ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލްގެ މައްޗަށް ދެ ދައުވާއެއް ކުރަން ފޮނުވައިފި
އޭސީސީގެ ތަހުގީގަކަށް ދޮގު މައުލޫމާތު ދިން ކަމަށް ބުނެ، ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލްގެ މައްޗަށް ދޮގު ހެކި ދިނުމުގެ ދައުވާ އާއި މަގާމުގެ ނުފޫޒު ބޭނުންކުރުމުގެ ދައުވާކުރަން އޭސީސީން ޕީޖީ އަށް ހުށަހަޅައިފި އެވެ. އޭސީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމަށް ޣާނިޔާ އަބްދުލްޣަފޫރު އައްޔަން ކުރި މައްސަލަ ބެލުމުގެ ތެރޭގައި އެ ކޮމިޝަނަށް ބޭނުންވާ މައުލޫމާތެއް ހޯދުމުގެ ތެރޭގައި އާނިޔާ އޮޅުވާލަން މަސައްކަތްކޮށް، ދޮގު ހެކި ދީފައިވާ ކަމަށް ބެލެވޭ ކަމަށެވެ. "ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން މި ކޮމިޝަނަށް ބޭނުންވާ މައުލޫމާތެއް ބޭނުންވެގެން އެ ޑިޕާޓްމެންޓުން، ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލް ޣާނިޔާ އަބްދުލްޣަފޫރު ގާތުގައި އެކަމުގައި އުޅުނު ސުޕްރީމް ކޯޓުގެ މުވައްޒަފެއްެ ބަޔާނެއް ހޯދައިދޭން ބުނި ކަމަށާއި އެ ގޮތަށް ޣާނިޔާ އަބްދުލްޣަފޫރަށް އެންގީ ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ އިސް ދެ ވެރިޔަކު ކަމަށް ޣާނިޔާ އަބްދުލްޣަފޫރު މި ކޮމިޝަނަށް ދީފައިވާ ބަޔާނުގައި ބުނެފައިވީ ނަމަވެސް، އެ ދެ ފަރާތުން ]އެކަމަށް[ އިންކާރު ކުރާތީ މިކަން ހިނގާފައިވާ ގޮތް އާނިޔާ އަބްދުލްޣަފޫރު އޮޅުވާލަން މަސައްކަތް ކޮށްފައިވާ ކަމަށް ބެލެވޭތީ އާއި މި ކޮމިޝަނުގެ ތަހުގީގަށް ޣާނިޔާ އަބްދުލްޣަފޫރު ދޮގު މައުލޫމާތު ދީފައިވާތީ ކ. މާލެ، މއ. ލެއްގި ޣާނިޔާ އަބްދުލްޣަފޫރުގެ މައްޗަށް ގާނޫނުލްއުގޫބާތުގެ 62 ވަނަ މާއްދާގެ ދަށުން ދޮގު ހެކި ދިނުމުގެ ކުށުގެ ދައުވާ ކުރުމަށް ޓަކައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފޯހަށް މި މައްސަލަ ވާނީ ފޮނުވިފަ އެވެ،" ބަޔާނުގައި ވެ އެވެ. އެ ބަޔާނުގައި ބުނެފައި ވަނީ އޭނާ އެ މަގާމަށް އައްޔަންކުރި ގޮތް ބަލަމުންދަނިކޮށް އެ މައްސަލައާ ގުޅޭ ބަޔާން ދޭން ހުރި ސުޕްރީމް ކޯޓުގެ މުވައްޒަފަކަށް ބިރު ދައްކައި، އަދި އެއީ އެ ކޮމިޝަނުން އަންގައިގެން ނަގާ ބަޔާނެއް ކަމަށް ބުނެ އެ މުވައްޒަފުގެ އަތުން ބަޔާނެއް ނެގުމަށް އާނިޔާ މަސައްކަތް ކޮށްފައިވާތީ އެއީ އޭނާގެ މަގާމުގެ ނުފޫޒު ބޭނުންކޮށްފައިވާ ކަމެއްކަން ފާހަގަކުރެވޭތީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ދަށުން ޣާނިޔާގެ މައްޗަށް ދައުވާކުރަން ވެސް ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށް އޭސީސީގެ ބަޔާނުގައި ވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ