ހުކުމަށް ފިލައިގެން އުޅޭކަމަށް ބުނެ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގައިފި އެވެ.
ނަޝީދާއި ގާސިމަށް ޗިޓް ފޮނުވާފައިވަނީ ޓްވިޓާ މެދުވެރިކޮށެވެ.
ނަޝީދާއި ގާސިމަށް ވަކިވަކިން ފޮނުވި ޗިޓްގައި ބުނެފައިވަނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގައި ދަށުގައި ހުކުމް ތަންފީޒުކުރަމުން ގެންދަނިކޮށް ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރުމަށްޓަކައި ފޮނުވާލުމުން، ބޭސްފަރުވާ ކުރުމަށް ހުއްދަ ދީފައިވާ މުއްދަތު ހަމަވުމަށްފަހު އަނބުރާ ރާއްޖެ އައިސްފައި ނުވާތީ އެކަމާއި ގުޅިގެން ބަޔާން ނެގުމަށެވެ.
އިނގިރޭސީ ވިލާތުގެ ހިމާޔަތް ހޯއްދަވައިގެން ހުންނެވި 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގާފައި ވަނީ އަންނަ ހޯމަ ދުވަހުގެ ހެނދުނު 10 ޖަހާއިރަށެވެ. އަދި ސިންގަޕޫރަށް ބޭސްފަރުވާ އަށް ވަޑިގެންނެވުމަށް ފަހު ޖަރުމަނުވިލާތުގެ ހިމާޔަތް ހޯއްދަވައިގެން ހުންނެވި 3 އަހަރުގެ ޖަލުހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޖުމްހޫރީ ޕާޓީގެ ލިޑަރު ގާސިމް އިިބްރާހީމް ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގާފައިވަނީ ހަމަ އެދުވަހުގެ މެންދުރު 2 ޖަހާއިރަށެވެ.
ޗިޓާއެކު ފޮނުވާފައިވާ ލިޔުމުގައި ވަނީ މަގުބޫލު އުޒުރެއް ދިމާވެގެން ހާޒިރު ނުވެވޭނަމަ ގަޑި ޖެހުމުގެ 1 ގަޑިއިރު ކުރިން އެ އުޒުރެއް ބަޔާންކޮށް ލިޔުމަކުން ޗިޓާއެކު ހާޒިރުވާން އެންގި ޕޮލިސް ސްޓޭޝަނަކަށް ނުވަތަ ފުލުހުންގެ މަރުކަޒަށް ފޮނުވަންވާނެ ކަމަށެވެ. އަދި ލިޔުން ހަވާލުކުރާނީ އެތަނެއްގެ ރިސެޕްޝަން ޑެސްކަށް ކަމަށް ބުނެފައި ވެއެވެ.
މީގެ އިތުރުން މަގުބޫލު އުޒުރެއްނެތި ހާޒިރު ނުވެވޭ ފަރާތްތަކާމެދު ގާނޫނުލްއުގޫބާތުގެ 530 އަދި 533 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އެމީހަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ބުނެފައި ވެއެވެ. އަދި ހާޒިރުނުވެވޭ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ބެލުމަށް ފަހު ދައުވާ ކުރުމަށް ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާނެކަމަށް ބުނެފައި ވެއެވެ. މީގެ އިތުރުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ބޭނުންވާނަމަ ހާޒިރުވާއިރު ގާނޫނީ ވަކީލަކާއެކު ހާޒިރުވުމަށް ބުނެފައި ވެއެވެ.
ނަޝީދާއި ގާސިމް ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ