މިގޮތަށް ގޮނޑި ގެއްލުވާލީމަ އަންނަނީ ހިނި: އަބްދުﷲ

ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ ގޮނޑި ފަސް އަހަރަށް ހަވާލުކުރީ ރައްޔިތުން ކަމަށާއި ގާނޫނާ ޚިލާފަށް އެ މަގާމު ގެއްލުވާލުމުން އަންނަނީ ހިނި ކަމަށް މެމްބަރު އަހްމަދު އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
މެމްބަރު އަބްދުﷲ އަހްމަދުގެ ގޮނޑި ވެސް ގެއްލިފައިވާ ކަމަށް ކަނޑައަޅައި އިލެކްޝަން ކޮމިޝަނުން މިއަދު ވަނީ މަޖިލީހަށް އަންގައިފަ އެވެ. މީގެ ކުރިން ހަ މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައި އިންތިހާބު ބާއްވަން އިލެކްޝަންސުން އަންނަނީ ތައްޔާރުވަމުންނެވެ.
އަބްދުﷲ ވިދާޅުވީ ގާނޫނުއަސާސީގެ ބާރު ކަނޑުވާލައި މި ސަރުކާރުން ވެރިކަން ކުރަމުންދަނީ ހިތުހުރި ގޮތަކަށް ކަމަށެވެ. މަޖިލީހުގެ މެމްބަރުންތަކެއްގެ ގޮނޑި ގެއްލުވާލަމުންދަނީ ވެސް އެ އުސޫލުގެ ދަށުން ކަމަށް ވިދާޅުވި އެވެ.
"ރައީސް އަބްދުﷲ ޔާމީންގެ އަންދާ ގާނޫނުގެ ދަށުން ގޮނޑި ގެއްލުވާލީމަ އަންނަނީ ހިނި. ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގައިވާ ގޮތަށް އަޅުގަނޑާ މަގާމު ހަވާލުކުރީ ރައްޔިތުން. އެ މަގާމުގައި އަޅުގަނޑު ދެމިއެބަހުރިން،" އަބްދުﷲ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ގާނޫނުއަސާސީ އާއި މެމްބަރުންނާ ދެކޮޅަށް ސަރުކާރުން ހިންގަމުންދާ އަމަލުތައް ހުއްޓުވަން ރައްޔިތުން ނިކުންނަން ޖެހެ އެވެ. ވެރިކަމުގެ ބާރު ފެށެނީ ރައްޔިތުންގެ ކިބައިން ކަމަށްވާއިރު ރައްޔިތުން ހޮވާފައި ތިބި މަންދޫބުންނާ މެދު ހިތުހުރި ގޮތަކަށް ސަރުކާރަށް އަމަލުނުކުރެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
މެމްބަރު އަބްދުﷲ އިންތިހާބުވެވަޑައިގެންނެވީ ޖުމްހޫރީ ޕާޓީގެ ޓިކެޓުގަ އެވެ. ފަހުން ޕީޕީއެމާ ގުޅިވަޑައިގަތުމަށް ފަހު އެ ޕާޓީން ވަކިވެވަޑައިގަތީ ސަރުކާރުގެ ސިޔާސަތުތަކާ މެދު ހިތްހަމަޖެހިވަޑައިނުގެންނެވެ.
މެމްބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކުރިއަސް، އެ ހުކުމް ކުރުމާ ހަމައަށް އެއްވެސް މެމްބަރެއްގެ މެމްބަރު ކަމާ ދޭތެރޭ ސުވާލު އުފައްދާނެ ޖާގައެއް ނެތް ކަމަށް އެ ކޯޓުން ވަނީ ނިންމައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ