އައްޑު އަށް ސްޓެލްކޯގެ ކަރަންޓު ހޯދުމަށް ސަރުކާރަށް ހުށަހަޅަނީ

ސަރުކާރުގެ އެންމެ ބޮޑު ކަރަންޓު ކުންފުނި ސްޓެލްކޯގެ ހިދުމަތް އައްޑު އަށް ހޯދުމަށް އެދި ސަރުކާރަށް ހުށަހަޅަން ގަސްދުކުރާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ރޭ ބުނެފި އެވެ. އައްޑު އަށް މިހާރު ކަރަންޓް ދެނީ ފެނަކަ ކޯޕަރޭޝަނުންނެވެ. ނަމަވެސް މިދިޔަ މާޗް މަހުން ފެށިގެން ވިޔަފާރިތަކުގެ ކަރަންޓްގެ އަގަށް ގެނައި ބަދަލާ ގުޅިގެން، ވިޔަފާރިވެރިންގެ މެދުގައި ކަންބޮޑުވުން އުފެދިފައިވާތީ، އައްޑޫގެ ވިޔަފާރިވެރިންނާ އެކު ކައުންސިލުން ރޭ ބޭއްވި ބައްދަލުވުމުގައި ކައުންސިލުން ބުނީ އައްޑު އަށް ސްޓެލްކޯގެ ކަރަންޓް ހޯދުމާ ބެހޭ ގޮތުން އައްޑޫ ވިޔަފާރިވެރިންގެ މެދުގައި ވޯޓެއް ނަގަން ނިންމާފައިވާ ކަމަށެވެ. ހިތަދޫ ޝަރަފުއްދީން ސްކޫލްގައި ބޭއްވި މި ބައްދަލުވުމުގައި، ވިޔަފާވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ވިދާޅުވީ ސްޓެލްކޯ އިން އައްޑު އަށް ކަރަންޓް ދިނުމަށް ރައީސް އަބްދުﷲ ޔާމީނަށް ހުށަހަޅަން ބޭނުންވެވަޑައިގަންނަވާ ކަމަށެވެ. ކައުންސިލުން ވަނީ މީގެ ކުރިން ވެސް ފެނަކައިގެ ބަދަލުގައި އައްޑު އަށް ކަރަންޓް ދޭނެ ބަޔަކު ހޯދަން ޖެހިފައިވާ ކަމަށް ބުނެފަ އެވެ. ރޭގެ ބައްދަލުވުމުގައި ވިޔަފާވެރިއަކު ސުވާލު ކުރަނީ: ކަރަންޓްގެ މައްސަލާގައި ކަންބޮޑުވުންތަކެއް އެބަހުރި. ފޮޓޯ/ އަހުމަދު އަދުޝަން އެހެންވެ އެކަމާ ވިޔަފާވެެރިން ދެެކެނީ ކޮން ގޮތަކަށްތޯ އެހުމުން ބައްދަލުވުމުގައި ބައިވެރިވި ހުރިހާ ބައިވެރިވެރިން ކަހަލަ ގޮތަކަށް ވަނީ ސްޓެލްކޯ އިން އެ ހިދުމަތް ދިނުމަށް ތާއީދުކޮށްފަ އެވެ. މޭޔަރު ވިދާޅުވީ އެކަމާ ގުޅޭ ގޮތުން ވަރަށް އަވަހަށް ވޯޓެއް ނަގައި، އެކަން ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅުއްވާނެ ކަމަށެވެ. ފެނަކައިގެ ކުރިން އައްޑު އަށް ކަރަންޓް ދިނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އުފެއްދެވި ސަދަން ޔުޓިލިޓީސް ލިމިޓެޑް (އެސްޔޫއެލް) އިންނެވެ. އެކަމަކު އޭގެ ކުރިން އައްޑު އަށް ދިގު މުއްދަތެއް ވަންދެން ކަރަންޓް ފޯރުކޮށް ދިނީ، ސްޓެލްކޯ އިންނެވެ. ރޭގެ ބައްދަލުވުމުގައި މޭޔަރު ސޯބެ ވާހަކަ ދައްކަވަނީ: ކަރަންޓްގެ މައްސަލާގައި ކަންބޮޑުވުންތަކެއް އެބަހުރި. ފޮޓޯ/ އަހުމަދު އަދުޝަން މޭޔަރު ވިދާޅުވީ ޑީސަލް އަންދައިގެން ކަރަންޓް ދިނުން ނޫން ގޮތްތަކެއް ވެސް މިހާރު ހޯދަން ޖެހިފައިވާ ކަމަށެވެ. އެހެންވެ މިހާރު ވެސް އައްޑު އަށް އިއާދަކުރަނިވި ހަކަތަ މެދުވެރިކޮށް ކަރަންޓް ދޭން ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފައިވާ ކަމަށް ވިދާޅުވި އެވެ. މޭޔަރު ވިދާޅުވީ އެކަމަށް ރާއްޖޭން ބޭރުގެ ކުންފުނިތަކުން ޝައުގުވެރިކަން ފާޅު ކުރަމުން އަންނަ ކަމަށެވެ. އޭގެ ތެރޭގައި ޖަޕާން، ޗައިނާ، އިޓަލީ، ސްރީ ލަންކާ އަދި ކޮރެއާ ފަދަ ގައުމުތައް ހިމެނޭ ކަމަށް ވިދާޅުވި އެވެ. އެކަމަކު އެފަދަ މަޝްރޫއެއް ފެށޭނެ ސީދާ ތާރީހެއް ދަންނަވަން ދަތި ކަމަށް ވިދާޅުވި އެވެ. "އަޅުގަަނޑުމެން މި ބަލަނީ ވީހާ ވެސް އަވަހަކަށް އެކަން ކުރެވޭތޯ،" ސޯބެ ވިދާޅުވި އެވެ. ރޭގެ ބައްދަލުވުމުގައި ބައިވެރިވި ވިޔަފާވެރިން: އެ މީހުން ބުނީ ފެނަކައިގެ މައްސަލަތައް ގިނަ ކަމަށް. ފޮޓޯ/ އަހުމަދު އަދުޝަން އޭނާ އަދި ވިދާޅުވީ ސޯލާ އެނާޖީ އަށް އާންމުން ހޭލުންތެރިކޮށް، އޭގެ ބޭނުންތެރިކަމާއި ފައިދާތައް ހާމަކޮށް ދިނުމަކީ ވެސް މުހިއްމު ކަމެއް ކަމަށެވެ. އެހެންވެ ތަޖުރިބާކާރަކު ގެންނަވައިގެން އައްޑޫ ރައްޔިތުންނަށް އެ މައުލޫމާތު ވީހާ ވެސް ފުޅާކޮށް ފޯރުކޮށް ދޭން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ