ދިރާގުން ސަގާފީ ބޮޑު ޕެރޭޑެއް މިއަދު ހަވީރު މާލޭގައި ބާއްވަނީ

މިހާރު ފާހަގަ ކުރަމުން އަންނަ ފިތުރު އީދު ދުވަހުގެ މުނާސަބަތާއި މިނިވަން 50ގެ ހަރަކާތްތަކާ ގުޅުވައިގެން ދިރާގުން ސަގާފީ ބޮޑު ޕެރޭޑެއް މިއަދު ހަވީރު މާލޭގައި ބާއްވަން ނިންމައިފި އެވެ. ދިރާގުގެ އެސިސްޓަންޓް މެނޭޖަ ޕަބްލިކް ރިލޭޝަން އިމްޖާދު ޖަލީލް ވިދާޅުވި ގޮތުގައި މިއަދު ހަވީރު 4:00 ގައި ސޯޝަލް ސެންޓަރު ކައިރިން ފަށާ މި ޕެރޭޑްގައި 250އެއްހާ މީހުން ބައިވެރިވާނެ އެވެ. މަޖީދީމަގުން ކުރިއަށް ގެންދާ މި ސަގާފީ ޕެރޭޑް ނިންމާލާނީ ހަވީރު 6:00 އަށް ރާޅުގަނޑު ސަރަހައްދަށެވެ. މަޖީދީމަގުގެ އެކި ހިސާބުތަކަށް ޕެރޭޑްގެ ބައިވެރިން ހުއްޓާލައި ކުޅިވަރުތައް ކުޅޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. ސަގާފީ ޕެރޭޑްގައި ކޯޑި ނެގުމާއި ދަފި ނެގުމާއި ލަނގިރި ޖެހުން އަދި ބޮޑުމަސް ވެސް ބޭނުން އޮންނާނެ ކަމަށް އިމްޖާދު ވިދާޅުވި އެވެ. އިމްޖާދު: އީދާއި މިނިވަން 50އާ ގުޅުވައިގެން ދިރާގުން މިއަދު ހަވީރު މާލޭގައި ބާއްވާ ސަގާފީ ޕެރޭޑުގައި ގިނަ ބަޔަކު ބައިވެރިވާ ކަމަށް ވިދާޅުވި.--ފައިލް ފޮޓޯ: ދިރާގު "ބޮޑުމަސް މިއީ މާލޭގައި ނެރެވޭނެ އެންމެ ބޮޑު މަހަށް ވެގެންދާނެ. އެއީ ގާތްގަނޑަކަށް 80 ފޫޓުގެ މަހެއް،" އޭނާ ވިދާޅުވި އެވެ. "ދިރާގު އީދު ފޯރި" ގެ ނަމުގައި ބާއްވާ މި ސަގާފީ ޕެރޭޑްގައި އަންހެން އަދި ފިރިހެނުން ވެސް ބޮޑުބެރު ޖަހާނެ އެވެ. ދިރާގުގެ ސަގާފީ ޕެރޭޑް ޓީވީއެމުން ލައިވް ކުރާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ