މިއަދު ނޫހުގެ އެސެޓްސް ގާސިމް ގަނެފި

ރާއްޖޭގައި ޕްރިންޓްކޮށްގެން ނެރޭ ދެ ވަނައަށް އެންމެ ގިނަ ދުވަސްވީ ނޫސް "މިއަދު ނޫސް"ގެ އެސެޓްސް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ބައްލަވައިގެންފި އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އެ ނޫހުގެ އެސެޓްސް ގާސިމް ބައްލަވައިގެންފައި ވަނީ ބައި މިލިއަނެއްހާ ރުފިޔާ އަށެވެ. އަދި މިއަދު ނޫސް ހިންގި ކުންފުނީގެ ނޫސްވެރިންނާއި މުވައްޒަފުން ވަނީ "ވީ މީޑިއާ" ކުންފުނީގެ މުވައްޒަފުންގެ ޕޭރޯލަށް ބަދަލުކޮށްފަ އެވެ.
ހދ. އަތޮޅުގެ ކުރީގެ މެންބަރު އަދި ރައީސް މައުމޫންގެ ސަރުކާރުގައި ވަޒީރުކަން ކުރެއްވެވި އަހުމަދު އަބްދުﷲގެ މަސްއޫލުވެރިކަމުގައި 1993 ޝާއިއު ކުރަންފެށި މިއަދު ނޫސް ގާސިމް ބައްލަވައިގަތުމާ ގުޅިގެން އެ ނޫހުގެ އެޑިޓަރު އަބްދުއްލަތީފަށް ގުޅުމުން ވިދާޅުވީ "އެކަމުގައި ދަންނަވާނެ އެއްޗެއް ނެތް" ކަމަށެވެ. ނަމަވެސް ލަތީފު ވިދާޅުވީ އެ ނޫހުގެ ޕޮލިސީއަކީ ކުރީގެ ވެސް ޕޮލިސީ ކަމަށާއި އެއީ މިނިވަން ނޫސްވެރިކަންކަން ކުރުން ކަމަށެވެ. އަދި ވިދާޅުވީ ކުރީގެ މަސްއޫލުވެރިޔާ އަހުމަދު އަބްދުﷲ ވެސް ނޫސް ވަކި ގޮތަކަށް ހިންގަން ނާންގަވާ ކަމަށާއި މިހާރު ވެސް އެފަދަ އިންސްޓްރަކްޝަނެއް ނެތް ކަމަށެވެ.
މިއަދު ނޫހުގެ އެސެޓާއި މުވައްޒަފުން ވީ މީޑިއާގެ ކުންފުންނަށް ބަދަލުކޮށްގެން ހިންގަންފަށާފައިވާ އިރު ހާމަ ނޫހަށް ވެސް ހަރަދު ކުރައްވަމުން ގެންދެވީ ގާސިމް އެވެ. މިދިޔަ އަހަރުފެ ފަހުކޮޅުން ފެށިގެން ނެރުހުން ހުއްޓާލާފައިވާ ހާމަ ނޫހުގެ ނޫސް ވެރިން ވެސް ވަނީ ވީ މީޑިއާގެ ކުންފުންޏަށް ބަދަލުކޮށްފަ އެވެ.
މިއަދު ނޫހުގެ އެސެޓްސް ވިއްކާލި މައްސަލައާ ގުޅޭ ގޮތުން މިއަދު ނޫހުގެ މަސްއޫލުވެރިޔާ އަހުމަދު އަބްދުﷲ އަދި ގާސިމް އިބްރާހީމްގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ