ނެޝަނަލް އިންކުއަރީ ކޮމިޝަނަށް މުޖުތަބާގެ ބަދަލުގައި އަލީ ފަވާޒް ހަމަޖައްސަވައިފި

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވުމުގައި، ޖެނުއަރީ 14 އިން ފެބްރުއަރީ 8 ގެ ނިޔަލަށް ރާއްޖޭގައި ހިނގާފައިވާ ކަންކަން ހޯދައި ބެލުމަށް ރައީސް މުހައްމަދު ވަހީދު އައްޔަންކުރައްވާފައިވާ ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީގައި ހިމަނުއްވާފައިވާ އަހުމަދު މުޖުތަބާގެ ބަދަލުގައި، މާފަންނު ވެލަގަލި ޑޮކްޓަ އަލީ ފަވާޒް ޝަރީފް އެ ކޮމިޝަނަށް ހަމަޖައްސަވައިފި އެވެ. މިގޮތަށް ހަމަޖެއްސެވީ މުޖުތަބާއަކީ، ރާއްޖޭގެ ސިޔާސީ މަސްރަހުގައި މިހާރު ކުރަމުން ގެންދާ އެންމެ މުހިންމު އެއް މަސައްކަތް ކަމުގައިވާ ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކުގެ ވިލަރެސްވެރިޔާ ކަމުގައިވާތީ، މި ދެމަސައްކަތް އެކުގައި ކުރެއްވުމުގައި ކޮންމެވެސް ވަރެއްގެ ފުށުއެރުންތަކެއް ހުރެދާނެ ކަމަށް އެ މަނިކުފާނު ގަބޫލުފުޅުކުރައްވާތީ ކަމަށް ރައީސް އޮފީހުން ބުންޏެވެ. "އަދި މިކަމުގެ ސަބަބުން ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް އެންމެ އެކަށީގެންވާ ގޮތަށް ކުރިޔަށް ގެންދެވުމަށް ދަތިކަމެއް ކުރިމަތިވެދާނެ ކަމަށް ފެނިވަޑައިގަންނަވާތީއާއި އެކަމުގައި އޮތް އެންމެ އެކަށީގެންވާ ގޮތަކީ ކޮންމެވެސް އެއްމަސައްކަތެއް ކުރެއްވުން ކަމުގައިވާތީ އާއި މިހާރު ފަށްޓަވާ ސިޔާސީ ފަރާތްތަކުގެ މަޝްވަރާތައް ވިލަރެސް ކުރެއްވުމުގެ މަސައްކަތް އެންމެ އެދެވޭގޮތުގައި ކުރިއަށް ގެންދެވުމަށްޓަކައެވެ،" ރައީސް އޮފީހުގެ ބަޔާނެއްގައިވެ އެވެ. ޑރ. ފަވާޒުގެ އިތުރުން އިންކުއަރީ ކޮމިޝަން ގައި ތިއްބަވާނީ އިސްމާއީލް ޝަފީއާއި ޑރ. އިބްރާހީމް ޔާސިރު އަހުމަދެވެ. ކޮމިޝަންގެ އިސްބޭފުޅަކީ އިސްމާއީލް ޝަފީއު އެވެ. "ގައުމަށް ދިމާވެފައިވާ ޚައްސާސް މި ދަނޑިވަޅުގައި ގައުމުގެ ޚިދުމަތުގައި މިބޭފުޅުން ކޮށްދެއްވާ އަގުހުރި މަސައްކަތްތަކަށް މިބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ އިޚްލާސްތެރިކަމާއެކު ޝުކުރު އަދާކުރައްވާ" ކަމަށް ރައީސް އޮފީހުން ބުންޏެވެ. މަޑުކޮށްލައްވާ...
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ