ސުޕްރީމް ކޯޓަށް ހުށަހެޅި އިމްތިޔާޒު ބިލްގެ މައްސަލަ އަނބުރާ ގެންގޮސްފި

އިމްތިޔާޒު ބިލްގެ މައްސަލައިގައި ދެ މުއައްސަސާއަކުން ބަންޑާރަނައިބު އޮފީހަށް ހުށަހެޅި ޝަކުވާތަކަކާއި ގުޅިގެން އެޓާނީ ޖެނަރަލްގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ އަނބުރާ ގެންދަވައިފިއެވެ.
މީގެ ކުޑައިރުކޮޅެއް ކުރިން ވީނިއުސްއަށް މިކަން ޔަޤީންކޮށްދެއްވަމުން ޑެޕިއުޓީ އެޓާނީޖެނަރަލް އަލްއުސްތާޒާ އައިޝަތު ބިޝާމް ވިދާޅުވީ އިމްތިޔާޒު ބިލްގެ މައްސަލަ އަނބުރާ ގެނައުމަށް ނިންމީ ފުލުހުންނާއި މީޑިޔާ ކައުންސިލުން އިމްތިޔާޒު ބިލުގައި ހުރި ކަންބޮޑުވުންތައް އޭޖީ ސަމާލުކަމަށް ގެނައުމާއި ގުޅިގެން އެމައްސަލަތަކަށް ރިއާޔަތް ކުރުމަށްފަހު އަލުން އެމައްސަލަ ސުޕްރީމް ކޯޓަށް ވެއްދުމުގެ ބޭނުމުގައި ކަމަށެވެ.
އޭޖީ އޮފީހުން އިމްތިޔާޒުގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ އިއްޔެގެ ވަގުތެއްގައެވެ.
ބިޝާމް ވިދާޅުވީ އިމްތިޔާޒު ބިލްގެ 17 ވަނަ މާއްދާ އަދި 18 ވަނަ މާއްދާ މާނަކުރުމުގެ މައްސަލަ ސުޕްރީމް ކޯޓަށް އިއްޔެ ވެއްދީ އެދެމާއްދާގައި ހިފެހެއްޓުމެއް ނެތް މިންވަރަށް ބާރުތަކެއް ދީފައިވާތީ އެބާރުތައް ބޭނުންކުރަންވާނީ ޤާނޫނު އަސާސީއާއި އެއްގޮތަށް ކަމަށް ކަނޑައަޅައިދިނުމަށް ކަމަށެވެ.
އިމްތިޔާޒު ބިލްގެ 17 ވަނަ މާއްދާއަކީ މަޖިލީހަށް މީހުން ހާޒިރުކުރުމުގައި މަޖިލީހަށް ލިބިދީފައިވާ ބާރުތައް ކަނޑައަޅާ މާއްދާއެވެ. އަދި 18 ވަނަ މާއްދާއަކީ މަޖިލީހަށް ހާޒިރުވެ ޖަވާބުރާރީވާންވީ ގޮތް ކަނޑައަޅައިދީފައިވާ މާއްދާއެވެ. މަޖިލީހަށް ޖަވާބު ނުދީފިނަމަ އެ މީހަކު 1،000ރ. އާއި 3،000ރ ގެ އަދަދަކުން ޖޫރިމަނާކޮށް އަދި ތިން މަހާއި ހަމަހާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވޭނެ ކަމަށްވެސް މިމާއްދާގައި ވަނީ ބުނެފައެވެ.
އިމްތިޔާޒުގެ ބިލް އެކުލަވާލާފައިވާ ގޮތުން ފުލުހުންނާއި މީޑިޔާތަކުގެ ބެލެނިވެރި ފަރާތްތަކުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ފުލުހުން ބުނީ އިމްތިޔާޒު ބިލު މިހާރު ފާސްކޮށްފައިވާ ގޮތުން ފުލުހުން ކުރިއަށް ގެންދާ ޖިނާއީ ތަހުޤީގު ތަކަށް ހުރަސް އެޅިގެންދާނެ ކަމަށެވެ.
މީޑިޔާތަކުގެ ބެލެނިވެރި ފަރާތްތަކުން ބުނީ އިމްތިޔާޒު ބިލުގެ ސަބަބުން ޤާނޫނު އަސާސީގެ ދަށުން ނޫސްވެރިންނަށް ލިބިދީފައިވާ މިނިވަންކަން ހަނިވެގެންދާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ