އަފްރާޝީމްގެ ގާތިލް ހުމާމް މަރަން ކުރި ހުކުމަށް ހައި ކޯޓުން ތާއީދުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީގެ ގާތިލް ހުސައިން ހުމާމް އަހުމަދު މެރުމަށް ދަށު ކޯޓުން ކޮށްފައިވާ ހުކުމަށް ހައި ކޯޓުން މިއަދު ތާއީދުކޮށްފި އެވެ. އޮކްޓޫބަރު، 2012 ގައި ޑރ. އަފްރާޝީމަށް ހަމަލާދީ މަރާލި މައްސަލާގައި ހ. ލޮބީ ހުސައިން ހުމާމް މެރުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ރަނގަޅު ކަމަށް މިއަދު މެންދުރު ބޭއްވި ޝަރީއަތުގައި ހައި ކޯޓުން ހުކުމްކުރީ އެ މައްސަލަ ހުމާމްގެ ފަރާތުން އިސްތިއުނާފް ކުރުމުންނެވެ. ހުކުމް އިއްވަވަމުން އެ މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު އަލީ ސަމީރު ވިދާޅުވީ އަފްރާޝީމް މަރާލި ކަމަށް އެތައް ފަހަރެއްގެ މަތިން ފަނޑިޔާރެއްގެ ކުރިމަތީގައި ހުމާމް އިއުތިރާފްވެފައިވާއިރު އެ އިއުތިރާފުން އަނބުރާ ގެނެވޭނެ ސަބަބެއް ހުމާމްގެ ފަރާތުން ދެއްކިފައިިނުވާ ކަމަށެވެ. އަދި އާދަމުގެ ދަރިއެއްގެ ހައްގު އެކުލެވޭ ކުށަކަށް އެއްބަސްވުމަށް ފަހު އެ ބަސް އަނބުރާ ނުގެންދެވޭނެ ކަމަށް އިސްލާމީ ބޮޑެތި އިލްމުވެރިން ވިދާޅުވާއިރު އެގޮތަށް ހައި ކޯޓުން ކުރިން ނިންމާފައިވާ ކަން ފަނޑިޔާރު ސަމީރު ފާހަގަ ކުރެއްވި އެވެ. އަފްރާޝީމް މަރާލި ކަމަށް އެއްބަސްވީ ބިރު ދެއްކުމުން ކަމަށް ހުމާމްގެ ފަރާތުން ބުންޏަސް ހުމާމްގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު ވަކި ގޮތަކަށް ބުނުމަށް ހުމާމަށް ފުލުހުން ބިރު ދައްކާފައިވާ ކަމަށް ބެލެވެން ނެތް ކަމަށް ފަނޑިޔާރު ސަމީރު ވިދާޅުވި އެވެ. ދެ ފަހަރެއްގެ މަތިން ފަނޑިޔާރަކު ކުރިމަތީގައި ހުމާމް ކުށަށް އެއްބަސްވެފައިވާއިރު އެއިން އެއްވެސް ފަހަރަކު ފުލުހުން ބިރު ދެއްކި ވާހަކަ ހުމާމް ބުނެފައިނުވާ ކަން ވެސް ފަނޑިޔާރު ފާހަގަ ކުރެއްވި އެވެ. "ހުސައިން ހުމާމް އަހުމަދުގެ ފަރާތުން ހައި ކޯޓުގައި ފާހަގަކޮށް ހުށަހެޅި ކަންކަމަކީ އޭނާ ތަހުގީގުގައި ބަންދުގައި ހުންނަން ޖެހުމާއި ތަހުގީގު ކުރެވުނުއިރު ހުސައިން ހުމާމް އަހުމަދާއި ސުވާލު ކުރެވުމާއި މިފަދަ ކަންތައްތައް ކަމަށްވާއިރު އެކަމަކީ ހުސައިން ހުމާމް އަހުމަދު ނުކުރާ ކަމެއް ކުރި ކަމަށް ބުނެ ކުށަށް އިއުތިރާފްވާންޖެހޭ ފަދަ މަޖުބޫރީ ހާލަތެއް ކަމުގައި ގަބޫލެއް ނުކުރެވޭ،" ފަނޑިޔާރު ސަމީރު ވިދާޅުވި އެވެ. ފަނޑިޔާރު ސަމީރު ވިދާޅުވި ގޮތުގައި ދަށު ކޯޓުން މައްސަލަ ނިންމާފައިވަނީ ހުމާމްގެ އިއުތިރާފަށް އެކަނި ބިނާކޮށްގެން ނޫން ކަމަށާއި ހެކިންގެ ހެކިބަހަށް ވެސް ދަށު ކޯޓުން ބަލާފައިވާ ކަމަށެވެ. އަދި ހުމާމްގެ އިއުތިރާފް ބަޔާނާއި ހެކިންގެ ހެކިބަހުގައި ދިމާވާ ގިނަ ކަންތައްތަކެއް ހުރިކަން ފާހަގަކުރެވޭ ކަމަށް ވެސް ފަނޑިޔާރު ވިދާޅުވި އެވެ. "ހެކިންގެ މި ހެކިބަސްތަކަށް ޖުމްލަ ގޮތެއްގައި ބެލުމުން މި ހެކިބަސްތަކުން ހުސައިން ހުމާމް އަހުމަދު ޑރ. އަފްރާޝީމް އަލީ އަށް ހަމަލާދިން ކަމަށް ކުރިން އޭނާ ވެފައިވާ އިއުތިރާފަށް އިތުރަށް ބާރު ލިއްބައިދީފައިވާކަން އެނގޭކަމެވެ،" ފަނޑިޔާރު ސަމީރު ވިދާޅުވި އެވެ. ހުކުމުގައި ފާހަގަކުރި މުހިންމު ނުކުތާތައް:މީހެއްގެ ހައްގެއް އެކުލެވޭ ކުށަކަށް އެއްބަސްވުމަށް ފަހު ބަސް އަނބުރާ ނުގެންދެވޭނެހުމާމް ކުށަށް އެއްބަސްވާން މަޖުބޫރުކޮށްފައިވާ ކަމަށް ބެލެވޭ ކަމެއް ފެންނާކަށް ނެތްހުމާމްގެ އިއުތިރާފާއި ހެކިންގެ ހެކިބަސް ދިމާވޭދަށު ކޯޓުގައި ހުމާމަށް ހުރިހާ ހައްގުތަކެއް ލިބިދީފައިވޭ ހެކި ބަލައިގަތުމާއި ހެކިން ހާޒިރު ކުރުމަކީ ފަނޑިޔާރުންގެ ބާރުގެ ތެރޭގައި އޮންނަ ކަމެއް ކަމަށް ސުޕްރީމް ކޯޓާއި ހައި ކޯޓުން ވެސް ކުރިން ކަނޑައަޅާފައިވާތީ ހުމާމްގެ ދިފާއީ ހެކިން ހާޒިރު ނުކުރަން ނިންމި ނިންމުން ވެސް ރަނގަޅު ނޫން ކަމަށް ނުބެލެވޭ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ. އަދި ދަށު ކޯޓުން ޝަރީއަތް ހިންގުމުގައި ގާނޫނު އަސާސީގައި ބުނެފައިވާ ހައްގުތައް ހުމާމަށް ވެސް ދީފައިވާ ކަމަށް ފަނޑިޔާރު ސަމީރު ވިދާޅުވި އެވެ. ހުކުމްކޮށް ނިންމުމަށް ފަހު ކޯޓު ރޫމުން ނުކުންނަމުން ހުމާމް ވަނީ އޭނާގެ ބައްޕައާ މުޚާބަތުބޮށް ވާހަކަ ދައްކައިފަ އެވެ. "ބައްޕަ އަދިވެސް ބުނާތި މިއީ ކުރިއެރުމެކޭ. މިއީ އަފްރާޝީމްގެ ގާތިލެއް ނޫން. މާތްﷲ ގަންދީ ހުވާކޮށްފައި މި ބުނަނީ." އަޑު ހަރުކޮށް ހުމާމް ބުންޏެވެ. ހުމާމަށް ހައި ކޯޓުން ހުކުމް ކުރުމާ އެކު އޭނާގެ އާއިލާގެ މެމްބަރުން ރުއި ތަން ވެސް ފެނުނެވެ. ހައި ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި ފަނޑިޔާރު ސަމީރު ރިޔާސަތު ބެލެހެއްޓެވި އެ މައްސަލާގެ ފަނޑިޔާރުންގެ ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދާއި ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމްގެ އިތުރުން ފަނޑިޔާރު ޝުޖާއު އުސްމާނެވެ. ފަހުގެ ތާރީޚެއްގައި ރާވައިގެން ހިންގި އެންމެ ބޮޑު މަރުގެ މައްސަލާގައި ހުމާމަށް އިއްވި މަރުގެ ދަމަހައްޓައި، ހައި ކޯޓުން މިއަދު ކުރި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން ހުމާމަށް 60 ދުވަހުގެ މުއްދަތެއް ލިބޭނެ އެވެ. މަރުގެ އަދަބު ތަންފީޒު ކުރުމާ ބެހޭ ގަވާއިދު ބުނާގޮތުން މަރުގެ އަދަބު ތަންފީޒު ކުރެވޭނީ އިސްތިއުނާފް މަރުހަލާ ނިމުމުންނެވެ. އަފްރާޝީމް މަރާލި މައްސަލާގައި ހ. ހިިކޯސްޓް އަލީ ޝާންގެ މައްޗަށް ދައުވާކުރިޔަސް އޭނާގެ މައްޗަށް އެ ކުށް ސާބިތުނުވާ ކަމަށް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ