2018 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، ހޮވާނީ އެއްލަކިން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
މިރޭ ގއ. ވިލިގިލީގައި ޕީޕީއެމްއިން ކުރިއަށްގެންދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މޫސަ ވިދާޅުވީ، ރައީސް ޔާމީނާއެކު މަސައްކަތްކުރައްވަނީ އެމަނިކުފާނަކީ ހުޅުހެންވޭރު ދާއިރާއަށް އެންމެ ބޮޑަށް ތަރައްޤީ ގެންނަވާ ރައީސް ކަމަށް ވެފައި، ދާއިރާއަށް އެމަނިކުފާނު ގެންވަވާ ތަރައްޤީގެ ހުރަހަކަށްވާން ބޭނުންނުވާތީ ކަމަށެވެ.
"އަޅުގަނޑުމެން ޤަބޫލުކުރާ ޑިމޮކްރެސީއަކީ، މިރާއްޖެއަށް މީހަކު ރަނގަޅުކަމެއް ހިފައިގެން އަތުވެއްޖެއްޔާ އެމީހަކަށް ތާއީދުކޮށްގެން، އެމީހަކާއެކީ މަސައްކަތްކުރުން" މޫސަ ވިދާޅުވިއެވެ.
ރާއްޖޭގެ ސިޔާސީ އިދިކޮޅު ފަރާތްތަކަށް އިޝާރާތްކުރައްވަމުން މޫސަ ވިދާޅުވީ، މާދަމާވެސް ވެރިކަން ލިބިއްޖެނަމަ ރާއްޖޭގައި ކުރިއަށްގެންދާ ތަރައްޤީގެ ގިނަ މަޝްރޫޢުތައް ވަގުތުން ހުއްޓުވާލާނެކަމަށް ރައީސް ނަޝީދު ވިދާޅުވަމުންގެންދަވާ ކަމަށެވެ. އެހެންކަމުން ކަންކަން ހިނގާ ގޮތް އޮޅުވާނުލެއްވުމަށާއި، ރާއްޖެއަށް އެމްޑީޕީން ގެންނަން ނޭދުނު ތަރައްޤީ މިއަދު ފެންނާން ފެށުމުން އެކަން ބަދަލުކޮށްލާން މަސައްކަތް ނުކުރެއްވުމަށް އެމަނިކުފާނަށް މޫސަ ވަނީ ގޮވާލައްވާފައެވެ.
"ރައީސް ޔާމީނުގެ ސަރުކާރުގަ އުޅުއްވާފަ މިބޭފުޅުންނަށް ވީގޮތަކީ، ރައީސް ޔާމީން ވަޑައިގެންނެވި ސްޕީޑެއްގައި ފައިވާނަށް އަރައިގެނެއް ނުދެވޭ، ހުސް ފަޔަކާ ނުދެވޭ، މަސައްކަތެއް ކުރެވޭކަށް ނެތް، އަމިއްލައަށް ދައުލަތުގަ ތިބި މަޤާމުތަކުން އެއަށްވުރެ ބޮޑަށް ދާންވެއްޖެ،" މޫސަ ވިދާޅުވިއެވެ.
މޫސަ ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން މަސައްކަތްކުރަމުންދަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މަޤާމުން ދުރުކުރުމަށް ނޫން ކަމަށާއި، އެފަރާތްތަކުން މަސައްކަތްކުރައްވަނީ ރާއްޖެއަށް ބަޤާވާތެއް ގެނައުމަށް ކަމަށެވެ. އެހެން ނަމަވެސް އެފަރާތްތަކަށް އެފުރުސަތެއް ނުދެއްވާނެ ކަމަށް މޫސަ ވިދާޅުވިއެވެ.
"އެބޭފުޅުން ބޭނުންވާ އެއްވެސް ކަމެއް ނުކުރެވޭނެ. މައިނޯރިޓީއެއް މެޖޯރިޓީއެއް، އެއްޓީއެއްވެސް ކިޔާނެ ކަމެއްނެތް، ޤާނޫނުތަކާއި ޤަވާއިދުތަކާއި އުސޫލުތަކުގެ ބޭރުން ނިކުމެގެން ރައްޔިތުންގެ މަޖިލީސްތެރޭގައި އެބޭފުޅުންނަށް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ" މޫސަ ވިދާޅުވިއެވެ.
މޫސަ އިތުރަށް ވިދާޅުވީ، ކުރީން ޕީޕީއެމްއަށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އޮތީ ސުޕަ މެޖޯރިޓީކަމަށާއި، މިހާރު އެޕާޓީއަށް އޮތް މެޖޯރިޓީއާއެކުވެސް މަޖިލީހުގެ ތެރެއިން ޤާނޫނާ ޚިލާފަށް އިދިކޮޅު ފަރާތްތަކަށް ކަންކަން ނުކުރެއްވޭނެކަމަށެވެ.
2018 ގައި ރައީސް ޔާމީން ހޮވާނީ އެއްލަކިން: މޫސަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ