ހައިހޫނުކަމުގައި އޮތް ފަލަސްތީނުގެ ގައިދީ ދޫނުކުރަން އިޒްރޭލް ކޯޓުން ނިންމައިފި

ގުދުސް (ޖެނުއަރީ 28) - އެއްވެސް ޝަރީއަތަކާ ނުލައި އިޒްރޭލުން ބަންދުކޮށްފައި ހުރި ފަލަސްތީނުގެ ނޫސްވެރިޔާ މުހައްމަދު އަލް ގީގު ބަނޑުހައިހޫނުކަމުގެ ހަޅުތާލު ކުރި ނަމަވެސް އޭނާ ދޫ ނުކުރުމަށް އިޒްރޭލްގެ ސްޕްރީމް ކޯޓުން ނިންމައިފި އެވެ. އަލް ގީގުގެ ބަނޑުހައިހޫނުކަމުގެ ހަޅުތާލުގެ ސަބަބުން އޭނާ މަރުވެދާނެ ކަމުގެ ބިރު ބޮޑު ކަމަށް އޭނާގެ އަންހެނުން ފައިހާ ސަލާޝް ވެސް ވަނީ ބުނެފަ އެވެ. އެކަމަކު އިޒްރޭލުގެ އެންމެ މަތީ ކޯޓުން އިއްޔެ ނިންމާފައި ވަނީ އޭނާ ބަންދުން ނުވީއްލި ނަމަވެސް ކޮންމެ ދުވަހަކު އެއް ފަހަރު ސިއްހީ ހާލަތު ޓެސްޓް ކުރުމަށެވެ. އަލް ގީގު ހައިހޫނުކަމުގެ ހަޅުތާލު ކުރަމުންދާތާ މިހާރު 62 ދުވަސްވެއްޖެ އެވެ. ތަޖްރިބާކާރުން ބުނަނީ ހައިހޫނުކަމުގައި ތިބޭ މީހުން ފެން އެކަނި ބުއި ނަމަވެސް 70 ދުވަހަށް ވުރެ އިތުރު ވެއްޖެ ނަމަ ސަލާމަތްވުމުގެ ފުރުސަތު ކުޑަވާނެ ކަމަށެވެ. އިޒްރޭލުން މިދިޔަ ޖުލައި މަހު ފާސްކުރި ގާނޫނެއްގައިވާ ގޮތުން ބަނޑުހައިހޫނުކަމުގެ ހަޅުތާލު ކުރާ ގައިދީންނަށް ބައެއް ހާލަތްތަކުގައި ގަދަކަމުން ކާންދެވިދާނެ އެވެ. ޔޫރަޕިއަން ޔޫނިއަން އިން އިއްޔެ ބުނެފައި ވަނީ އަލް ގީގުގެ ސިއްހަތާ މެދު ކަންބޮޑުވާ ކަމަށެވެ. ވަކީލް ބުނީ އަލް ގީގުގެ ބައެއް ގުނަވަންތައް މިހާރު ފޭލްވާން ކައިރިވެފައިވާ ކަމަށެވެ އަލް ގީގުގެ ވަކީލް ޖަވާދު ބޫލަސް ވަނީ އަލް ގީގު ދޫކޮށްލުމަށް ކޯޓުގައި އެދިފަ އެވެ. ނަމަވެސް ސްޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ނިންމާފައި ވަނީ އިޒްރޭލުގެ އަސްކަރީ ކޯޓުގެ ނިންމުމާ އެއްގޮތަށް ގައިދީ މިނިވަން ނުކުރުމަށެވެ. އުމުރުން 33 އަހަރުގެ ދެ ކުދިންގެ ބައްޕައެއް ކަމަށްވާ އަލް ގީގަކީ ސައުދީ އަރަބިއާގެ އަލްމަޖްދު ޓީވީގެ ރިޕޯޓަރެކެވެ. މިދިޔަ ނޮވެމްބަރު މަހު އަލް ގީގު ހައްޔަރު ކުރީ ހުޅަނގު އައްސޭރީގެ ރާމުﷲ ގައި ހުންނަ އޭނާގެ ގެއިންނެވެ. ޑިސެމްބަރު މަހު މެދުތެރޭ، އިޒްރޭލުން ވަނީ އޭނާ އިދާރީ ގޮތުން ބަންދުކޮށްފަ އެވެ. އިދާރީ ބަންދެއްގައި ޝަރީއަތަކާ ނުލައި ހަ މަސް ދުވަސްވަންދެން ބަންދުކޮށްގެން ގުންގުޅެ އެވެ. އަލް ގީގު ބަނޑުހައިހޫނުކަމުގެ ހަޅުތާލު ކުރަން ފެށީ ނޮވެމްބަރު 25 ވަނަ ދުވަހު އެވެ. އޭނާ މިހާރު އޮތީ އިޒްރޭލުގެ މެދުތެރޭގައި ހުންނަ ރާމްލީ ޖަލުގެ ހޮސްޕިޓަލުގަ އެވެ. ކިޔަވާ ކުދިން ކުރި ހަޅުތާލަކާ ގުޅިގެން އަލް ގީގު ވަނީ 2008 ވަނަ އަހަރު 16 މަސް ދުވަހަށް ޖަލަށް ލައިފަ އެވެ. އޭގެ ކުރިން އޭނާ ވަނީ 2003 ވަނަ އަހަރު، އެއް މަހަށް އަދި ހަމާސްއާ ގުޅުން ހުރި ހަރަކާތްތަކެއްގައި ބައިވެރިވެގެން 2004 ވަނަ އަހަރު 13 މަހަށް ޖަލުގައި ބަންދުކޮށްފަ އެވެ. އިޒްރޭލުގެ ސިކިއުރިޓީ އެޖެންސީ، ޝިން ބެއިތުން ބުނީ އަލް ގީގު ހައްޔަރު ކުރީ ހަމާސް ޖަމާއަތާ ގުޅިގެން ޓެރަރިސްޓް ހަމަލާއެއް ދޭން އުޅޭތީ ކަމަށެވެ. އެކަމަކު އަލް ގީގުގެ އަންހެނުން ފައިހާ އޭއެފްޕީ އަށް އިއްޔެ ބުނީ އަލް ގީގު ހައްޔަރު ކުރީ އެއްވެސް ކުށަކާ ލައިގެން ނޫން ކަމަށެވެ. އޭނާގެ ކުށެއް ކަމަށް އިޒްރޭލުން ބުނަނީ ހުޅަނގު އައްސޭރީގެ ހާލަތު ކަވަރު ކުރުން ކަމަށް ވެސް ފައިހާ ބުންޏެވެ. އިޒްރޭލުގެ ޖަލުތަކުގައި ބަންދުކުރާ ފަލަސްތީނު މީހުން ދޭތެރެ ދޭތެރެއިން ބަނޑުހައިހޫނުކަމުގެ ހަޅުތާލު ކުރެ އެވެ. އިޒްރޭލުން ނުހައްގުން ބަންދު ކުރުމުން އެކަމާ ދެކޮޅަށް 56 ދުވަސް ވަންދެން ބަނޑުހައިހޫނުކަމުގެ ހަޅުތާލު ކުރި ފަލަސްތީނުގެ ގައިދީ ޚަދަރު އަދުނާން މިދިޔަ ޖުލައި މަހު 12 ވަނަ ދުވަހު ވަނީ މިނިވަންކޮށްފަ އެެވެ. އަދި އުމުރުން 31 އަހަރުގެ މުހައްމަދު އައްލާން ކުރަމުން ދިޔަ ހައިހޫނު ކަމުގެ ހަޅުތާލު ދެ މަހަށް ފަހު، ނިމުމަކަށް ގެނައީ އޭނާ ބަންދުން ވީއްލުމުންނެވެ. --އޭއެފްޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ