ސުޕްރީމް ކޯޓުގެ ޙުކުމް އަވަސް ކުރަން ނަޝީދު ސިފައިންގެ އެހީއަށް އެދިއްޖެ

ރައްޔިތުން މަޖިލީހުގެ ހަތަރު މެންބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުންނާއި ރައްޔިތުންގެ މަޖިލީހުން ނިންމާފައިވާ ނިންމެވުމާއި ގުޅިގެން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ އަވަސް ކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ސިފައިންގެ އެހީތެރިކަމަށް މިރޭ އެދިވަޑައިގެންފިއެވެ.
ރައީސް ނަޝީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ޤާނޫނު އަސާސީ ނެގެހެއްޓުމުގެ އެންމެ ބޮޑު ޒިންމާއެއް އުފުލަން ޖެހޭ ބަޔަކީ ދިވެހި ސިފައިން. މަޖިލިސް މެންބަރުންގ ގޮނޑި އާއި ގުޅޭ ޙުކުމް ކުރުމަށް ސުޕްރީމް ކޯޓަށް ބާރު އަޅައި ދެއްވާށެވެ."
ސުޕްރީމް ކޯޓުގެ ޙުކުމް އަވަސް ކުރަން ރައީސް ނަޝީދު ސިފައިންގެ އެހީތެރިކަމަށް އެދިވަޑައިގެންފައި ވާއިރު ރައްޔިތުން މަޖިލީހުގެ ހަތަރު މެންބަރުންގެ ގޮނޑި ގެއްލުނު މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން ވަނީ ނިންމާލާފައެވެ. ދެން އޮންނާނީ އެމައްސަލައިގައި ޙުކުމް ކުރުމެވެ. ނަމަވެސް ޙުކުމް ކުރާނެ ތާރީޚެއް ސުޕްރީމް ކޯޓުން އަދި އިއުލާން ކުރައްވާފައެއް ނުވެއެވެ.
ރައީސް ނަޝީދު އިއްޔެ އިންޑިއާގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ތެރެއިން ތިން ފަނޑިޔާރުން ސަރުކާރާއި ދެކޮޅު ވެފައިވާ ކަމަށެވެ.
ރައްޔިތުން މަޖިލީހުގެ ހަތަރު މެންބަރެއްގެ ގޮނޑި ގެއްލުނު މައްސަލަ ބައްލަވަނީ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. ކޮންމެ ފަނޑިޔާރަކަށް ވެސް އެފަނޑިޔާރެއްގެ ރައުޔު ވަކިން ނެރުމުގެ ފުރުސަތު އޮންނާނެއެވެ. މެންބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާނީ ފަނޑިޔާރުންގެ އަޣްލަބިއްޔަތު ޙުކުމުގައި މެންބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަަނޑައަޅައިފި ނަމައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ