަލަތަކުގައި އިސްލާމީ ޝަރީއަތުގައިވާ ގޮތުގެ މަތިން މަރަން ހުކުމްކުރާ މީހުންގެ އަދަބު ލުއިކޮށް ދިނުމުގެ ބާރު ރައީސުލް ޖުމްހޫރިއްޔާ އަކަށް ވެސް ނޯންނާނެ އެވެ. އަދި މަރުވި މީހާގެ ވާރިސުން ބޭނުންވާ ނަމަ، މަރުގެ ހުކުމް ތަންފީޒު ކުރުމަކީ ރައީސްގެ މައްޗަށް ލާޒިމްވާނެ ކަމެއް ކަމަށް ވެސް ހައި ކޯޓުގެ އެ ނިންމުމުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ