ގަވައިދު ނެތި ޝަރީއަތް ކުރިއަށް ގެންދަން ސުޕްރީމް ކޯޓުގެ ލަފާއަށް އެދެނީ

ރާއްޖޭގެ އަދުލުގެ ނިޒާމަށް ބޮޑު އިންގިލާބެއް ގެނައި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ސުޕްރީމް ކޯޓުން ހަދަންޖެހޭ ގަވައިދުތައް ނަހަދަވާ ދަނޑިވަޅެއްގައި ޝަރީއަތްތައް ކުރިއަށް ގެންދިޔުމާ ގުޅޭ ގޮތުން އެ ކޯޓުގެ ލަފާ ހޯދަން ކުރިމިނަލް ކޯޓުން ނިންމައިފި އެވެ.
ކުރިމިނަލް ކޯޓުން މިގޮތަށް ނިންމާފައިވަނީ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް އުފުލާފައިވާ ޝަހުސު އޮޅުވާލުމުގެ ދައުވާގައި މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގަ އެވެ. މިއަދުގެ އަޑުއެހުމުގައި ފާރިސްގެ ވަކީލް މައުމޫން ހަމީދު ވަނީ ގަވައިދުތައް ނެތި ޝަރީއަތް ގެންދެވޭނީ ކޮން އުސޫލުކުންތޯ ސުވާލުކޮށް އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
އެކަމާ ގުޅޭ ގޮތުން މައްސަލަ ބައްލަވާ ގާޒީ އިބްރާހިމް އަލީ ވިދާޅުވީ، އެކަމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުގެ ލަފާ ހޯދަން މިއަދު އެ ކޯޓަށް ހުށަހަޅާނެ ކަމަށެވެ. އެކަމުގައި އަމަލުކުރާނީ ސުޕްރީމް ކޯޓުގެ ލަފާގެ މަތިން ކަމަށާއި ޝަރީއަތް މަޑުޖައްސާލަން އަންގައިފިނަމަ އެކަން ކުރައްވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތުން ގަވާއިދުތައް ހަދަންޖެހޭނީ ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހާއި ގާނޫނު ތަންފީޒުކުރާ އިދާރާތަކުންނާއި ސުޕްރީމް ކޯޓުންނެވެ. ޕީޖީ އޮފީހާއި އޭސީސީއިން ވަނީ ގަވައިދު އާންމުކޮށްފަ އެވެ. ގާނޫނުގައިވާ ގޮތުން ގަވާއިދުތައް، ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ތިން މަސް ދުވަހުގެ ތެރޭގައި ހަދައި ނިންމަން ޖެހޭނެ އެވެ. ނަމަވެސް ގާނޫނުގައިވާ މުއްދަތު އިއްޔެއަށް ހަމަވިއިރު ސުޕްރީމް ކޯޓުން ގަވާއިދުތައް އެކުލަވާލާފައެއް ނުވެ އެވެ. އެ ކޯޓުން އެކުލަވާލަންޖެހެނީ ޝަރީއަތްކުރުމާ ގުޅޭގޮތުން ހަދަންޖެހޭ ގަވާއިދުތަކެވެ.
ގަވައިދުތައް ނެތި ޝަރީއަތް ހިންގާ މައްސަލަ މައުމޫން ހަމީދު ވަނީ ހައިކޯޓަށް ހުށަހަޅުއްވާފަ އެވެ. ނަމަވެސް އެ މައްސަލަ އެ ކޯޓުން ވަނީ ބޭރުކޮށްފަ އެވެ.
މިއަދު އަޑުއެހުމަކީ ފާރިސްއަށް ކުރާ ޝަހުސު އޮޅުވާލުމުގެ ދައުވާގެ ޝަރީއަތް ފެށުމަށް ބޭއްވި އަޑުއެހުމެކެވެ. ޕީޕީއެމްގެ ދިދަ އާއި ލޯގޯ ބޭނުންކުރި ކަމަށް ބުނެ އުފުލާފައިވާ ދައުވާގެ ޝަރީއަތުގެ އަޑުއެހުމުގައި މައުމޫން ހަމީދު ވަނީ ޖަވާބު ތައްޔާރުކުރުމަށް އެކަށީގެންވާ ފުރުސަތު ނުލިބޭކަން ފާހަގަކުރައްވާފަ އެވެ. އެގޮތުން ފާރިސް ބަންދުގައި ހުންނަވާތާ 84 ދުވަސްވީިއިރު ބައްދަލުކުރަން ފުރުސަތު ލިބިފައިވަނީ ހަތް ފަހަރަށް ކަމަށް މައުމޫން ހަމީދު ވިދާޅުވި އެވެ. މިއަދުގެ އަޑުއެހުމުގައި ޖަވާބުދާރީވެވެން ނެތް ކަމަށް ވިދާޅުވުމުން މި މަހުގެ 22 ވަނަ ދުވަހަށް ވަނީ އެކަމަށް އަޑުއެހުމެއް ތާވަލުކޮށްފަ އެވެ.
މިއަދުގެ އަޑުއެހުމުގައި މައުމޫން ހަމީދު ވަނީ މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ފާރިސް ހާޒިރުކުރުމަށް މަޖިލީހަށާއި ކަރެކްޝަން ސާވިސްގެ މައްޗަށް އަމުރެއް ނެރެދިނުމަށް އެދިފަ އެވެ. ނަމަވެސް އެކަމާ ގުޅޭ ގޮތުން ޝަރީއަތުން ގޮތެއް ނުނިންމަ އެވެ.
އޭގެއިތުރުން ފާރިސް ބަންދުން ދޫކޮށްލުމަށް ވެް މައުމޫން ހަމީދު ވަނީ އެދިވަޑައިގެންފަ އެވެ. ނަމަވެސް އެކަމާ ގުޅޭ ގޮތުން ޝަރީއަތުން ބުނެފައިވަނީ ފާރިސް ބަންދުކޮށްފައިވަނީ އެހެން މައްސަލައަކާ ގުޅޭ ގޮތުން ކަމަށްވުމުން މި މައްސަލާގައި އެކަމަށް ގޮތެއް ނުނިންމާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ