ފާރިސްގެ މައްސަލަ ބަލާ ބެންޗް ބަދަލުކުރީ ސުޕްރީމް ކޯޓުގެ އަމުރަކާ ޚިލާފަށް: މައުމޫން

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ބަންދުކުރި މައްސަލައިގެ އިސްތިއުނާފް މައްސަލަ ބަލަމުން ގެންދިޔަ ބެންޗަށް ބަދަލު ގެނެސްފައި ވަނީ ސުޕްރީމް ކޯޓުގެ އަމުރަކާ ޚިލާފަށް ކަމަށާއި އެކަން ހުއްޓުވައިދިނުމަށް ފާރިސްގެ ވަކީލުން ސުޕްރީމް ކޯޓުގައި މިއަދު އެދިވަޑައިގެންފި އެވެ.
މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ހުށަހެޅުމުގެ ތުހުމަތުގައި ފާރިސް ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކުރި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކޮށް، ހުކުމާ ހިސާބުގައި މައްސަލަ އޮއްވާ އެ މައްސަލަ ބަލާ ބެންޗަށް ވަނީ ބަދަލު ގެނެސްފަ އެވެ. އެކަމަކު ގެނެސްފައިވަނީ ކޮން ބަދަލެއް ކަމެއް ސާފެއް ނުވެ އެވެ.
އެކަމާ ގުޅިގެން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަށް ފާރިސްގެ ވަކީލް މައުމޫން ހަމީދު މިއަދު ފޮނުއްވި ސިޓީގައި ވަނީ ބެންޗު އެކުލަވާލާފައި ވަނިކޮށް ޝަރުއީ އަދި ގާނޫނީ ސަބަބެއް ނެތި ބެންޗަށް ބަދަލު ނުގެނެވޭނެ ކަމަށް ސުޕްރީމް ކޯޓުގެ އަމުރަކުން 2012 ގައި ކަނޑައަޅާފައިވާ ކަމަށެވެ. އެހެންވެ ފާރިސްގެ މައްސަލަ ބަލާ ބެންޗަށް ބަދަލު ގެނެސްފައި ވަނީ އެ އަމުރާ ޚިލާފަށް ކަމަށް އެ ސިޓީގައިވެ އެވެ.
އެ ސިޓީގައި މައުމޫން ހަވާލާ ދެއްވާފައިވާ ސުޕްރީމް ކޯޓުގެ އަމުރަކީ ބޯޑާ ކޮންޓްރޯލް މައްސަލަ ހައި ކޯޓުން ބަލަމުން ގެންދަނިކޮށް އެ މައްސަލަ ބެލި ބެންޗަށް ބަދަލު ގެނައުމުން ސުޕްރީމް ކޯޓުން އޭރު ނެރުނު އަމުރެކެވެ.
މައުމޫންގެ ސިޓީގައި އެދިވަޑައިގެންފައި ވަނީ ބެލެނިވެރިކަމުގެ އިހްތިސާސްގެ ދަށުން، މަތީ ކޯޓުތަކުން ފިޔަވަޅު އެޅުމުގެ ގަވާއިދުގެ ދަށުން އެ މައްސަލާގައި ސުޕްރީމް ކޯޓުން ފިޔަވަޅު އަޅައި، ކުރިން ފާރިސްގެ މައްސަލަ ބެލި ބެންޗުން އެ މައްސަލައިގެ ހުކުމް އިއްވުމަށް އަމުރުކޮށް ދިނުމަށެވެ.
އެގޮތަށް މައުމޫން އެދިވަޑައިގަތްއިރު ބެންޗަށް ބަދަލު ގެނުމަށް ފަހު އެ މައްސަލާގެ އަޑުއެހުމެއް މާދަމާ ހައި ކޯޓުގައި ބާއްވަން ވަނީ ހަމަޖައްސައިފަ އެވެ.
އެ ސިޓީގައި އިތުރަށް ވަނީ ސުޕްރީމް ކޯޓުގެ ނިންމުމަކާ ޚިލާފަށް ކުރިން އަމަލުކުރި ފަނޑިޔާރެއްގެ ޝަރުއިއްޔަތާއި ވިލާޔަތު ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން މި އަހަރު ކުރީކޮޅު ނިންމި ކަމަށާއި އެ ނިންމުން ނިންމާފައި ވަނީ ވެސް ބެލެނިވެރިކަމުގެ އިހްތިސާސްގެ ދަށުން ފިޔަވަޅު އަޅައިދިނުމަށް ބަންޑާރަ ނައިބުގެ ފަރާތުން ހުށަހެޅުމުން ކަމަށެވެ. އަދި އެ ފިޔަވަޅު އަޅާފައި ވަނީ އެ ހުށަހެޅުން ހުށަހެޅި ދުވަހު ކަމަށް އެ ސިޓީގައި މައުމޫން ވިދާޅުވެފައިވެ އެވެ.
ފާރިސްގެ މައްސަލާގައި ބެލެނިވެރިކަމުގެ އިހްތިސާސްގެ ދަށުން ފިޔަވަޅު އަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅިތާ 20 ދުވަސް ވެފައިވާއިރު ވެސް އެކަމާ މެދު ގޮތެއް ނިންމާފައި ނުވާ ކަމަށާއި އެކަމުގައި އަވަހަށް ގޮތެެއް ނިންމަންޖެހޭނެ ކަމަށް އެ ސިޓީގައި މައުމޫން ވިދާޅުވެފައިވެ އެވެ.
މެމްބަރުންނަށް ރިޝްވަތު ހުށަހެޅުމުގެ ތުހުމަތުގައި ފާރިސަށް ދައުވާކޮށް، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ވަނީ ފޮނުވައިފަ އެވެ. އެންމެ ފުރަތަމަ ފާރިސަށް ކުރީ ރިޝްވަތު ހިފުމުގެ ދައުވާ ކަމަށްވިޔަސް މިހާރު ވަނީ އެ ދައުވާ އިސްލާހުކޮށް، ރިޝްވަތު ހުށަހެޅުމުގެ ދައުވާ އަށް ބަދަލުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ