އެއްވެސް ދާއިރާއެއްގެ އިންތިޚާބު ކޯޓުން ބާތިލެއް ނުކުރި
23-04-2014 14:04 މަޖިލިސް އިންތިޚާބާ ގުޅޭ ގޮތުން ހުށަހެޅި 13 ޝަކުވާގެ ހުކުމް ކޮށް ނިމިއްޖެ. އޭގެ ތެރެއިން 12 ދާއިރާއެއްގެ އިންތިޚާބު ބާތިލްކުރުުމަށް ހުށަހެޅިއިރު، އެއްވެސް ދާއިރާއެއްގެ އިންތިޚާބު ބާތިލްކުރަން ޖެހޭ ފަދަ ސަބަބެއް ނެތް ކަމަށް ހައި ކޯޓުން ވަނީ ނިންމާފައި. ވޯޓު އަލުން ގުނަން ހުށަހެޅި ކުރެންދޫ ދާއިރާގެ މައްސަލައިގައި ވެސް ހައި ކޯޓުން ނިންމާފައި ވަނީ އެ ދާއިރާގެ ވޯޓު އަލުން ގުނަން ޖެހޭ ފަދަ ސަބަބެއް ނެތް ކަމަށް. 23-04-2014 13:57 ނައިފަރު ދާއިރާގެ އިންތިޚާބު ވެސް ބާތިލްކުރާނެ ތަނެއް ނެތް ކަމަށް ހުކުމްކޮށްފި. 23-04-2014 13:55 ހައި ކޯޓުގައި މިއަދު ހެނދުނު އޮތް އިންތިޚާބީ ޝަކުވާގެ ޝަރީއަތްތަކަށް ފަހު ބައެއް ކެންޑިޑޭޓުންނާއި ގާނޫނީ ވަކީލުން ކޯޓުން ނުކުމެވަޑައިގަންނަވަނީ.-- ހަވީރު ފޮޓޯ: މުހައްމަދު ޝަރުހާން 23-04-2014 13:45 ގެމަނަފުށީ ދާއިރާގެ މައްސަލަ ހުށަހެޅީ އިދިކޮޅު އެމްޑީޕީން. އެ ދާއިރާގެ އިންތިޚާބު ކާމިޔާބު ކުރެއްވީ ޕީޕީއެމްގެ ފަރާތުން ވާދަކުރެއްވި ޖަމީލު އުސްމާން. އެމްޑީޕީން ބުނި ގޮތުގައި ޖަމީލުގެ ފަރާތުން ބައެއް މީހުންނަށް ވަނީ ބިރު ދައްކައި، ވޯޓަށް ނުފޫޒު ފޯރުވައިފަ. އަދި ރިޝްވަތު ދިނުމާއި އެކިއެކި އެހީތައް ދިނުމުގެ ކަންތައްތައް ޖަމީލުގެ ފަރާތުން ހިންގާފައިވާ ކަމަށް އެ ދައުވާގައިވޭ. އަދި ވޯޓު ކަރުދާސްތައް ގުނިއިރު ދެއްވަދޫގައި ހުރި ފޮށީގެ 200 އެއްހާ ވޯޓުގައި އެކި ބާވަތުގެ ނިޝާންތަކެއް ޖަހާފައިހުރި ކަމަށް ވެސް އެ ދައުވާގައި ބުނެފައިވޭ. 23-04-2014 13:40 ގެމަނަފުށީ ދާއިރާގެ އިންތިޚާބުގައި ގއ. ދެއްވަދޫގައި ބެހެއްޓި ވޯޓު ފޮށީގެ ނަތީޖާ ބާތިލްކުރާނެ ތަނެއް ނެތް ކަމަށް ހައި ކޯޓުން ހުކުމްކޮށްފި. 23-04-2014 13:23 ހައި ކޯޓުގައި މިއަދު ހެނދުނު އޮތް އިންތިޚާބީ ޝަކުވާގެ ޝަރީއަތަކަށް ފަހު ކެންޑިޑޭޓަކު ކޯޓުން ނުކުމެވަޑައިގަންނަވަނީ.-- ހަވީރު ފޮޓޯ: މުހައްމަދު ޝަރުހާން 23-04-2014 13:17 ގެމަނަފުށީ ދާއިރާގެ އިންތިޚާބުގެ މައްސަލައިގެ ޝަރީއަތް ފެށުމަށް މިހާރު ދަނީ ތައްޔާރުވަމުން. އެ ޝަރީއަތް ފެށުމަށް ހަމަޖެހިފައި ވަނީ 1:30 ގައި. 23-04-2014 12:19 އިންތިޚާބާ ބެހޭ ގޮތުން ހައި ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކުގައި ހުކުމް އިއްވުމަށް ބާއްވާ ޝަރީއަތުގެ މަޖިލިސްތައް މިހާރު ވަނީ މެދުކަނޑާލާފައި. ދެން ޝަރީއަތުގެ މަޖިލިސްތައް ފަށާނީ މެންދުރުފަހު 1:30ގައި. މެންދުރުފަހު ބޭއްވުމަށް ހަމަޖެހިފައި ވަނީ ގެމަނަފުށީ ދާއިރާ އާއި ނައިފަރު ދާއިރާގެ އިންތިޚާބުގެ މައްސަލައިގެ ޝަރީއަތް. 23-04-2014 12:12 އިސްދޫ ދާއިރާގެ އިންތިޚާބު ބާތިލްކޮށް ދިނުމަށް އެދި ހައި ކޯޓަށް ހުށަހެޅީ އިދިކޮޅު އެމްޑީޕީން. އެ ދާއިރާގެ އިންތިޚާބު ބާތިލްކުރަން ހުށަހެޅި ސަބަބުތަކުގެ ތެރޭގައި ވޯޓު ކަރުދާސްތަކުގައި އެކި ބާވަތުގެ ނިޝާންތައް ޖަހައި ވޯޓުގެ ސިއްރުކަން ގެއްލުވާލުން ހިމެނެ. އެމްޑީޕީން ތުހުމަތުކުރި ގޮތުގައި އެކަން ކޮށްފައިވަނީ އެ ދާއިރާގެ އިންތިޚާބު ކާމިޔާބު ކުރެއްވި އެ ދާއިރާގެ މިހާރުގެ ވެސް މެމްބަރު އަހުމަދު ރަޝީދު އިބްރާހިމްގެ ފަރާތުން ބިރު ދައްކައިގެން. 23-04-2014 12:04 އިސްދޫ ދާއިރާގެ އިންތިޚާބު ވެސް ބާތިލްކުރާނެ ތަނެއް ނެތް ކަމަށް ހުކުމްކޮށްފި. 23-04-2014 12:01 މިހާރު ކުރިއަށް ދަނީ އިސްދޫ ދާއިރާގެ އިންތިޚާބުގެ މައްސަލައިގެ ޝަރީއަތް. 23-04-2014 11:45 ހިތަދޫ އުތުރު ދާއިރާގެ އިންތިޚާބު ބާތިލްކޮށް ދިނުމަށް އެދި ހައި ކޯޓަށް ހުށަހެޅީ އެ ދާއިރާ އަށް ވާދަކުރެއްވި ޕީޕީއެމްގެ ކެންޑިޑޭޓް އަލީ އިބްރާހިމް. އެ ދާއިރާގެ އިންތިޚާބު ކާމިޔާބުކުރެއްވީ އެ ދާއިރާގެ މިހާރުގެ ވެސް މެމްބަރު މުހައްމަދު އަސްލަމް. 23-04-2014 11:42 ހިތަދޫ އުތުރު ދާއިރާގެ އިންތިޚާބު ވެސް ބާތިލްކުރާނެ ތަނެއް ނެތް ކަމަށް ހުކުމްކޮށްފި. 23-04-2014 11:37 އިންތިޚާބީ ޝަކުވާގެ މައްސަލަތަކުގައި އެންމެ ފަހު ބަސް ބުނާ ކޯޓަކީ ހައި ކޯޓު. އެ ބާވަތުގެ މައްސަލަތަކަކީ ދާއިމީ ނަތީޖާ އިއުލާންކުރާތާ 14 ދުވަސް ތެރޭގައި ހުށަހަޅަންޖެހޭ ބާވަތުގެ މައްސަލަތަކަށް ވާއިރު ދާއިމީ ނަތީޖާ އިއުލާންކުރާތާ 30 ދުވަހުގެ ތެރޭގައި އެ މައްސަލަތައް ބަލައި ނިންމަން ވެސް ގާނޫނު ލާޒިމް ކުރޭ. 23-04-2014 11:26 ވިލިނގިލި ދާއިރާގެ އިންތިޚާބު ބާތިލްކޮށް ދިނުމަށް އެދުނީ އެމްޑީޕީގެ ކެންޑިޑޭޓް ހާރޫން ރަޝީދު. 23-04-2014 11:21 ވިލިނގިލި ދާއިރާގެ އިންތިޚާބު ވެސް ބާތިލްކުރާނެ ތަނެއް ނެތް ކަމަށް ހުކުމްކޮށްފި. 23-04-2014 11:10 ނޮޅިވަރަމް ދާއިރާގެ މައްސަލަ ހުށަހެޅުއްވީ އެމްޑީޕީގެ ޓިކެޓްގައި އެ ދާއިރާ އަށް ވާދަކުރެއްވި އަލީ އާރިފް. އޭނާ އެދިވަޑައިގެންފައި ވަނީ އެ ދާއިރާގެ މާލޭ ފޮށީގެ ނަތީޖާ ބާތިލްކުރުމަށް. 23-04-2014 11:04 ނޮޅިވަރަމް ދާއިރާގެ އިންތިޚާބުގައި މާލޭގައި ބެހެއްޓި ފޮށީގެ ނަތީޖާ ބާތިލްކުރާނެ ތަނެއް ނެތް ކަމަށް ހުކުމްކޮށްފި. 23-04-2014 10:53 މިހާރު ކުރިއަށް ދަނީ ވިލިނގިލި ދާއިރާގެ އިންތިޚާބުގެ މައްސަލައިގެ ޝަރީއަތް. ހިތަދޫ އުތުރު ދާއިރާގެ އިންތިޚާބުގެ ޝަރީއަތް ފަށާނީ 11:00. 23-04-2014 10:48 ފެލިދޫ ދާއިރާގެ އިންތިޚާބުގެ މައްސަލަ ހުށަހެޅުއްވީ ޕީޕީއެމްގެ ޓިކެޓްގައި އެ ދާއިރާ އަށް ވާދަކުރެއްވި އަހުމަދު ތޯރިގް ޒުހައިރު. އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް އަހުމަދު މަރްޒޫގާ ވާދަކުރައްވައި އޭނާ އަށް ނާކާމިޔާބު ވީ 26 ވޯޓުގެ ތަފާތުން. 23-04-2014 10:44 ފެލިދޫ ދާއިރާގެ އިންތިޚާބު ވެސް ބާތިލްކުރާނެ ތަނެއް ނެތް ކަމަށް ހުކުމްކޮށްފި. 23-04-2014 10:42 ހައި ކޯޓަށް ހުށަހަޅާފައި ވަނީ ފުނަދޫ ދާއިރާ، ހިތަދޫ މެދު ދާއިރާ، ތިމަރަފުށީ ދާއިރާ، ކުރެންދޫ ދާއިރާ، ނައިފަރު ދާއިރާ، ނޮޅިވަރަމް ދާއިރާ، ވިލިނގިލީ ދާއިރާ، ހިތަދޫ އުތުރު ދާއިރާ، ފެލިދޫ ދާއިރާ، ކާށިދޫ ދާއިރާ، ގެމަނަފުށީ ދާއިރާ، އިސްދޫ ދާއިރާގެ އިތުރުން ފޭދޫ ދާއިރާގެ މައްސަލަ. އޭގެ ތެރެއިން ހަތަރު ދާއިރާއެއްގެ އިންތިޚާބުގެ މައްސަލަ މިހާރު ވަނީ ނިންމާފައި. އެއީ ހިތަދޫ މެދު، ކާށިދޫ، ތިމަރަފުށި، ފޭދޫ އަދި ފުނަދޫ ދާއިރާ. ހައި ކޯޓުން ނިންމާފައި ވަނީ އެއިން އެއްވެސް ދާއިރާއެއްގެ އިންތިޚާބު ބާތިލްކުރަން ޖެހޭ ފަދަ ސަބަބެއް ނެތް ކަމަަށް. 23-04-2014 10:23 މިހާރު ކުރިއަށް ދަނީ ފެލިދޫ ދާއިރާގެ އިންތިޚާބުގެ މައްސަލައިގެ ޝަރީއަތް. ނޮޅިވަރަމް ދާއިރާގެ އިންތިޚާބުގެ ޝަރީއަތް ފެށުމަށް ހަމަޖެހިފައި ވަނީ 10:40ގައި. 23-04-2014 10:19 ފޭދޫ ދާއިރާގެ އިންތިޚާބު ބާތިލްކުރުމަށް އެދި ހުށަހެޅުއްވީ އެމްޑީޕީގެ ޓިކެޓްގައި އެ ދާއިރާ އަށް ވާދަކުރެއްވި މުހައްމަދު ނިހާދު. ނިހާދުގެ އެ ދައުވާގައިވާ ގޮތުން އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި ސިހުރު ކަމަށް ބެލެވޭ އެއްޗެއް ލިޔެފައި ހުރި ކިހާކެއް ބައެއް ތަންތަނުގައި، ޕީޕީއެމްގެ ކެންޑިޑޭޓް އިބްރާހިމް ދީދީގެ ފަރާތުން ވަޅުލި. 23-04-2014 10:13 ފޭދޫ ދާއިރާގެ އިންތިޚާބު ވެސް ބާތިލްކުރާނެ ތަނެއް ނެތް ކަމަށް ހުކުމްކޮށްފި. 23-04-2014 10:13 މިހާރު ކުރިއަށް ދަނީ ފެލިދޫ ދާއިރާގެ އިންތިޚާބުގެ މައްސަލައިގެ ޝަރީއަތް. ފޭދޫ ދާއިރާގެ އިންތިޚާބުގެ ޝަރީއަތް ވެސް ކޯޓުގައި ކުރިއަށް އެބަދޭ. 23-04-2014 10:02 ފުނަދޫ ދާއިރާގެ އިންތިޚާބު ބާތިލްކޮށް ދިނުމަށް އެދި ހުށަހަޅާފައި ވަނީ އެމްޑީޕީގެ ޓިކެޓްގައި އެ ދާއިރާ އަށް ވާދަކުރި އައްބާސް މުހައްމަދު. އެ އިންތިޚާބު ކާމިޔާބުކުރެއްވީ އެ ދާއިރާގެ މިހާރުގެ ވެސް މެމްބަރު އަލީ ސަލީމް. ސަލީމަކީ ސަރުކާރު ކޯލިޝަންގެ މައި ޕާޓީ، ޕީޕީއެމްގެ މެމްބަރެއް. 23-04-2014 09:58 ފުނަދޫ ދާއިރާގެ އިންތިޚާބު ވެސް ބާތިލްކުރާނެ ތަނެއް ނެތް ކަމަށް ހުުކުމްކޮށްފި. 23-04-2014 09:50 ޖުމްހޫރީ ޕާޓީން ހުށަހެޅީ ކުރެންދޫ ދާއިރާގެ އިންތިޚާބުގެ ނަތީޖާ ބާތިލްކުރުމުގެ ބަދަލުގައި ވޯޓުގެ ނަތީޖާ އަލުން ގުނުމަށް. ތިމަރަފުށީ ދާއިރާގެ އިންތިޚާބު ބާތިލްކުރަން ހުށަހަޅުއްވީ އެ އިންތިޚާބުގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު ޕީޕީއެމްގެ ކެންޑިޑޭޓް އަހުމަދު ޝަރީފު. ތިމަރަފުށީ ދާއިރާގެ އިންތިޚާބު ކާމިޔާބުކުރެއްވީ އެމްޑީޕީގެ ޓިކެޓުގައި އެ އިންތިޚާބުގައި ވާދަކުރެއްވި މުހައްމަދު މުސްތަފާ. ނަމަވެސް، މުސްތަފާ ވަނީ ފަހުން ޕީޕީއެމްއާ ގުޅިވަޑައިގެންފައި. 23-04-2014 09:43 ތިމަރަފުށި ދާއިރާގެ އިންތިޚާބު ބާތިލްކުރާނެ ތަނެއް ނެތް ކަމަށް ހުކުމްކޮށްފި. 23-04-2014 09:42 ކުރެންދޫ ދާއިރާގެ އިންތިޚާބުގެ ވޯޓު އަލުން ގުނާނެ ތަނެއް ނެތް ކަމަށް ހުކުމްކޮށްފި. 23-04-2014 09:36 މިހާރު ކުރިއަށް ދަނީ ކުރެންދޫ ދާއިރާގެ އިންތިޚާބުގެ މައްސަލަ. އެ މައްސަލަ ހުށަހެޅުއްވީ އެ އިންތިޚާބުގައި ވާދަކުރެއްވި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް އަހުމަދު މޫސާ. 23-04-2014 09:29 ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ އިންތިޚާބާއި ކާށިދޫ ދާއިރާގެ އިންތިޚާބު ބާތިލްކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ހައި ކޯޓުން ވަނީ ދާދި ދެންމެއަކު ހުކުމްކޮށްފައި. ހިތަދޫ މެދު ދާއިރާގެ މައްސަލަ ހުށަހެޅުއްވީ އެ ދާއިރާ އަށް ކުރިމަތިލެއްވި ޕީޕީއެމްގެ ކެންޑިޑޭޓް ހިޔަލީ މުހައްމަދު ރަޝީދު. ކާށިދޫ ދާއިރާގެ މައްސަލަ ހުށަހެޅުއްވީ އެ ދާއިރާގެ އިންތިޚާބުގައި ވާދަކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް އަބްދުﷲ ޖާބިރު. ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ އިންތިޚާބާއި ކާށިދޫ ދާއިރާގެ އިންތިޚާބު ބާތިލްކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ހައި ކޯޓުން ދެންމެއަކު ހުކުމްކޮށްފި އެވެ. (ތަފްސީލް އަންނަނީ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ