މާޔޫސްވެފައިވާ ރައްޔިތުންނަށް އުފާވެރިކަން ގެނެސްދޭނަން: ގާސިމް

އަތޮޅުތަކުގައި މާޔޫސްވެފައިވާ ރައްޔިތުންނަށް ޖޭޕީގެ ޕާޓީގެ ވެރިކަމެއްގައި އުފާވެރިކަން ގެނެސްދެއްވާނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
މި ރޭ ތ. ތިމަރަފުށީގައި ޖޭޕީން ބޭއްވި ޖަލްސާގައި ގާސިމް ވިދާޅުވީ އެމަނިކުފާނުގެ މެނިފެސްޓޯއަށް ޚިޔާލް ހޯދަން އަތޮޅުތަކަށް ދަތުރު ކުރައްވާއިރު ވަރަށް ގިނައިން ރައްޔިތުންގެ ޝަކުވާތައް އިވިވަޑައިގަންނަވާ ކަމަށާއި ތައުލީމީ ފެންވަރު ދަށްވުމާއި، ސިއްހީ ދުމަތް ލިބެން ނެތުމާއި ދަތުރުފަތުރު ކުރާނެ ފަސޭހަ ނިޒާމެއް ނެތުންފަދަ ޝަކުވާތަކެއް ރައްޔިތުން ކުރާތާ އަހަރުތަކެއް ފާއިތުވެފައިވާތީ ރައްޔިތުން ތިބީ ވަރަށް ބޮޑަށް މާޔޫސްވެފައިކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ތ. އަތޮޅުގައި އެއާ ޕޯޓެއް ގާއިމްވުމަކީ އުފާކުރާކަމެއް ކަމަށާއި އޭގެ ސަބަބުން އެ އަތޮޅުގެ ތަރައްގީއަށް އެތައް ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށާއި މިހާތަނަށް ވެސް އެ އަތޮޅުގައި ޓުއަރިޒަމް ތައާރަފްވެފައި ނެތުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.
"މާތްﷲގެ ވާގިފުޅާއެކު ޖޭޕީގެ ވެރިކަމެއްގައި އުންމީދު ގެއްލިފައިވާ އެ ރައްޔިތުންނަށް ހިނިތުންވުން ގެނެސްދޭނަން،" ގާސިމް ވިދާޅުވި އެވެ. އަދި ވިދާޅުވީ ތައުލީމް އުގެނުމަށް ކޮލެޖުތަކާއި ޔުނިވާސިޓީގެ ކެމްޕަސްތައް އުފެއްދުމަށް ރަށްރަށުގެ ރައްޔިތުން އެދޭ ކަމަށާ ޖޭޕީގެ ވެރިކަމުގައި އެކަންކަން ހައްލުކޮށް ދެއްވާނެ ކަމަށެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބާއި ދިމާކޮށް ފައިސާގެ ނުފޫޒާއި އެހެނިހެން ނުފޫޒްތައް އަންނާނެ ކަމަށާ އެކަންކަމާމެދު ރައްޔިތުން ފަރުވާތެރިވުމަށް އެދިވަޑައިގެން ވިދާޅުވީ
އެމްޑީޕީގައި ކެންޕޭން ކުރުމަށް ފައިސާހުރި ކަމަށް އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ވިދާޅުވުމުން ވިސްނަންޖެހޭ ކަމަށާއި ފައިސާގެ ގޮތުން އެހެން ކެނޑިޑޭޓުން ތިބެންޖެހޭނީ އެމްޑީޕީއަށް ވުރެ މާފަހަތުގައިކަމަށް މުހައްމަދު ނަޝީދު ވިދާޅުވި ވިދަޅުވުން ބަލަން ޖެހޭނެ ކަމަށެވެ.
މީގެ އިތުރުން ގާސިމް ވިދާޅުވީ ބޭރުގެ ގައުމުތަކާއި ރާއްޖެއާއި ދެމެދު އޮތް ހާރިޖީ ގުޅުމަށް ހީނަރުކަން އައިސްފައިވުމަކީ ރައްޔިތުންނަށް ލިބިފައިވާ ވަރަށް ބޮޑު ހިތާމައެއް ކަމަށާއި
ރައީސް ނާސިރުގެ ވެރިކަމާއި ރައީސް މައުމޫންގެ ވެރިކަމުގައި ހާރިޖީ ގުޅުންތައް ކިތަންމެ ފުރިހަމަކޮށް ކުރިއަށްދިޔަ ނަމަވެސް ރައީސް ނަޝީދުގެ ވެރިކަމާއެކު ދޭދޭ ގައުމުތަކުގެ ދެމެދުގައި އޮތް ގުޅުންތަކަށް ބުރޫއަރާފައިވާ ކަމަށެވެ.
"އަވައްޓެރި އިންޑިޔާއަށް ދަތުރު ކުރުމަށް ދިވެހިން ވިސާ ހޯދަން ކިޔުޖެހެން ޖެހުމަކީ ހިތާމަވެރިކަމެއް. އެއީ އެގުޅުންތަކަށް ބުރޫއަރާފައިވާކަމުގެ ވަރަށް ބޮޑު ހެއްކެއް. މިކަންކަން ހައްލުކޮށް ރާއްޖެއާއި ބޭރު ދުނިޔެއާއި އޮތް ގުޅުން ރަނގަޅު ކުރުމަށް ޖުމްހޫރީ ޕާޓީން ވަރަށް ބޮޑަށް މަސައްކަތް ކުރާނެ،"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ