ސުޕްރީމް ކޯޓާއި މަޖިލިސް ޖެހި ފިތިފައި!

ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ އަލީ އާޒިމާއި އަލިފުށީ ދާއިރާގެ މުހަންމަދު ނާޝިޒްގެ މެމްބަރުކަމުގެ ގޮނޑި ގެއްލިއްޖެ ކަމަށް މިދިޔަ ބުރާސްފަތިދުވަހު ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެން ކަން ހިނގަމުން އަންނަނީ މުޅިން ވެސް ކުރީގެ އުސޫލުތަކާ ހިލާފަށެވެ. މީގެ ކުރިން މަޖިލީހުގެ މި ދައުރުގައި ދެ މެމްބަރެއްގެ ގޮނޑި ގެއްލިފައިވާއިރު އެ ދެ މެމްބަރުންގެ ދައުރު ދެމިގެންދާނެ ކަމަށް މަޖިލީހުން ނުނިންމަ އެވެ. އަދި މަޖިލީހުގެ ރައީސްގެ އެންގުމެއް ނެތި ކޮމްބެޓް ޔުނިފޯމްގައި ސިފައިން ވަދެ މީގެ ކުރިން މަޖިލިސް ތެރޭގައި ހަރަކާތްތެރިއެއް ވެސް ނުވެ އެވެ. އެއީ ވެސް ކުރީގެ އުސޫލާ ހިލާފަށް ސިފައިން ކުރި ކަމެކެވެ. ސުވާލަކީ އުސޫލުތަކާ ހިލާފު މިވަނީ ކީއްވެ ހެއްޔެވެ؟ ގާނޫނު އަސާސީ އާއި ގާނޫނުތަކުގައި ކަންކަން ބަޔާން ކޮށްފައި ވަނިކޮށް އެއާ ހިލާފަށް ކަންތައް ކުރަން ޖެހެނީ ކީއްވެ ހެއްޔެވެ؟ މީގެ ޖަވާބެއް ކަމަށް އެއް ބަޔަކު ބުނާނީ އާޒިމާއި ނާޝިޒްގެ މެމްބަރުކަމުގެ ގޮނޑި ގެއްލުނު ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅި ހުކުމްގެ ފަހަތުގައި އޮތީ ސިޔާސީ ސަބަބުތަކެއް ކަމަށެވެ. ފެބްރުއަރީ މަހުން ފެށިގެން "އަތްނުލާ" ބާއްވާފައި އޮތް މައްސަލައެއް ކޮންމެހެން ހަދާފައި ވެސް މިދިޔަ ބުރާސްފަތި ދުވަހަށް ޝެޑިއުލްކޮށް ހުކުމްކުރުމުން ސުވާލު އުފައްދާނެ ޖާގަ ލިބެ އެވެ. ބަންޑާރަ ނާއިބު އައިޝަތު އާޒިމާގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މާދަމާ އަށް އެޖެންޑާ ކޮށްފައިވާއިރު އޭގެ ކުރިން، ސަރުކާރާ އިދިކޮޅު ދެ މެމްބަރެއްގެ ގޮނޑި ކޮންމެހެން ހަދާފައި ވެސް "ގެއްލުވާލީ" ކަމަށް ވާހަކަ ދެއްކެވެނީ އެހެންވެ އެވެ. ކަން ހިނގި ގޮތުންނެވެ. އާޒިމާއި ނާޝިޒްގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައެޅި ހުކުމާ މެދު ދެ ގޮތަށް ވެސް ބަހުސްކުރުމުގެ ޖާގަ އޮތް ކަމަށް ބައެއް ގާނޫނީ ވަކީލުން ދެކެވަޑައިގަނެ އެވެ. ހާއްސަކޮށް މީގެ ކުރީގެ މައްސަލަތަކާ ހިލާފަށް ހަތް ފަނޑިޔާރުންގެ ތެރެއިން އެއް ފަނޑިޔާރަކު ވަކި ރައުޔެއް ނުނެރުއްވުމާއި ޝަރީއަތުގެ މަޖިލީހުގައި އޭނާ ފާހަގަކުރެއްވި، ސުޕްރީމް ކޯޓުގެ އިދާރީ މައްސަލަތަކާ ހެދި ބައެއް މީހުންނަށް "އުނދަގޫތަކެއް" އެބަ ހުއްޓެވެ. އެހެން މައްސަލަތަކުގައި މީގެ ކުރިން ވެސް އެހެން ފަނޑިޔާރުންނާ ރައުޔު ތަފާތުވާ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ރައުޔުގެ ބަދަލުގައި މިފަހަރު ފާހަގަކުރެއްވީ ކޯޓުގެ އިދާރީ ބައެއް މައްސަލަތަކެވެ. އަދި މުއުތަސިމް ވިދާޅުވެފައިވާ ގޮތުގައި އޭނާ އަށް ވަކި ރައުޔެއް ނުނެރުއްވުނީ ހުކުމް އިއްވަން ޝެޑިއުލްކުރި ދުވަހުގެ ކުރީ ދުވަހު، މައްސަލައިގެ ބަޔާންތައް ލިބިވަޑައިގަތުމުންނެވެ. އަދި މައްސަލަ ދިރާސާކޮށް، މި ހަފުތާގައި ރައުޔު ތައްޔާރުކުރައްވާނެ ކަމަށް ދެންނެވުމުން އެހެން ފަނޑިޔާރުން ދެކޮޅުހެއްދެވި ކަމަށް މުއުތަސިމް ވަނީ ވިދާޅުވެފަ އެވެ. މިއީ މީގެ ކުރިން ސުޕްރީމް ކޯޓުގެ ޝަރީއަތުގެ މަޖިލީހުން ފަނޑިޔާރެއްގެ ފަރާތުން ފެނުނު އަދި އަޑު އިވުނު ވާހަކަތަކެއް ނޫނެވެ. އެހެންވެ އާޒިމާއި ނާޝިޒްގެ މައްޗަށް ހުކުމް އައި ގޮތުން ފާޑުކިޔުމުގެ ފުރުސަތު މިވަނީ ބޮޑުވެފަ އެވެ. އަދި ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމާ ކަމެއް ބަދަލުކުރެވޭނެ އެހެން ގޮތެއް ނެތުމުން، އެ ހުކުމަށް ތަބާއަވާން ޖެހުނަސް، ހުކުމް ކުރެއްވީ، ފަނޑިޔާރުންގެ ޒާތީ އެއްވެސް ކަމެއް ނެތި ނުވަތަ ސިޔާސީ އެއްވެސް ކޮޅެއް ނެންގެވުމަކާ ނުލައި ކަމަށް ގަބޫލުކުރަން އެތައް ބަޔަކަށް ދަތިވެ އެވެ. ސުޕްރީމް ކޯޓުގެ ނިންމުމަކީ ފަހުގެ ނިންމުން ކަމަށް ގާނޫނު އަސާސީގެ 145 ވަނަ މާއްދާގައި ބަޔާންކޮށްފައިވެ އެވެ. އެ މާއްދާގެ (ނ) ގައި ވަނީ "ގާނޫނު އަސާސީ އާއި ގާނޫނު މާނަކުރުމުގައި، އަދި ޝަރީއަތުން ބަލާ އެނޫން ވެސް މައްސަލަތަކުގައި ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ އެންމެ ފަހުގެ ނިންމުމެވެ،" މިހެންނެވެ. އެހެންވެ ސުޕްރީމް ކޯޓުން މެމްބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައިފި ނަމަ ވެސް ދެން އިތުރަށް ކުރެވޭނެ ކަމެއް ނެތްކަން އެ މާއްދާ އިން އެނގެ އެވެ. ތިމަރަފުށީ ދާއިރާގެ މެމްބަރު މުހަންމަދު މުސްތަފާ އާއި ކާށިދޫ ދާއިރާގެ އިސްމާއީލް އަބްދުލްހަމީދުގެ މެމްބަރުކަމުގެ ގޮނޑި ގެއްލުނު ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމުން އެކަމާ އޭރު ބަޔަކު އަޅާނުލައި ތިބީ ވެސް އެހެންވެ އެވެ. އޭރު ވެސް ހަތް ފަނޑިޔާރުންގެ ރައުޔު އެއްގޮތެއް ނޫނެވެ. އާޒިމާއި ނާޝިޒްގެ މައްސަލާގައި އާ ކަމަކީ އެއް ފަނޑިޔާރަކު އެއްވެސް ރައުޔެއް ނުނެރުއްވާ ކަމެވެ. ނަން ހާމަކުރަން ބޭނުން ނުވާ ގާނޫނީ ވަކީލަކު ވިދާޅުވި ގޮތުގައި އާޒިމާ ނާޝިޒުގެ މައްޗަށް ސުޕްރީމް ކޯޓުން ކުރި ހުކުމާ މެދު ބަހުސް ކުރާނެ ޖާގަ އޮތަސް "ނުބައި ކޮށް ނިންމިޔަސް، ރަނގަޅަށް ނިންމިޔަސް" އެ ހުކުމަށް ބަދަލެއް ނާންނާނެ އެވެ. ސަބަބަކީ ސުޕްރީމް ކޯޓުގެ ނިންމުމަކީ ފަހުގެ ނިންމުން ކަމަށް ގާނޫނު އަސާސީގައި އޮތުމެވެ. "އެހެން ނޫނީ މި ސިސްޓަމެއް ނޯންނާނެ. ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނުތައް ސައްހައެއް ނޫނޭ ބުނެ އަޅުގަނޑުމެން އެ ބަލައި ނުގަންނަމޭ ބުނަން ފަށައިފިއްޔާ ވާނީ ކިހިނެއްތޯ؟ އެއްވެސް އުސޫލެއް ނޯންނާނެ ނޫންތޯ މި މުޖުތަމައުގެ ތެރޭގައި؟ އަޅުގަނޑު ދެކޭ ގޮތުގައި ސުޕްރީމް ކޯޓުގެ ހުކުމް ދެމިއޮންނާނެ. އިޝޫއަކަށް ވާނީ ސުޕްރީމް ކޯޓުގެ އިންޓެންޝަން. ޝަރީއަތުގައި ހިނގަމުންދާތާ އެތައް ދުވަހެއް ވި މައްސަލައެއް އެންމެ ފަހު ވަގުތު ނަގައިގެން ހުކުމް އިއްވުން. އެއީ ވާހަކަ ދެއްކިދާނެ ކަމެއް،" އޭނާ ވިދާޅުވި އެވެ. "ހަވީރާ" ވާހަކަ ދެއްކެވި ވަކީލު ދެކެވަޑައިގަންނަވާ ގޮތުގައި އިސްމާއީލް އަބްދުލްހަމީދުގެ މެމްބަރުކަމުގެ ގޮނޑި ގެއްލުނު ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅީ ކޮރަޕްޝަން މަނާކުރުމާއި ހުއްޓުވުމުގެ ގާނޫނާ ހިލާފަށެވެ. އެ މައްސަލާގައި ވެސް ދެކޮޅަށް ބަހުސް ކުރެވެން އޮތް ކަމަށް އޭނާ ވިދާޅުވި އެވެ. "އެކަމަކު އޭރު ބަޔަކު މިގޮތަކަށް ނުނިކުމޭ،" އޭނާ ވިދާޅުވި އެވެ. ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު ކޮމިޓީން ނިންމީ އާޒިމާއި ނާޝިޒްގެ މައްސަލާގައި ސުޕްރީމް ކޯޓުގެ ނިޔާ ސައްހަ ނޫން ކަމަށާއި އެ ދެބޭފުޅުންގެ ގޮނޑި ހުސްނުވެ ދެމިގެންދާނެ ކަމަށެވެ. މިއީ ވެސް ކުރީގެ އުސޫލުތަކާ ހިލާފު އަދި އާ ނިންމުމެކެވެ. ބޮޑަށް ބެލެވޭ ގޮތުގައި މަޖިލީހުގެ އިދާރާ އިން ރަސްމީކޮށް ބަލަނީ މި ނިންމުމެވެ. މަޖިލީހުގެ އިދާރާ އިން އިއްޔެ ނެރުނު ބަޔާނެއްގައި ވެސް ބުނެފައި ވަނީ "މެދު ހެންވޭރު ދާއިރާގެ މެމްބަރުކަމުގައި ހުންނެވި އަލްފާޟިލް އަލީ އާޒިމް" ކަމަށެވެ. މިގޮތަށް ދާއިމަށް މަޖިލީހުން ނިންމައިފި ނަމަ ޖަވާބު ބޭނުންވާ އެތައް ސުވާލެއް އެބަ ހުއްޓެވެ. އާޒިމާއި ނާޝިޒަށް ދައުލަތުން މުސާރަ އާއި އިނާޔަތްތައް ލިބިވަޑައިގަންނަވާނެ ހެއްޔެވެ؟ އެ ދެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ ގޮތަށް މަޖިލީހުގެ ޖަލްސާއެއް ނުވަތަ ކޮމިޓީއެއް ބާއްވަން ފަސޭހަވާނެ ހެއްޔެވެ؟ ސުޕްރީމް ކޯޓަށް ދައުލަތުގެ އެއްބާރުން ތަބާނުވަނީ ހެއްޔެވެ؟ މަޖިލިސް އިތުރަށް ހަލަބޮލިވެ މިހާރު ގައުމަށް އެންމެ މުހިންމު ވެފައިވާ ރިޔާސީ އިންތިޚާބަށް އިތުރަށް ހުރަސް އެޅޭނީ ހެއްޔެވެ؟ ސުޕްރީމް ކޯޓުން ނިންމި ކަމެއް ގާނޫނު ހަދާ ބާރުން ބަލައިނުގަތުމަކީ ކުޑަ މައްސަލައެއް ނޫނެވެ. އާދަޔާ ހިލާފު ބޮޑު ކަމެކެވެ. ގާނޫނީ ބޮޑެތި މައްސަލަތެއް ނުކުންނާނެ ކަމެކެވެ. ބޮޑު ކޯޅުމަކަށް ވާނެ ކަމެކެވެ. މިހާރު ވެސް މި ކޯޅުން މިވަނީ ފެށިފަ އެވެ. ރައްޔިތުންގެ މަޖިލީހުގެ ގެއާއި އެތަނުގެ ގޯތިތެރެ އާއި މަޖިލީހުގެ ދަށުން ހިނގާ އެންމެހައި ތަންތަނުގެ ސަލާމަތީ ކަންކަން ބަލަހައްޓާނީ މަޖިލީހުގެ ރައީސް ކަނޑައަޅާ ގޮތެއްގެ މަތިން ދައުލަތުގެ ސަލާމަތީ ބާރުތަކުން ކަމަށް އިމްތިޔާޒުގެ ގާނޫނުގައި އޮވެ އެވެ. އެކަމަކު މަޖިލީހުގެ އިދާރާ އިން ބުނީ އާޒިމް އިއްޔެ މަޖިލީހަށް ވަދެވަޑައިގަންނަވަން އުޅުއްވުމުން އެމްއެންޑީއެފުން މަޖިލީހުގެ އިދާރާގެ ތެރޭގައި ހަރަކާތްތެރިވީ ގާނޫނު އަސާސީ އާއި އިމްތިޔާޒުގެ ގާނޫނުން މަޖިލީހުގެ ރައީސަށް ލިބިފައިވާ ބާރުތަކާއި ހައްގުތައް ނިގުޅައި ގަނެވޭ ގޮތަށް ކަމަށެވެ. އާޒިމާއި ނާޝިޒްގެ މައްސަލާގައި ސަލާމަތީ ބާރުތަކުން ކޮންމެ ފަހަރަކު އެ އުސޫލުން ބޭރުން ދާން ވެއްޖެ ނަމަ އެއީ މައްސަލައެކެވެ. ހަގީގަތުގައި ވެސް މަޖިލީހުގެ ރައީސްގެ ބާރުތައް އޭރުން އޮންނާނީ ނިގުޅައިގަނެވިފަ އެވެ. އެމްއެންޑީއެފުން ބުނަނީ އާޒިމް މަޖިލީހުގެ އިދާރާ އިން ނެރެ ފުލުހުންނާ ހަވާލުކުރީ މަޖިލީހުގެ ސިކިއުރިޓީ ބަލަހައްޓާ ފަރާތްތަކަށް ހަމަލަދީ، އެމީހުންގެ އެންގުންތަކަށް ނުކިޔަމަންތެރިވުމުން ކަމަށެވެ. އަދި އާޒިމަށް ހުރަސްއެޅި ސަބަބަކީ، އާޒިމާ މެދު އަމަލުކުރަންވީ ގޮތެއް ލިޔުމަކުން އަންގަވައި ދެއްވުމަށް އެދި ފޮނުވި ސިޓީގެ ޖަވާބު ނުލިބުމުން ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ. އެކަމަކު ޗީފް އޮފް ޑިފެންސް ފޯސް އަށް މަޖިލީހުގެ ރައީސް އިއްޔެ ފޮނުއްވި ސިޓީގައި އެފަދަ ލިޔުމެއް ފޮނުއްވި ވާހަކަ ވެސް އޮވެ އެވެ. އެހެންވެ މި ލިޔުމާ މެދު ވެގެން ދިޔަ ގޮތާ މެދު ވެސް ސުވާލު އުފެދެ އެވެ. އާޒިމާއި ނާޝިޒްގެ ގޮނޑި ގެއްލުނު ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމާ ދެކޮޅަށް މަޖިލިހުގެ އެމްޑީޕީ އާއި ޑީއާރުޕީގެ މެމްބަރުން އުޅޭ އިރު، މިއީ މަޖިލިހާއި ސުޕްރީމް ކޯޓާ ދެމެދު އުފެދިފައި އޮތް ބޮޑު ނުތަނަވަސްގަނޑަކަށް އެރި އިތުރު ފުސްކަމެކެވެ. ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ މެމްބަރުކަމުން މުހައްމަދު ފަހުމީ ހަސަން، މަޖިލިހުން ވަކިކުރި މައްސަލާގައި އެއީ ގާނޫނާ ޚިލާފު ނިންމުމެއް ކަމަށް ސުޕްރީމް ކޯޓުން ނިންމުމުން ދެ ބާރުގެ ދެމެދުގައި ބޮޑު ޚިޔާލު ތަފާތުވުމެއް އޮތީ އުފެދިފަ އެވެ. އަދިވެސް އެކަން އޮތީ އެހެންނެވެ. ފަހުމީގެ ބަދަލުގައި ސީއެސްސީ އަށް އެހެން މެމްބަރަކު މަޖިލިހުން އައްޔަންކުރުމުން އޭނާ ހުވާކުރަން އުޅެނިކޮށް ސުޕްރީމް ކޯޓުގެ އަޣުލަބިއްޔަތު އޮތް ހަތަރު ފަނޑިޔާރުން ނެރުއްވި އަމުރުގެ ސަބަބުން ވެސް ދައުލަތުގެ މި ދެ ބާރުގެ މެދުގައި އުފެދުނީ އިތުރު ދެކޮޅުވެރިކަމެކެވެ. މިހާރު ރައްޔިތުންގެ މެދުގައި އޮތް ސުވާލުތައް ވަރަށް ސީރިއަސް އެވެ. ސިޔާސީ ނިޔަތެއްގައި ހުކުމްކުރާ ތަނަކަށް ސުޕްރީމް ކޯޓު ވަނީ ހެއްޔެވެ؟ އަދި އެންމެ މަތީ ކޯޓުން ކުރާ ހުކުމްތައް ގަބޫލުނުކުރާ ތަނަކަށް ރައްޔިތުންގެ މަޖިލިސް ވަނީ ހެއްޔެވެ؟ މި ދެ ސުވާލުގެ ޖަވާބަކީ "އާއެނކޭ" ކަމަށް ވެއްޖެ ނަމަ އެ އުފެދެނީ އިންތިހާ އަށް ނުރައްކާ މައްސަލައެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ