ޖޭޕީގެ ވެރިކަމެއްގައި ދަނޑުވެރިން ބިންވެރި ކުރާނަން: ގާސިމް

ދަނޑުވެރިކަން ކުރިއަރުވާ ދަނޑުވެރިކަމުން ރަނގަޅު އާމްދަނީއެއް ހޯދުމަށްޓަކައި މުހިއްމު މަސައްކަތްތަކެއް ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ކޮށްދެއްވާނެ ކަމަށް ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް ވައުދުވެވަޑައިގެންފި އެވެ.
ޖުމްހޫރީ ޕާޓީން އއ. ތޮއްޑޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޤާސިމް ވިދާޅުވީ ދަނޑުވެރިންނަށް ދަނޑުވެރިކަން ކުރުމަށް ދިގު މުއްދަތަކަށް ބިން ނުލިބޭ މައްސަލައަކީ ބޮޑު މައްސަލައަކަށް ވެގެން ގޮސްފައިވާތީ އެ މައްސަލަ ހައްލު ކޮށްދިނުމަށްޓަކައި ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ފުރަތަމަ އެއް އަހަރު ދުވަހުގެ ތެރޭގައި ދަނޑު ބިމާއި ބެހޭ ބިލެއް މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ.
"މިހާރު މިރަށުގައިވެސް ދަނޑުބިން ލިބެނީ ވަރަށް ކުރު މުއްދަތަކަށް. ދަނޑުވެރިކަމަށް އިންވެސްޓްކޮށް އެކަމުން އެކަށީގެންވާ ނަފާ ހޯދުމަށްޓަކައި މަދުވެގެން 5 އަހަރެއްހާ މުއްދަތު ބޭނުންވާނެ ކަމަށް އަޅުގަނޑުމެން ވާހަކަދެއްކި ފަރާތްތަކުން އެގިފައިވަނީ. ދަނޑުވެރިކަމަށް އިންވެސްޓްކޮށް އެކަމުން އެކަށީގެންވާ ނަފާ ހޯދާ ފަރާތްތަކަށް އަދިވެސް ތަކުރާރުކޮށް ދަންނަވަން އޮތީ 5 އަހަރަށްވުރެ ކުރުނޫން މުއްދަތަކަށް ދަނޑުބިން ލިބޭނެ ގޮތް އަޅުގަނޑުމެން ހަމަޖައްސާނަމޭ" ޤާސިމް އިބްރާހިމް ވިދާޅުވިއެވެ.
އަދި ކޮމިއުނިޓީ ފާމިން ކުރިއަރުވާ ތަރައްޤީ ކުރުމަށްޓަކައި ރަށްރަށުގެ ކައުންސިލް މެދުވެރިކޮށް ފަޅު ރަށްތަކާއި ބިންތައް ހޯދައިގެން އެމަސައްކަތް ކުރެއްވުމަކީ ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ކުރައްވާނެ ކަމެއް ކަމަށް ވެސް ޤާސިމް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ކުކުޅު މަހާއި ކުކުޅު ބިސް ރާއްޖެއިން ބޭރުން އިމްޕޯޓް ކުރުމުގެ ބަދަލުގައި ރާއްޖޭގައި ޕޯލްޓްރީ ތަރައްޤީކޮށް ރާއްޖެއަށް ބޭނުންވާ މިންވަރަށް ކުކުޅު މަހާއި ކުކުޅު ބިސް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި ކުކުޅު އަލާކުރުމަށްޓަކައި ކުކުޅަށް ކާންދޭނެ ތަކެތި އުފެއްދުމަށާއި، މެރިކަލްޗާ ތަރައްޤީ ކުރުމަށްޓަކައި މަހަށް ކާންދިނުމަށް ބޭނުންވާ ތަކެތި އުފެއްދުމަށް ބޭނުންވާ މެޝިނަރީ ޤާއިމުކޮށް އެ މަސައްކަތް ވެސް ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ފުޅާދާއިރާއެއްގައި ކުރައްވާނެ ކަމަށެވެ.
ޤާސިމް އިބްރާހިމް ވިދާޅުވީ ދަނޑުވެރިން އުފައްދާ އުފެއްދުންތަކަށް މިހާރު މާކެޓް ލިބުން ދަތިވެފައިވިޔަސް ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ދަނޑުވެރިންގެ އުފެއްދުންތަކަށް މާކެޓް ހޯދައިދިނުމަށް ހާއްސަ އިސްކަމެއް ދެއްވާ އެ މުއާމަލާތްތައް ކުރިއަށް ގެންދަންވީ މަގުތައް އުފައްދާނެ ކަމަށެވެ.
އަތޮޅު ތަކުގެ ތެރޭގައި އުފައްދާ ތަކެތި މާލެ ގެނެސް ވިއްކުމަށްޓަކައި ދަނޑުވެރިން އުޅޭ ގޮތް ފެނުމުން ހިތްދަތިކަން އިހްސާސްކުރެވޭ ކަން ހާމަކުރައްވާ ގާސިމް އިބްރާހިމް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި ދަނޑުވެރިން މާލޭގައި އެމީހުންގެ ތަކެތި ވިއްކަން ތިބެވޭނެ ތަނަވަސް ޖާގައެއް ލިބިފައިވާ އިމާރާތެއް ހައްދަވާ އެތަނުގައި ތަކެތި ހަލާކު ނުވެ ބެހެއްޓޭނެ އިންތިޒާމެއް ހަމަޖައްސައިދެއްވާނެ ކަމަށެވެ.
ދަނޑުވެރިކަން ކުރިއަރުވާ ތަރައްޤީ ކުރުމަށް ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ކުރަން ރާވާފައިވާ ކަންކަމުގެ ސަބަބުން ދިވެހި އުފެއްދުންތައް އިތުރުވެ ވަޒީފާ ނެތް އެތައް ބަޔަކަށް ވަޒީފާ ލިބި ދިވެހިންނަށް ލިބޭ އާމްދަނީ އިތުރުވެގެންދާނެ ކަމަށް ވެސް ޤާސިމް އިބްރާހިމް ވަނީ މިރޭގެ ޖަލްސާގައި ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ